

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އަމާޒުކޮށްގެން ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ފުންމިނަށް ހިންގައި އެ ކަމުގެ އަޑީގައިވާ ފަރާތްތައް ހޯދައި އިންސާފު ކަށަވަރުކޮށްދިނުމަށް ނަޝީދު ނިސްބަތްވާ ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި އެވެ.
2021 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ 8:27 ހާއިރު ގ. ކެނެރީގެ އިން ނަޝީދު ބޮޑީގާޑުންނާ އެކު ނުކުމެވަޑައިގެން ކާރުކޮޅާ ދިމާއަށް ވަޑައިގަންނަވަނިކޮށް ދިން ބޮމުގެ ހަމަލަ އަށް ހަތަރު އަހަރު ފުރުމާ ގުޅިގެން، އެ މަނިކުފާނު އިސްވެ އުފެއްދެވި ޑިމޮކްރެޓްސް ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލައަށް މިހާތަނަށް ވެސް އިންސާފު ނުލިބޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވުމާ ގުޅިގެން 16 ގަޑިއިރުގެ ދިގު ސާޖަރީއެއް އޭޑީކޭ ހޮސްޕިޓަލްގައި ކޮށްފައިވެ އެވެ. އަދި އޭގެ ފަހުން ރާއްޖެއިން ބޭރުން އެތައް ދުވަހެއް ވަންދެން ފަރުވާ ހޯއްދަވާފައިވެ އެވެ. އަދި އެ އާލާސްކަންފުޅުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އެވެ.
މިއަދަށް އެ ހަމަލާއަށް ހަތަރު އަހަރުވީއިރު، މި މައްސަލާއިގައި އިންސާފު ލިބިފައިނުވާކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ ޕާޓީން މިއަދު ނެރުނު ބަޔާނުގައި ވަނީ، މައްސަލާގައި ކުށަށް އިއުތިރާފުވި މީހެއްގެ މައްޗަށް ކުށް ސާބިތުވުން ފިޔަވައި، އިތުރު މީހެއްގެ މައްޗަށް ކުށް ސާބިތުކުރެވިފައި ނުވާ ކަމަށާއި ހަމަލާދިނުމުގެ އަޑީގައި އެއްވެސް ފަރާތެއް ވާކަން ވެސް ތަހުގީގުން ހޯދިފައިނުވާ ކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މިދިޔަ އަހަރުގެ މާޗު މަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައި ވިޔަސް، އެއަށް ފަހު އެކަމުގައި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެޅުއްވި ފިޔަވަޅެއް މިހާތަނަށް އެނގެން ނެތްކަމުގެ ކަންބޮޑުވުން ވެސް އެ ޕާޓީން ފާޅުކުރި އެވެ.
މިއީ ދުރާލާ ރޭވި އިންތިޒާމްވެގެން ހިންގި ޓެރަރިސްޓް ހަމަލާއެއް ކަމަށް ވިޔަސް އަދި ޓެރަރިޒަމަކީ އަނިޔާވެރިކަން އެކުލެވޭ ކުށްތަކުގެ ތެރެއިން ވެސް އެންމެ ސީރިއަސްކަން ބޮޑު އަދި ހާއްސަ ގާނޫނީ އުސޫލުތަކަކުން ފިޔަވަޅު އަޅައި އަމަލު ކުރުމަށް ހަމަޖެހިފައިވާ ކުށަކަށް ވާއިރު އެކަމުގެ ސީރިއަސްކަން ގެއްލުވާލާފައިވާ ކަމަށް ދެކެމެވެ، މި މައްސަލާގައި އިންސާފު ގާއިމުނުކުރެވިފައި ވުމުގެ އަސްލަކީ ވެސް މިއީ ކަމުގައި ދެކެމެވެ.
ނަޝީދަށް ދިން ބޮމުގެ ހަމަލާ އިންސާފުވެރިކަމާ އެކު ތަހުގީގު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އޭރު ރައީސް މުއިއްޒު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރަށް ހޯދައި ނުދެވުނު އިންސާފު އެ މަނިކުފާނުގެ ސަރުކާރުގައި ހޯދައި ދެއްވާނެ ކަަމަށެވެ.
ދައުލަތުން އެ މައްސަލާގައި ދައުވާކުރަނީ އަދުހަމްގެ އިތުރުން މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.