

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމާ ގުޅޭ މައްސަލަ ދިރާސާކުރާ ޖުޑިޝަރީ ކޮމިޓީއަށް އެ ފަނޑިޔާރު ހާޒިރުނުކުރަން މިއަދު ފާސްކޮށްފި އެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް އާ ގުޅޭ ސުލޫކީ މައްސަލަތަކެއް ބެލުމަށްފަހު، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.
އެ މައްސަލަ ދިރާސާކުރުމަށް މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، ރަސްމީކޮށް އެދިވަޑައިގެންފައި ނުވިޔަސް، އަޒްމިރަލްދާގެ އިތުރުން މަހާޒް ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހާޒިރުކޮށް، މި މައްސަލައާ ގުޅޭ ކަންކަން ސާފުކުރުމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި އެވެ.
ނަމަވެސް، އެ ހުށަހެޅުމަށް ތާއީދު ކުރައްވާފައިވަނީ، އެ ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ މެމްބަރު އިބްރާހިމް ނާޒިލް އެކަންޏެވެ.
އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރުން ވިދާޅުވީ އިޖުރާއީ ގިނަ މައްސަލަތަކެއް ހުރި ކަމަށް ފަނޑިޔާރުން ވިދާޅުވަމުން ގެންދަވާތީ، އެ ބޭފުޅުން ހާޒިރުކޮށް ކަންބޮޑުވުންތައް އަޑުއެހުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެ ބޭފުޅުން ހާޒިރުކޮށް ފުރުސަތު ދިނުމަށް ފަހު ވެސް ކޮމިޓީއަށް ބޭނުންވާ ނިންމުމެއް ނިންމިދާނެ ކަން އެ މެންބަރުން ފާހަގަކުރެއްވި އެވެ.
ސުލޫކީ މައްސަލަ ބަލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ދެ ފަނޑިޔާރުން ވެސް ވަނީ އެދިވަޑައިގެންފި އެވެ. އަދި ކަންބޮޑުވުންތައް ހިއްސާކުރަން ބާ ކައުންސިލުން ވެސް ވަނީ ކޮމިޓީ އަށް ހާޒިރުވުމުގެ ފުރުސަތަކަށް އެދިފަ އެވެ.
މަހާޒް އާއި އަޒްމިރާލްދާގެ މައްޗަށް ކުއްލި ތަހުގީގެއް ޖޭއެސްސީ އިން ހިންގީ، ސިޔާީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ލިބޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅުމުން އެ މައްސަލަ ކޯޓުން ބަލަން ފެށުމުންނެވެ.
އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރަން ނިންމީ، ދިފާއުގައި ހުށަހެޅި ހެކިން ބަލައިނުގަތުމަށް ނިންމުމަށްފަހު އެވެ. އަދި މައްސަލަ ނިންމިއިރު، އެ ދެ ފަނޑިޔާރުންނާ ދެކޮޅަށް އެއްވެސް ހެއްކެއް ވެސް ލިބިފައެއްނުވެ އެވެ.
މަހާޒް އާއި އަޒްމިރާލްދާގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީއިން ބަލަން ފެށި އެވެ. ނަމަވެސް މައްސަލަ ބަލަން ފެށުމުން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ސުއޫދު ވިދާޅުވީ އިސްތިއުފާ ދެއްވީ ރައީސް މުއިއްޒު އާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރުދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށެވެ.
ފަނޑިޔާރުންނަށް ސަރުކާރުން ޖޭއެސްސީ އަދި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ މެދުވެރިކޮށް ބިރުދައްކަމުންދާތީވެ އދ ހިމެނޭހެން ދުނިޔޜގެ ޖަމިއްޔާ ތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ. އަދި ރާއްޖޭގެ ބާ ކައުންސިލާ ފަނޑިޔާރުންގެ ޖަމިއްޔާއިން އަދި ހާއްސަކޮށް ގާނޫނީ ފަންނުގެ އިސް ބޭބޭފުޅުން އަންނަނީ ސަރުކާރުގެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަމުން ނެވެ.