theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ފަނޑިޔާރުންގެ މައްސަލަ އޮއްވައި، ޖުޑިޝަރީ ކޮމިޓީއަށް ބަދަލެއް ގެނެސްފި: ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ކޮމިޓީއިން ވަކިކޮށް، ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވަނީ އައްޔަނުކޮށްފައި -- / ސަން
ހަބަރު
ފަނޑިޔާރުންގެ މައްސަލަ ބަލަމުން ދަނިކޮށް، ޖުޑިޝަރީ ކޮމިޓީއަށް "ކުއްލި" ބަދަލެއް ގެނެސްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
07 މޭ 2025
މާލެ ސިޓީ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ހުށަހަޅާފައި އޮތް މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝިއަރީ ކޮމިޓީން ބަލަމުން ދިރާސާ ކުރަމުން ދަނިކޮށް، މިއަދު އެ ކޮމިޓީއަށް "ކުއްލި" ބަދަލެއް ގެނެސްފި އެވެ.

ޖުޑިޝަރީ ކޮމިޓީގައި ހިމެނޭ 11 މެންބަރުންގެ ތެރެއިން ނުވަ މެންބަރުންނަކީ ޕީއެންސީގެ މެންބަރުންނެވެ. ދެން ތިބެނީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ދެ މެންބަރުންނެވެ. އެއީ އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫޒް ޒާކިރެވެ.

މަޖިލީހުގެ ރިޔާސަތުން މިއަދު އިއުލާން ކުރެއްވި ގޮތުގައި ކޮމިޓީގައި ޕީއެންސީއަށް ލިބިފައިވާ ސްލޮޓްތަކުގެ ތެރެއިން އެއް ސްލޮޓްގައި އިންނެވި މެންބަރު ވަނީ ބަދަލުކޮށްފަ އެވެ. އެއީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރެވެ. އޭނާގެ ބަދަލުގައި ކޮމިޓީއަށް އަލަށް އައްޔަން ކޮށްފައިވަނީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ އެވެ.

މި ބަދަލު ގެނައި ސަބަބެއް ނޭނގެ އެވެ. މިފަދަ "ކުއްލި" ބަދަލުތަކުން ކޮމިޓީތަކުގައި ހިނގާ ވަކިމައްސަލަތަކަކަށް ނުފޫޒު ފޯރުވުމަށް ދޮރު ހުޅުވެ އެވެ

ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ވަނީ ނިންމައިފަ އެވެ. މި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އަންނަނީ ބަލަމުން ނެވެ. ޖުޑިޝަރީ ކޮމިޓީގައި މި ވަގުތު އޮތީ ފަނޑިޔާރުން ވަކިކުރުމަށް ނިންމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ ރިޕޯޓް ދިރާސާކުރުމެވެ. އެ ކޮމިޓީން ނިންމާފައިވަނީ އެ ރިޕޯޓް މެންބަރުން ދިރާސާކުރުމަށް ފަހު، ކޮމިޓީއަށް އެއްވެސް ފަރާތެއް ހާޒިރުކުރަން ފެންނަ ނަަމަ، އެކަން ކުރާށެވެ.

ރައްޔިތުންގެ މަޖިލީހުގައި ގިނަ ކޮމިޓީތަކެއްގެ ބައްދަލުވުން މިއަދަށް ތާވަލުކޮށްފައިވީ ނަމަވެސް، ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް މިއަދަކު ނެތެވެ. އިއްޔެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ހެނދުނު 11:00 އަށް ތާވަލުކުރި އެވެ. އެކަމަކު، އެ ބައްދަލުވުން ފަހުން މެންދުރު 1:00 އަށް ބަދަލުކުރި އެވެ. ނަމަވެސް އެ ބައްދަލުވުން ފަހުން ކެންސަލްކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ. އެކަމަކު، ބައްދަލުވުން ކެންސަލްކުރި ސަބަބެއް ނުބުނެ އެވެ.

ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ފެށީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން އެދި ހުށަހަޅާފައި އޮތް މައްސަލަ ބަލަމުން އަންނަނިކޮށެވެ. ފަނޑިޔާރުން ސަސްޕެންޑުކުރީ އެ މައްސަލައިގެ އަޑުއެހުމެއް ފައްޓަން ކުޑަތަންވެފައި އޮއްވައެވެ.

އޭރު ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވައިފައެވެ. އޭނާގެ ބަދަލުގައި ހައިކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ހުސައިން ޝަހީދު ވަނީ މިހާރު ސުޕްރީމް ކޯޓަށް އައްޔަންކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved