

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވެދާނެކަމަށް ލަފާކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރި ގޮތުގައި، މިދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެންދާ ދުވަސްވަރުކަމުން، ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަވިލާތައް ދެކުނު އަތޮޅުތަކަށް އަރަމުންދާކަން ފާހަގަކުރެވޭކަމަށާއި ވޭތުވެދިޔަ 24 ގަޑިއިރު ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށްފައިވާކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭވެހޭނެކަމަށާ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓުން ބުނެފައިވެއެވެ. އަދި ބައެއް ހިސާބުތަކުގައި އާންމު ވައި ގަދަވުމާއިއެކު ކަނޑުތައް ގަދަވުމުގެ ފުރުސަތު އޮތްކަމަށްވާތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.