

އާއެކެވެ. ދޮގު ހެދުން ކުށަކަށް ހަދައިފިނަމަ، އެންމެ ފުރަތަމަ އެކުށުގެ އަދަބުގެ ހުކުމެއް އިއްވަން ޖެހޭނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ކަމަށް ބުނާ ބުނުން އިތުރުވާން މިއަދު ފަށައިފި އެވެ.
ތެދެކެވެ. ދިވެހި ތާރީހުގައިވެސް މުއިއްޒުގެ ނަންލިޔެވިގެން ދާނީ ދޮގުވެރި މަކަރުވެރިއެއްގެ މުނާފިގެއްގެ ގޮތުގަ އެވެ. ވެރިކަމަށް އައުމުގެ ކުރިންވެސް އަދި ވެރިކަމަށް އައުމަށް ފަހުގައިވެސް ހަމަ އެންމެ ތެދެއްވެސް ނަހަދަނީ އެވެ. ތެދު ހެދުމަކީ މުއިއްޒު އެންމެ ކުރާ ހިތް ނުވާ ކަމެވެ. އަދި މުއިއްޒު އެންމެ ރުޅި އަންނަނީ ދޮގުގެ އިދިކޮޅު "ތެދު" ބުނާ މީހުން ދެކެ އެވެ.
މިކަމަށް އިތުރަށް ބާރު ލިބުނީ ނޫސްވެރިންނަށް ފިއްލަވާގެން އުޅުއްވުމަށްފަހު މި ފަހުން އެމަނިކުފާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ނެވެ. ނޫސްވެރިންގެ ސުވާލުތަކުގައި ކަންހިނގި ގޮތުގެ ތަފްސީލު ހާދިސާއާއެކު ތަފްސީލު ކޮށްދީ ސުވާލު ކުރުމުންވެސް މޫނަށް ރުލެއް އަރުވާނުލާ ރައީސް ގެންދެވީ ދޮދު ހައްދަވަމުން ނެވެ. މީގެ ތެރެއިން ބައެއް ދޮގު މި ރިޕޯޓްގައި ހިމަނާލާނަމެވެ.
އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ކަމަށްވީ މިދިޔަ ހޮނިހިރު ދުވަހު ރައީސް މުއިއްޒު "ރިކޯޑް" ހެއްދެވި ކަމަށް އެމަނިކުފާނުގެ ބޮޓުން ބުނާ ނޫސްވެރިންގެ ބައްދަލުވުމުގައި ވެރިކަމުގެ ހުވާ ކުރެއްވި ވަގުތުން ފެށިގެން ސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުން ނިމުމަކަށް އައިސްފައިވާ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައްދަވާފައި ވަނީ ބޮޑު ދޮގެއް ކަމަށާއި، ފަނޑިޔާރުގެ މިހާރު އޮތީ އެ މަނިކުފާނުގެ މުށުތެރެއަށް ލާފައި ކަމަށް ގަބޫލުނުކުރާ ގާނޫނީ ފަންނުވެރިއެއް، ނޫސްވެރިއެއް، ރައްޔިތެއް ހުދު ޕީއެންސީގެ ސަޕޯޓަރެއް ވެސް މި ގައުމުގައި ނެތެވެ.
ސުޕްރީމް ކޯޓު ހުއްޓުވާފައި އޮތީ ސަރުކާރުން ކޯޓަށް ނުފޫޒު ފޯރުވަން ކަމަށް އދ. އިން ވެސް ވަނީ ބުނެފަ އެވެ. އެ މައްސަލައިގެ ކަންބޮޑުވުން، އދ. ގެ ކަމާ ބެހޭ އެކްސްޕާޓު ވެސް ވަނީ ސަރުކާރާ ހިއްސާ ކުރައްވައިފަ އެވެ. އަދި ސުޕްރީމް ކޯޓަށް ނުފޫޒު ފޯރެވޭ ގޮތަށް ސީދާ ރައީސް އަންގަވައިގެން މަޖިލީހުން ބިލެއް ވެސް ފާސް ކުރި އެވެ.
މިދެންނެވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާފުކޮށް ރައްޔިތުންނަށް އޮޅޫވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވި ޖުޑީޝަރީގެ ތެރެއިން ހިނގާ ކަންކަމަށް ޖުޑީޝަރީން ޖަވާބު ދެއްވާނެ ކަމަށާއި ޖުޑީޝަރީގެ ތެރެއިން ހިނގާ ކަންކަމަށް އެމަނިކުފާނު ޒިންމާ ނަގަން ޖެހޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ޖުޑީޝަރީގެ ތެރެއަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ.
އަޅުގަނޑު ނުފޯރުވަމޭ ޖުޑީޝަރީއަކަށް ނުފޫޒެއް. ދުވަހަކު ވެސް. ޖޭއެސްސީ އަކީ އަޅުގަނޑު ކޮންޓްރޯލު ކުރާ ތަނެއް ނޫން. ޖުޑިޝަރީ އަކީ އަޅުގަނޑުގެ ކޮންޓްރޯލުގައި ހިންގާނެ ތަނެއް ނޫން
ރައީސް ވިދާޅުވި ވާހަކަތައް ދޮގުވާ ހިސާބަކީ މިހުރިހާ ވާހަކައެއް ޖުޑީޝަރީ ގުޅުވާ ދެއްކެވުމަށްފަހު ރައީސް ދެން ވިދާޅުވަނީ ޖުޑީޝަލް ޝާވިސް ކޮމިޝަންގެ ރައީސް އަށް އަދި އެތަނުގައި ތިއްބަވާ ބޭފުޅުންނަށް އެމަނިކުފާނު ގުޅުއްވާ ކަމަށާއި އެގޮތުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަ ހިނގާ ނުހިގާ ގޮތް ފޯނުން ގުޅުއްވައިގެން އެމަނިކުފާނު ތަކުރާރުކޮށް ބެއްލެވިން ކަމަށެވެ.
މަނިކުފާނު އެވެ. ޖޭއެސްސީ އަކީ ކޯޓުތަކުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލާ ތަނަށް ވެފައި ޖޭއެސްސީ އަށް މަނިކުފާނު ގުލުއްވާ ހެއްދެވުން އެއީ މަނިކުފާނަށް މައްސަލައަކަށް ނުވިޔަސް އެއީ މަނިކުފާނު ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ކަމަށް އަމިއްލަ އިއުތިރާފުން މިހާރު ވަނީ ރައްޔިތުންނަށް ސާބިތުވެފަ އެވެ. މަނިކުފާނަކީ މިހާތަނަށް ރާއްޖޭގެ ކޯޓުގަތުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލާ ޖޭއެސްސީ އަށް ގުޅުއްވާ ކަމަށް އަމިއްލައަށް އިއުތިރާފްވި ފުރަތަމަ ރައީސް އެވެ. ރެކޯޑަކަށް ވާނަމަ އަތް ޖައްސަވާ ށެވެ.
އަދި އެއް ވާހަކަ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ބަލާ ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އޮންނަނީ ރައީސް މުއިއްޒުގެ ކޮންޓްރޯލެވެ. އަދި ފަނޑިޔާރުންގެ މައްސަލަ ބެލި ކުޑަ ކޮމިޓީގައި ތިބޭ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންނަކީ ސީދާ ރައީސް އައްޔަން ކުރައްވާފައިވާ ދެ ބޭފުޅުންނެވެ. މުއިއްޒު ކޮންޓްރޯލް ކުރައްވާ ޖޭއެސްއީން މިހާރު ވަނީ 2 ފަނޑިޔާރަކު ވަކިކުރުމަށް ރައީސް މުއިއްޒު ކޮންޓްރޯލް ކުރައްވާ މަޖިލީހުގައި އެދި ފައެވެ. މިހާރު އެކަން އެދަނީ ފަތުއަޑު ކިޔާފަ ބާރު ސްޕީޑްގައި ކުރި އަށެވެ.
