

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، އެ ރޭ ހ. ފެންޓިނޯއީ އަށް ދިޔައީ ޔޫސުފް ޔައްސާރު އަބްދުލްގަފޫރުގެ ދައުވަތަށްކަމަށް އާއިލާއިން ބުނެފިއެވެ.
އާއިލާއިން މިފަދައިން ބުނެފައިވަނީ މިރޭ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ދެއްވި އިންޓަވިއުއެއްގެ ތެރެއިންނެވެ.
އެ ހާދިސާއަށް 20 ދުވަހަށް ވުރެއް ގިނަ ދުވަސް ވީ އިރު ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އެކަށީގެންވާ ވަރުގެ ތަހުގީގެއް ކޮށްފައި ނުވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ފުލުހުން އާއިލާއަށް މައުލޫމާތު ދިން ގޮތުގައި އެއީ ރޭންޑަމް ގެއެކެވެ. އަދި އެ ގޭގައި ކެމެރާވެސް ނެތްކަމަށް ފުލުހުން މައުލޫމާތު ދިންކަމަށް އާއިލާއިން އެ އިންޓަވިއުގެ ތެރެއިން ހާމަ ކުރިއެވެ.
ނަމަވެސް އެ ގެޔަކީ ޔުުމްނު ކުރީންވެސް ގޮސް އުޅޭ ގެޔެއްކަމަށް ޔުމްނު މައުލޫމާތު ދިންކަމަށް އާއިލާއިންވަނީ ބުނެފައެވެ.
އަދި އެގެއަށް ދިޔައީ ޔޫސުފް ޔައްސާރު އަބްދުލްގައްފޫރުގެ ދައުވަތަށްކަމަށް ޔުމްނުގެ އާއިލާއިންވަނީ ބުނެފައެވެ.
މިއަދު ސަރުކާރުގެ މުއައްސާތަކުން ހަދަނީ ދޮގުކަމަށް އާއިލާއިންވަނީ ފާޅުގައި ބުނެފައެވެ.
އެ މައްސަލަ އާއި ގުޅިގެން އެކުލަވާލި ކޮމިޝަނުން އާއިލާ އާއި މުއާމަލާތް ނުކުރަނީ ކީއްވެ ތޯ އާއިލާއިންވަނީ ސުވާލް އުފައްދާފައެވެ.
އަދި ފުލުހުންވެސް އެކަމާއި ގުޅިގެން އިތުރު ސުވާލުތައް ނުކުރި ސަބަބާ މެދު ސުވާލް އުފައްދަވާ ފުލުހުންގެ އަމަލުތައް ބެހެއްޓި ގޮތާއި މެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން ޔުމްނުގެ ސްޓޭޓްމަންޓެއް ނުނަގާ ހުރިހާ މައުލޫމާތެއް ޕަބްލިކް ކުރި ސަބަބަކާއި މެދު އާއިލާއިން ވަނީ ސުވާލް އުފައްދާފައެވެ.