
ގުދަނެއްގެ ފުރާޅެއްގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލި ރައުދު އަހްމަދު ޒިލާލަށް 27 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
ރައުދުއަށް ހުކުމް އިއްވީ އޭނާ ކުށަށް އިއުތިރާފުވެފައިވެސް ވަނިކޮށެވެ.
އެޕްރިލް މަހުގެ ތެރޭގައި ހިނގި އެ ހާދިސާއާ ގުޅިގެން ރައުދުގެ މައްޗަށް ދައުވާ އުފުލީ ޖޫން މަހު ތެރޭގައެވެ. ރައުދަށް އުފުލި ދައުވާ އަކީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައިގައި އޭނާއަށް އަންނާނީ، ގާނޫނުގައިވާ ގޮތުން، އަސާސީ މިންގަނޑުން ބަލާއިރު، އެއް މަހާއި ހަ ދުވަހަށް ޖަލު ހުކުމެކެވެ.
މިދިޔަ ހަފުތާ ބޭއްވި އަޑުއެހުމުގައި ރައުދު ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. އެހެންވެގެން މައްސަލަ ބެއްލެވި ގާޒީ ނިންމެވީ އަސާސީ މިންގަނޑަށް ވުރެ އެއް ދަރަޖަ އަދަބު ލުއިކޮށްދެއްވުމަށެވެ. އެހެންވެ އޭނާއަށް އިއްވީ 27 ދުވަހުގެ ޖަލު ހުކުމެކެވެ.
ރައުދު ބަންދުކޮށްފައިވާ ދުވަސްތަކަށް ބެލުމުން އެއަށް ވުރެ ދިގު މުއްދަތަކަށް އޭނާ ބަންދުގައި ހޭދަކޮށްފައިވާ ކަން އެނގެ އެވެ. އެއީ އެއް މަހާއި ތިން ދުވަހެވެ. އެގޮތުން:
އެހެންކަމުން ދެން ރައުދު ތަންފީޒުކުރަން ޖެހޭ ހުކުމެއް ނޯންނާނެއެވެ. ރައުދުގެ މައްޗަށް މި މައްސަލައިގައި އުފުލި ދައުވާގެ އިތުރުން އިތުރު ދައުވާއެއް ނުއުފުލާތީ ނަމަވެސް ގިނަ ބަޔަކު ސުވާލު އުފއްދަވައެވެ. އެގޮތުން ޕާޓީކޮށް މަސތުވެގެން ހުރިއިރު އޭނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެސް ވެފައިވާއިރު އެކަމުގައި ރައުދުއަށް ދައުވާ ނުއުފުލާ ސަބަބާ މެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.










