

ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމުގެ ނަމުގައި ރައީސް ޑރ. މުއިއްޒު ރޭ ރަސްމީކޮށް އިފްތިތާހުކުރެއްވި "މޯލްޑިވްސް 2.0" އަކީ އިލެކްޓްރޯނިކް ވޯޓިން ތައާރަފްކޮށް އިންތިހާބު އޮޅުވާލުމުގެ އުންމީދުގައި ފެށި މަސައްކަތެއް ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް ޑިޖިޓަލް ޓްރާންސްފޯމޭޝަނެއް ގެނައުމަށް ކުރަމުންދާ އެ މަސައްކަތް ކުރިއަށް ގެންދާނީ ރައީސް މުއިއްޒު ޗެއާ ކުރައްވާ އަދި އެ ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ ޑިޖިޓަލް ޓްރާންސްފޯމޭޝަން ކައުންސިލްގެ ދަށުންނެވެ.
ރޭ އިފްތިތާހު ކުރެވުނު މޯލްޑިވްސް 2.0 އަކީ ސަރުކާރުން ހިދުމަތްކުރާ ގޮތާއި، އިގްތިސާދު ކުރިއަރަމުންދާ ގޮތާއި، އާންމު ހިދުމަތާއި، ޒަރޫރީ މައުލޫމާތު ކޮންމެ ދިވެއްސަކަށް، ކޮންމެ ރަށަކަށް ފޯރުވާގޮތް އަލުން ބައްޓަންކުރުމުގެ ތަސައްވުރެއް ކަމަށް ސަރުކާރުން ބުނެ އެވެ.
އެ ތަސައްވުރާ ގުޅުވައި، މަހުލޫފު ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯލްޑިވްސް 2.0 ގެ ދަށުން ރިޔާސީ އިންތިހާބާ ދިމާކޮށް އަމާޒު ހިފާނެ އީ-ވޯޓިން ރާއްޖެއަށް ތައާރަފުކުރުމާ އޭނާ ދެކޮޅު ކަމަށެވެ.
ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި މިރޭ މޯލްޑިވްސް 2.0 ނަމުގައި ރަސްމީކޮށް އިފްތިތާހުކުރެވިގެން އެދިޔައީ އިލެކްޓްރޯނިކް ވޯޓިން ތައާރަފްކޮށް އިންތިހާބު އޮޅުވާލުމުގެ އުންމީދުގައި ފެށި މަސައްކަތެއް. ހަމަގައިމުވެސް އަޅުގަނޑު އެކަކަށް އެކަމާ ސީދާ ދެކޮޅު ހަދަން
މަހުލޫފް ވިދާޅުވީ މިހާރުގެ ނިޒާމުގެ ތެރެއިން، ރިޔާސީ އިންތިހާބުގެ ނަތީޖާ ދެ ގަަޑިއިރެއް ހާއިރުން ސާފުވާ ކަމަށާއި، ޔަގީންކަމާއެކު ބޭނުން މީހަކަށް ވޯޓުދީ، ވޯޓު އޮޅުވައިނުލެވޭނެކަން ވެސް ޔަގީންކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.
އެއާ ހިލާފަށް އިލެކްޓްރޯނިކް ވޯޓުލާ ޤައުމުތަކުގައި ވެސް، ވޯޓު އޮޅުވައިލުމުގެ ތުހުމަތުތައް ފެންމަތިވާއިރު، ގިނަ ގައުމުތައް މިހާރު އަންނަނީ އެ ނިޒާމު ބަދަލުކުރަމުން ކަމަށް ވިދާޅުވި އެވެ.
އެއާއެކު، ސަރުކާރުގެ އާ ސިޔާސަތަކާއެކު، ވޯޓާ ކުޅެން ފުރުސަތުދީ، މިނިވަންކަމާއެކު ވޯޓުލުމުގެ ހަައްގު ނިގުޅައިގަންނަން ޖާގަދޭން ބޭނުން ނުވާކަމަށް މަހުލޫފު ވަނީ ވިދާޅުވެފަ އެވެ.
މަހުލޫފްގެ އިތުރުން ރާއްޖެ އަށް ޑިޖިޓަލް ދާއިރާ އިން އިންގިލާބީ ބަދަލުތަކެއް ގެނައުމަށްޓަކައި "މޯލްޑިވްސް 2.0" ރޭ އިފުތިތާހުކޮށްފައިވާ އިރު، މިކަމުގެ ބޭނުމަކީ އީ ވޯޓިން ތައާރަފުކޮށް، އިންތިހާބު އޮޅުވާލުން ކަމަށް ބުނެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މޯލްޑިވްސް 2.0"ގެ ނަމުގައި ސަރުކާރުން ހަދަމުންދާ ދޮގުތައް ރައްޔިތުން ބޭނުންނުވާ ކަމަށާއި، ރައްޔިތުން ބޭނުންވަނީ އިންސާނީ ކަރާމަތާއި، ހައްގުތައް ކަށަވަރު ޑިމޮކްރަޓިކް ދިރިއުޅުމެއް ކަމަށެވެ.
މޯލްޑިވްސް 2.0އާ ގުޅޭ ސަމިޓު ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މޯލްޑިވްސް 2.0 ގެ ޑިޖިޓަލް ބަދަލަކީ ރާއްޖެއިން ކޮރަޕްޝަން ނައްތައިލައި، ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރު ހިންގުމަށް ކޮންމެހެން މުހިންމު ހެޔޮ ބަދަލެއް ކަމަށް ވިދާޅުވެފައެވެ.
ހޯމްލޭންޑް ސެކިއުރެޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ މޯލްޑިވްސް 2.0 އަކީ މުޅި ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ހިމެނޭހެން ދައުލަތުގެ ތިން ބާރު ވެސް ފުރިހަމައަށް ބައިވެރިވާގޮތަށް ފަރުމާކޮށްފައިވާ ސިޔާސަތެއް ކަމަށެވެ.