އެކްޓިންގ ސީޕީ އިސްމާއިލް ނަވީން / ޕޮލިސް
ހަބަރު
ޔުމްނުގެ ބަޔާން ނުނެގި ލަސްވަނީ ސިއްހީ ހާލަތު ތަން ނުދޭތީ ފުރުސަތު ނުލިބިގެން: ފުލުހުން
Mariyam Isaadha
މަރިޔަމް އިސާދާ
09 މޭ 2025
މާލެ ސިޓީ

18 އެޕްރިލް ވަނަ ދުވަހު، ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް އުސް އިމާރަތުން ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނުގެ ބަޔާން އެ މައްސަލައިގައި ނުނެގި ލަސްވަނީ އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން ބަޔާން ނެގުމަށް ފުރުސަތު ނުލިބިގެން ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.

ފުލުހުންގެ މީޑިޔާ ގްރޫޕަށް އެ އިދާރާއިން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، 2025 އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވި، ފުލުހުން ސީންއަށް އެޓެންޑްވި ހިސާބުން ފެށިގެންވެސް އަންހެން މީހާގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްގެ ގޮތުގައި ދެކި، އެ ފުރުސަތު ހޯދުމަށް މަސައްކަތްކުރެވިފައިވާ ކަމަށެވެ.

ނަމަވެސް، އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާ ހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ވަނީ ނުލިބި ކަމަށާ އެކަމަށް މަގުފަހިވީހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ހަމަ އެހެެންމެ މިއީ މިހާރުވެސް ހިނގަމުންދާ ތަހުގީގެއްކަން ފާހަގަކޮށް ފުލުހުން އިތުރަށް ބުނެފައިވަނީ، މައްސަލައާ ގުޅިގެން ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ ފަރާތްތަކުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރުކުރުމަށް ތަހުގީގުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައިވަނީ ތަހުގީގަށް އޭރު ލިބުނު މައުލޫމާތުތަކަށް ބަލާއިރު ބެލެވެނީ ޔުމްނު އަމިއްލައަށް އުސް އިމާރާތުން ފުންމާލީ ކަމަށެވެ.

ނަމަވެސް ޔުމްނުގެ އާއިލާއިން ރޭ ޗެނަލް13އަށް ދިން އިންޓަރވިއުގައި ބުނެފައިވަނީ ޔުމްނު އޭނާގެ އާއިލާއަށް ކިޔައިދީފައިވާ ގޮތުގައި ޔުމްނު އެތަނުން ފުންމާ ނުލާ ކަމަށާ ޔުމްނުގެ ބަހެއް ނެތި ފުލުހުން މައްސަލައިގެ މައުލޫމާތު އާންމުކުރުން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި މިހާ ތަނަށްވެސް ޔުމްނުގެ ބަހެއް ފުލުހުންވެސް އަދި އެ މައްސަލަ ތަހުގީގުކުރަން އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުންވެސް ހޯދާފައި ނުވާ ކަމަށާ އެހެންކަމުން ފުލުހުން އަމަލުކުރި ގޮތުން ޔުމްނު މުޅި ގައުމަށް ފަލީޙަތްވެފައިވާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ.

މީގެ އިތުރުން ޔުމްނު އެ ގެއެއްގެ މަތިން ވެއްޓުނު ގެއަކީ ޔުމްނުއާ އެއްވެސް ގުޅުމެއް އޮތް ގެއެއް ނޫން ކަމަށް ފުލުހުން މީގެ ކުރިން ހާމަކުރި ނަމަވެސް އެކަންވެސް އާއިލާގެ ފަރާތުން ދޮގުކޮށްފައިވެއެވެ. އެގޮތުން އާއިލާއިން ޔުމްނުއާ ހަވާލާދީ ހާމަކުރި ގޮތުގައި އެ ގެއަކީ މީގެ ކުރިންވެސް ޔުމްނު ގޮސް އުޅޭ ގެއެއް ކަމާ އެ ގެއަށް އެރޭ ޔުމްނު ދިޔައީ ވެސް ލިބުނު ދައުވަތަކަށް ކަމަށެވެ. އަދި އެ ދައުވަތު ފޮނުވީ ޔުމްނު ވެއްޓުނު ހާދިސާގައި ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ޔޫސުފް ޔައްސާރު އަބްދުލްޣަފޫރުގެ ދައުވަތަކަށް ކަމަށް އާއިލާއިން ޔުމްނުއާ ހަވާލާދީ ބުނެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved