

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި އިންނެވި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރުގެ ބަދަލުގައި އެ ކޮމިޓީއަށް ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހަމަޖެއްސުމަށް ފަހު އެ ނިންމުން ބަދަލުކޮށްފިއެވެ.
ޖުޑީޝަރީ ކޮމިޓީއަށް މި ބަދަލު ގެނެސްފައިވާކަން ހާމަކޮށްފައިވަނީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
އެ ގޮތުން ކޮމިޓީގައި ހިމެނިވަޑައިގަންނެވި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރުގެ ބަދަލުގައި އެ ކޮމިޓީއަށް ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އައްޔަންކުރި ކަމަށް ރިޔާސަތުން އިއުލާނުކުރިއެވެ.
އެ ބަދަލު ގެނައީ ޕީއެންސީ އިން އެދިގެންނެވެ. ނަމަވެސް މި ބަދަލު ގެންނަން އެދުނު ސަބަބެއް ޕީއެންސީން އޭރު ސާފެއް ނުކޮށްދެއެވެ.
ނަމަވެސް ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް މިއަދު ބޭއްވި ބައްދަލުވުމުގައި ވީ ގޮތް ސާފުކޮށްދެއްވަމުން ވިދާޅުވީ ނިޒާރުގެ ބަދަލުގައި އެހެން މެންބަރަކު ހަމަޖެއްސެވީ އޭރު އޭނާ ރަސްމީ އިވެންޓެއްގައި ހުންނެވުމުން ކަމަށެވެ.
އެހެންކަމުން މެންބަރު އެނބުރި މާލެ ވަޑައިގަތުމުން ކުރިން އޮތް ގޮތަށް އަލުން ކޮމިޓީ ބަދަލުކުރީ ކަމަށް ހުސްނީ މުބާރަކް އިއުލާނުކުރެއްވިއެވެ.
އަދި ފާހަގަ ކުރެވޭ ގޮތުގައި ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ އެޖެންޑާގައި ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަހާޒް އަލީ ޒާހިރާއި ޑރ އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ފޮނުވި މައްސަލައެއް ނެތެވެ.
އަޒްމިރަލްދާ އާއި މަހާޒުގެ އިތުރުން ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރީ 26 ފެބްރުއަރީގަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.
އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ.
އެގޮތުންް ސުޕްރީމް ކޯޓު ދުސްތޫރީ މައްސަލައެއް ނުބެލޭނެހެން ޕެރެލައިޒްކޮށްލައިފައި އޮންނަތާ 2 މަހަށް ވުރެއް ގިނަ ދުވަސް ވެފައިވާކަން ފާހަގަ ކުރެވެއެވެ.