މިދެންނެވި ރައީސް މުއިއްޒު "ކޮސް ގޮވި ދިގު" ނޫސްވެރިންގެ ބައްދަލުވުމުގައި މުއްއިއްޒު ދެން ހެއްދެވި އަނެއް ބޮޑު ދޮގަކީ މި ސަރުކާރު ވެރިކަމަށް އައި ފަހުން 73 މުޒާހަރާކުރިއިރު، އެއްވެސް މީހަކަށް ދައުވާކޮށް ޖަލަށް ލާފައި ނުވާ ކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެ ހެއްދެވި ބޮޑު ދޮގެވެ. އިތުރުފުޅެވެ.
އަޅުގަނޑުމެން ވެރިކަން އައި ފަހުން 73 މުޒާހަރާކުރި އެނގޭތޯ. 73 މުޒާހަރާކުރިއިރުގައި 12 މީހުން އެއްވެސް ކަމެއްގައި ވެސް ނަގާފައިވަނީ. އެކަމަކު އެ ދެން މައުލޫމާތު ނަގާފައި ނޫނިއްޔާ އެ ދޫވެސްކޮށްލާ. އެކަކު ވެސް ނެތް ގައިމުވެސް ދައުވާއެއްކޮށް، ނޫނިއްޔާ ބަންދުކޮށް ޖަލަށް ލާފައެއް،
ރައީސް މުއިއްޒު ރޯމާ ދުވާލު މިފަދަ ބޮޑު ދޮގެއް ރައީސް އޮފީހުގެ ޓީވީގައި ލައިވްކޮށް ހެއްދެވި އިރު، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލުހޭދުކުރުމާ ދެކޮޅަށް މުޒާހަރާކޮށްގެން ހައްޔަރުކޮށް ޑރ. ޝަޒްރާ އިބްރާހިމް އާއި އައިޝަތު ޝާދިޔާއަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދައުލަތުން އުފުލާފައި ވަނީ ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އަދި އާންމު ތަނެއްގައި ހުރި މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، އެކަށީގެން ނުވާ ވަރަށް އަޑުގަދަކުރުމުގެ ކުށުގެ ދައުވާ އެވެ.
އެ ދެ މީހުންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވެއްޖެނަމަ، ދެ މީހުންގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ރައީސް މުއިއްޒު ބޭއްވެވި 15 ގަޑިއިރުން ރައްޔިތުން ހެއްވާ ނުލެވުނު އަދި "އޮއްޓަރެއް" ހުރި އެންމެ ވާހަކައެއް ވެސް ވިދާޅުނުވެވި ދޮގުން ފުރިފާވާ ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ދެން ހެއްދެވި އަނެއް ބޮޑު ދޮގަކީ ހަރަދު ކުޑަކުރުމުގެ ގޮތުން މިދިޔަ އަހަރު ފަހުކޮޅު ވަކިކުރި ކަމަށް ސަރުކާރުން ބުނާ 228 މީހުންގެ މައުލޫމާތު ހާމަ ކުރަން އިންފޮމޭޝަން ކޮމިޝަން (އައިކޮމް) އިން ރައީސް އޮފީހަށް އެންގި އެންގުން ހައި ކޯޓުގައި އިސްތިއުނާފުކުރިކަން ރައީސް މުހައްމަދު މުއިއްޒު ނޭނގޭ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަ އެވެ.
އަޅުގަނޑަކަށް ނޭނގޭ ތި ކޭސް، ތި ސްޓޭޓަސްގަ ހުރި ކަމެއް. އަޅުގަނޑު ބަލައިލާނަން. މައުލޫމާތު ހިއްސާނުކޮށް. ކޯޓަށް ނުދީ އޮވެގެން ނުވާނެ އިނގޭތޯ،
މަނިކުފާނު އެވެ. ހުދުމުހުތާރުވެ ހިޓްލަރު ވިޔަސް ތި ދެން ބޮޑުވަރެވެ. މަނިކުފާނުގެ އެޓާނީ ޖެނެރަލް (އޭޖީ) އާއި އޭނާގެ އޮފީހާ އި މަނިކުފާނުގެ އޮފީހުން މައުލޫމާތު ނުދޭން ޝަރުއީ ކޯޓުތަކަށް ގޮސް ދެ ބޯގެރި ދުއްވާ ކަން ވެސް މަނިކުފާނަށް ނޭނގޭ ކަމަށް ބުނުމުން ހުދު މަނިކުފާނުގެ ޒާތުފުޅަށް ވެސް ހުތުރު ނޫން ބާވަ އެވެ. ތިޔަ ވިދާޅުވެވުނީ އަމިއްލަ އޮފީހުގައި ހިނގާ ނުހިގާ ވެސް މަނިކުފާނަށް "ގެޓް" ނުވާ ވާހަކަ ތާ އެވެ.
މި ސަރުކާރު ވެރިކަމަށް އައީ 700 އަށްވުރެ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ ނުކުރާނެ ކަމުގެ ވައުދާއެކު އެވެ. ނަމަވެސް, އެ އަދަދު 6,000 އަށްވުރެ އިތުރުވާނެ ކަމަށް އެކި މަސްދަރުތަކުން ހޯދި މައުލޫމާތުތަކުން ވަނީ އެނގިފަ އެވެ.
ނޮވެމްބަރު 17, 2023، ގައި ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިނިސްޓްރީތަކަށް ނުތަކާ ވަރަށް މުވައްޒަފުން ވަނީ އައްޔަނުކޮށްފަ އެވެ. މިއަދާ ހަމައަށް އައިއިރު ވެސް މި ސަރުކާރުގައި ތިބި ޖުމުލަ ސިޔާސީ މުވައްޒަފުންގެ އަދަދެއް ނޭނގެ އެވެ.
ދޮގާ މަކަރު ފޮރުވުމާއި މީހާގެ މަވަންތަކަން ވަރަށް ބޮޑަށް ފެނިގެން ދިޔަ "ދިގު ދޮގު" ނޫސްވެރިންގެ ބައްދަލުވުން ރައީސް މުއިއްޒު ނިންމަވާލެއްވީ މި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ރައްޔިތުންނަށް ސާފުކޮށް ނުދީ އެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރުމުގެ ވައުދާ އަޅުގަނޑު ހިލާފެއް ނުވަން
މިފަދަ ކިތަންމެ ދޮގެއް ރައްޔިތުންނަށް ހާމަވެ ނޫސްވެރިންގެ ބައްދަލުވުން ނިމުނުއިރު އެމަނިކުފާނުގެ މޫނުމަތިންވެސް ފެނުނީ މާޔޫސް ކަމާއި ވަރުބަލިކަމެވެ. އަދި ދޮގުން ސަލާމަތްވުމަށް ދެން އަރާނެ ގޮޅިއެއް ނެތި ގޮތް ހުސްވެފައިވާ މަންޒަރު އެމަނިކުފާޏުގެ ބޮޑީ ލެންގްއޭޖް އިން ބެސް ބުނެދިނެވެ.
އިވުނު "ބޮޑެތި" ދޮގަށް ނަޒަރު ހިންގާލާއިރު ސަބަބުވެރި އިންސާނެއްގެ ސިނކުޑިން ވިސްނާލުމުން މުއިއްޒުގެ "ދޮގު ދިގު" ނޫސްވެރިންގެ ބައްދަލުވުން ފެންނަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާއަށް ރާއްޖެ މިސްރާބު ޖަހާފައިވާތަނެވެ. އަމިއްލަ އެދުމުން ފޯވެ ދައުލަތް އަމިއްލަ މިލްކަކަށް ހަދައިގެން އަނިޔާވެރި ޑިކްޓޭޓަރެއް ގައުމު ލޫޑުވާތަނެވެ. މިއަދު މުއިއްޒު ވެރިކަން ހިންގަވަން ގެންގުޅޭ "ސްޓްރެޓަޖީ" އަކީ ރައްޔިތުންގެ ހިތުގައި ބިރު އުފައްދައިގެން ދޮގު ހެދުމެވެ.