ރައީސް ޔާމީން / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް
ސިޔާސީ
ޤާނޫނު އަސާސީ ދައިމަތި އަޅައިފި: ރައީސް ޔާމީން
Mariyam Ibrahim
މަރިޔަމް އިބްރާހިމް
10 މޭ 2025
މާލެ ސިޓީ

ޤާނޫނު އަސާސީ ދައިމަތި އަޅައިފި ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް ބުރާސްފަތިދުވަހުގެ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިޤްތިސާދު އަނބުރާ ގެނެވުނަސް ގާނޫނު އަސާސީ އަށް މިހާރު ވެފައި ވާ އިހުމާލު އަނބުރާ ގެނައުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އަމިއްލަ ފުޅަށް ރިޓަޔާރ ވާން ނިންމިކަމީ ވަރަށްވެސް ރަނގަޅު ނިންމުމެއް ކަމުކައި ފާހަގަކޮށް އެމަނިކުފާނު ވިދާޅުވީ، އެ ބޭފުޅާއަކީ އެއްވެސް ވަރަކަށް ލީޑާޝިޕް ނުދެއްކުނު ބޭފުޅެއްކަމަށެވެ.

ރާއްޖޭގެ ދުސްތޫރީ ވެރިކަން ހަލާކުވެގެން ދިޔައިރު އެބޭފުޅާއަށް ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

މިކަމާއި ގުޅިގެން އަޅުގަނޑު އެންމެ އުފާވި ހަބަރަކީ، އުއްތަމަ ފަނޑިޔާރު ރިޓަޔާކުރަން ނިންމެވި ހަބަރު، އޭނައަކީ އަދުލު އިންސާފު ދާއިރާގައި އެއްވެސް ވަރަކަސް ލީޑާޝިޕް ނުދެއްވުނު ބޭފުޅެއް އެހެންވީމަ އުއްތަމަފަޑިޔާރު އޭނަ ކައިރިން ތިން ފަނޑިޔާރުން ދިޔައިރު އަނގައިން ނުބުނެ އެހުންނެވީ އެމީހުންގެ ދިފާއުގަ ކުރެވުނު އެއްވެސް ކަމެއްނެތް ރާއްޖޭގެ ދުސްތޫރީ ނިޒާމް ހަލާކުވެގެން ދާއިރު ކުރެއްވި މަސައްކަތެއް ނޯވެ.

- ރައީސް ޔާމީން

އެމަނިކުފާނު ފާހަގަ ކުރެއްވި ގޮތުގައި މީގެ ކުރިން ސްޕްރީމް ކޯޓަކީ ދުސްތޫރާއި ހިލާފު ކަންތައްތަކެއް ވާކަމުގައި ވަނީނަމަ އަމިއްލަ އިސްނެގުމަތިން މައްސަލަ ނަގައިގެން ބަލާބައެއް ކަމަށެވެ. އަދިހަމަ އެހެންމެ މިހާރުވެސް ކޯޓުތަކަށް އެބާރު އޮންނާނެކަމަށެވެ.

ޤާނޫނު އަސާސީ އަނބުރާ ރުޖޫއަކުރާނެ، ކްރެޑެބަލް މީހުން ނެތްކަމީ މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުން ކަމުގައި ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.

އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން ނިންމިއިރު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރެވެ.

މަހާޒް އާއި އަޒްމިރާލްދާގެ މައްޗަށް ކުއްލި ތަހުގީގެއް ޖޭއެސްސީ އިން ހިންގީ، ސިޔާީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ލިބޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅުމުން އެ މައްސަލަ ކޯޓުން ބަލަން ފެށުމުންނެވެ.

އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރަން ނިންމީ، ދިފާއުގައި ހުށަހެޅި ހެކިން ބަލައިނުގަތުމަށް ނިންމުމަށްފަހު އެވެ. އަދި މައްސަލަ ނިންމިއިރު، އެ ދެ ފަނޑިޔާރުންނާ ދެކޮޅަށް އެއްވެސް ހެއްކެއް ވެސް ލިބިފައެއްނުވެ އެވެ.

ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލަ މި ވަގުތު އޮތީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގަ އެވެ. ފަނޑިޔާރުންގެ މައްސަލަ ނިންމީ ބޭއިންސާފުން ކަމަށްވާތީ ކޮމިޓީއަށް ވަޑައިގެން ޖަވާބުދާރީވުމުގެ ފުރުސަތަކަށް މަހާޒް އާއި އަޒްމިރާލްދާ ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

މަހާޒް އާއި އަޒްމިރާލްދާގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީއިން ބަލަން ފެށި އެވެ. ނަމަވެސް މައްސަލަ ބަލަން ފެށުމުން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ސުއޫދު ވިދާޅުވީ އިސްތިއުފާ ދެއްވީ ރައީސް މުއިއްޒު އާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރުދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށެވެ.

ފަނޑިޔާރުންނަށް ސަރުކާރުން ޖޭއެސްސީ އަދި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ މެދުވެރިކޮށް ބިރުދައްކަމުންދާތީވެ އދ ހިމެނޭހެން ދުނިޔޜގެ ޖަމިއްޔާ ތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ. އަދި ރާއްޖޭގެ ބާ ކައުންސިލާ ފަނޑިޔާރުންގެ ޖަމިއްޔާއިން އަދި ހާއްސަކޮށް ގާނޫނީ ފަންނުގެ އިސް ބޭބޭފުޅުން އަންނަނީ ސަރުކާރުގެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަމުން ނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved