

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންކަމަށްވާ ޑރ އަޒްމިރާލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރިއިރު އެ ދެ ފަނޑިޔާރުންނާ އަދި ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދުގެ މައްޗަށް ހިންގާ ޖިނާއީ ތަހުގީގު ދަނީ ކުރިއަށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކުރުމުން، ކުރީގެ ފަނޑިޔާރު މަހާޒުގެ ރައްދެއް އަމާޒުކުރައްވައިފިއެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންގެ މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުން ކަމަށް އޭސީސީގެ މީޑިއާ އޮފިޝަލް އައިޝަތު ސަމާ އާއި ހަވާލާދީ އަދަދު ނޫހުގައިވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ މައްސަލަ އާއި ގުޅިގެން ހަމައެކަނި ހާމަކުރެވެން އޮތީ މައްސަލަ ތަހުގީގު ކުރަމުންދާ ވާހަކަ އެކަނި ކަމަށްވެސް ވެއެވެ.
މިކަމަށް ރައްދު ދެއްވާ މަހާޒު އެމަނިކުފާނުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 03 މަސްދުވަހަށްވުރެ ގިނަ ދުވަސް ހޭދަވެފައިވާއިރު ސުވާލުކޮށް ނުލާ މައްސަލަ ބާއްވައިގެން ތިބުމަކީ ތަހުގީގު ކުރުމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ގާނޫނުގައި ބުނާ ހިމާޔަތް އޭސީސީގެ މެމްބަރުންނަށް ލިބޭނީ ހެޔޮ ނިޔަތުގައި ގާނޫނާ އެއްގޮތަށް އަމަލުކޮށްގެންކަން ފާހަގަކުރައްވާ މަހާޒު ވިދާޅުވީ އެހެން ނޫންނަމަ މެމްބަރުން އަމިއްލައަށް ފަރުދީ ގޮތުން ދައްކަންޖެހޭނެ އަގު މާބޮޑުވާނެކަމަށެވެ.
އޮޔާއި ވައި ބަދަލުވާ ވަގުތާއި އެކަންކަމުން ނުކުންނަ ނަތީޖާ އެންމެނަށް ވެސް އެނގޭ ކަމަށް ވިދާޅުވެ މަހާޒު ވަނީ މަޖާޒީ މިސާލެއް ޖައްސާފައެވެ.
މަހާޒުގެ މިފަދަ ރައްދެއް އަމާޒުކުރައްވާފައިވާއިރު، ފަނޑިޔާރުންގެ މައްޗަށް އޭސީސީން ހިންގަމުންދަނީ ޖިނާއީ ތަހުގީގެއް ނަމަވެސް އެކަމާ ގުޅިގެން މިހާތަނަށް އެ ކޮމިޝަނުން އެއްވެސް ތަފްސީލެއް އާރްޓީއައި ހުށަހަޅައިގެންވެސް ހާމަ ނުކުރާކަން ފާހަގަ ކުރެވެއެވެ.
ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން އެ ފިޔަވަޅު އެޅީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުން ފަށަން ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ.
އަޒްމިރާލްދާ އާއި މަހާޒް ވެސް ވިދާޅުވެފައިވަނީ މިއީ އެ މައްސަލައަށް ނުފޫޒު ފޯރުވުމަށް ޖޭއެސްސީން އެޅި ފިޔަވަޅުތަކެއް ކަމަށެވެ.
އެ މައްސަލައިގައި ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދިނުމުން ހިއުމަން ރައިޓްސް ކޮމިޝަން އެޗްއާރުސީއެމް އާއި އިންޑިއާގެ ބާ އެސޯސިއޭޝަނާއި ދަ ލޯ އެސޯސިއޭޝަން ފޯ އޭޝިއާ އެންޑް ދި ޕެސިފިކް ލޯ އޭޝިއާގެ އިތުރުން ނޭޕާލުގެ ބާ އެސޯސިއޭޝަނުން އަދި އދ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ.