ޑރ ޖަމީލް / ތޭރަ އޮންލައިން
ސިޔާސީ
ރައީސް ޔާމީންގެ މައްސަލަ ބަލަން ނިންމުމަށްފަހު އެ މައްސަލަ އާއި ގުޅުން ހުރި މައްސަލަތައް ނުބަލަން ނިންމުމުން ޑރ ޖަމީލް ކަންބޮޑުވުން ފާޅު ކުރައްވައިފި
Hussain Nawaf
ހުސައިން ނަވާފް
07 މޭ 2025

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ ބަލަން ނިންމުމަށްފަހު އެ މައްސަލަ އާއި ގުޅުން ހުރި ހުރިހާ މައްސަލަތައް ނުބަލަން ނިންމުމުން އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ މުހައްމަދު ޖަމީލް އަހްމަދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަނިޔާ ލިބިގެންވާ މީހުންގެ ދުއާ މާތް ﷲ އިޖާބަ ދެއްވާނެކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.

އެގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒު ދަނީ ގިނަ ބަޔަކަށް އަނިޔާވެރިވަމުން ކަމާއި ވަކިން ހާއްސަކޮށް އެމަނިކުފާނުގެ އެންމެ ބޮޑު ވައުދު ރައީސް ޔާމީން މިނިވަން ކުރުމަށް ވީ ވައުދުގެ ވާހަކަ ފާހަގަ ކުރެއްވި އެވެ.

އެ ސުވާލުވެސް ކުރެވުނު. އެކަމު ވިދާޅުވީ ކީކޭ؟ އަދިވެސް ގަބޫލު ކުރަމޭ ސިޔާސީ ދައުވާއެއް ކަމަށް. މިހާރު ހުރި ޕީޖީ އަކީ ޕީއެންސީގެ ޕީޖީ، ކުރީގައި ހުރީ އެމްޑީޕީގެ ޕީޖީ، މާދަމާ އެހެން ސަރުކާރެއް އަތުވެއްޖެ ނަމަ އެ ސަރުކާރެއްގެ ޕީޖީ. އެއީ މި ރާއްޖޭގައި ކަން ކަން އޮތް ގޮތް. ކާކަށްތޯ އޮޅުވާލަން މިއުޅެނީ؟ ޕީޖީ އަކީ އޭރު އޮންނަ ސަރުކާރެއްގެ ޕީޖީ. އައްބާސް ޝަރީފަކީ ޕީއެންސީގެ ޕީޖީ. ޕީއެންސީން ބޭނުންވެގެން ޕީއެންސީން ނެގި ބޭފުޅެއް އެއީ. އެބޭފުޅާ ވަޑައިގަން ބޭއްވި ޕްރެސްގައި ވިދާޅުވީ މިހާރު ހުރި މައްސަލަތައް ތިމަންނަ އަދުލުވެރިކަމާއި އެކު ބެލުމަށްފަހު މުރާޖާ ކުރަނީއޭ. ރިވިއު ކުރަނީއޭ. އަޅުގަނޑުމެންވެސް ހުށަހެޅިން، ރައީސް ޔާމީންގެ މައްސަލައަށް އައީ ބޮޑު ނޯ އެއް.

- ޑރ ޖަމީލް

ނަމަވެސް ރައީސް ޔާމީންގެ މައްސަލަ އާއި ގުޅިފައި ހުރި އެހެން ފަރާތްތަކުގެ ހުރިހާ މައްސަލައެއް ނުބަލަން ނިންމިކަން ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.

އަދި އެއީ އަނިޔާވެރިވުން ނޫންތޯ ޑރ ޖަމީލްވަނީ ސުވާލު އުފައްދަވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved