

ދިވެހިރާއްޖޭގެ ސުޕްރީމު ކޯޓުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު މަގާމުން ރިޓަޔަރ ކުރައްވަން ހުށަހަޅުއްވައިފިއެވެ.
ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވައި، އެ ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން އުޅޭ މައްސަލާގައި ހަނުހުންނެވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މުއުތަސިމް އެމަނިކުފާނުގެ ރިޓަޔާރމެންޓް ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް ވެއެވެ.
މުއުތަސިމް އެމަނިކުފާނުގެ ރިޓަޔާރމެންޓު ހުށަހަޅުއްވާފައިވީ ނަމަވެސް ރިޓަޔަރ ކުރެއްވޭނީ އެ ފުރުސަތު އެމަނިކުފާނަށް ޖޭއެސްސީއިން އެ ފުރުސަތު ދެއްވުމުންނެވެ. ސުޕްރީމް ކޯޓަށް ވެސް މުއުތަސިމް ވަނީ ރިޓަޔަރ ކުރައްވާކަން އަންގަވައިފައެވެ.
މިދިޔަ ފެބްރުއަރީ 17 ވަނަ ދުވަހު އޮތް ގާނޫނީ ދާއިރާއިން މަތީތައުލީމް ހާސިލުކުރެއްވި އާ ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތުގައި މުއުތަސިމް ވަނީ އެމަނިކުފާނަކީ ދުވަސްވީ ބޭފުޅެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އެފަދަ ހަފްލާތަކުން ނުފެނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވާން އުޅުއްވާ ކަމުގެ އިޝާރާތެއް ދެއްވައިފައެވެ.
މުއުތަސިމް ރިޓަޔާ ކުރައްވަނީ ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމުގެ ތުހުމަތުތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މެދު ގާނޫނާ ހިލާފަށް އަމަލުކުރައްވާއިރު އުއްތަމަ ފަނޑިޔާރު ހަނުހުންނަވާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔުން ވެސް އަމާޒުވެފައިވެއެވެ.
އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގަ އެވެ. މުއުތަސިމަކީ 32 އަހަރަށްވުރެ ގިނަ ދުވަހު ޝަރުއީ ދާއިރާއަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.