

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކި ކުރުމަށް, ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި ނިންމުން ދިރާސާކޮށް، އޭގައި ޝަރުތު ހަމަނުވާނަމަ އެ ނިންމުން ބާތިލް ކުރުމަށް ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަން (ސީއެލްއޭ)އިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ގޮވާލައިފި އެވެ.
ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށެހެޅި މައްސަލަ ބަލަން ފެށުމުން ތިން ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަން ފެށި އެވެ. އެއީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ.
އޭގެ ފަހުން ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ސުއޫދު އިސްތިއުފާ ދެއްވީ، ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާ ކަމަށް ވިދާޅުވެ އިހުތިޖާޖް ކުރެއްވުމުގެ ގޮތުންނެވެ.
ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަނުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ޖޭއެސްސީގެ ގާނޫނުގެ އިތުރުން ރާއްޖޭގެ ގާނޫނުއަސާސީ އާއި ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ވެސް ސާފުވާ އެއް ކަމަކީ އިޖުރާއަތްތައް ފުރިހަމަވާނީ، ތުހުމަތުން ދިފާއުވާން ދޭން ޖެހޭ ހައްގުތައް ފުރިހަމައަށް ދީފައި އޮތުމުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މައްސަލަ ދިރާސާކުރުމުގައި ބަލަން އޮންނަނީ ފަނޑިޔާރުން ވަކިކުރުމަށް ނިންމުމުގައި އެ ކޮމިޓީން ހިންގަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައިވޭތޯ ނުވަތަ ނޫންތޯ އެވެ.
ކޮމަންވެލްތުގެ ޖަމިއްޔާއިން ބުނީ ޖޭއެސްސީން އިޖުރާއަތް ފުރިހަމަވީ ކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ކަނޑައެޅުމުގައި، ތުހުމަތުވާ ފަނޑިޔާރުންނަށް ގިނަ ހައްގުތައް ދިންކަން ބަލަން ޖެހޭނެ ކަމަށެވެ.
ފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީއިން ނިންމާފައި ވަނީ ސާފު އަދި ގަބޫލު ކުރެވޭނެ ފަދަ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކަން ޖުޑިޝަރީ ކޮމިޓީއިން ޔަގީން ކުރަންޖެހޭ. ފަނޑިޔާރުން ވަކި ކުރަން ނިންމާފައި ވަނީ އުފައްދާފައިވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކަމަށްވާ ނަމަ ނޫނީ ހެކި އޮޅުވާލައިގެން ކަމަށްވާ ނަމަ، ފަނޑިޔާރުން ވަކި ކުރަން ހުށަހަޅާފައިވާ މައްސަލަ ބޭރުކޮށްލަންޖެހޭ،
ފަނޑިޔާރުން ވަކި ކުރަން ނިންމާފައި ވަނީ ބޭއިންސާފުން ކަމަށް ވިދާޅުވެ، ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތަކަށް ފަނޑިޔާރުންގެ ފަރާތުން ވަނީ އެދިފަ އެވެ. ފަނޑިޔާރުންނަށް އެ ފުރުސަތު ދިނުމަށް ރާއްޖޭގެ ވަރަށް ގިނަ ވަކީލުން ވެސް ވަނީ އެދިފަ އެވެ. ކޮމިޓީގައި ވާހަކަ ދެއްކުމުގެ ފުރުސަތު ފަނޑިޔާރުންނަށް ދިނުމަށް ކޮމަންވެލްތު ވަކީލުންގެ ޖަމިއްޔާއިން ވެސް ގޮވައިލި އެވެ.
ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަނަކީ ކޮމަންވެލްތުގެ ހުރިހާ ގައުމެއްގައި ގާނޫނުގެ ހުކޫމަތު ކުރިއެރުވުމާއި ދެމެހެއްޓުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.
މި ޖަމިއްޔާގެ މަގުސަދަކީ އެންމެ މަތީ ދަރަޖައިގެ އަޚުލާގާއި ތެދުވެރިކަމާއެކު، މިނިވަން އަދި ހަރުދަނާ ޤާނޫނީ ފަންނުވެރިންތަކެއް ކޮމަންވެލްތުގެ ރައްޔިތުންނަށް ޚިދުމަތްކުރާކަން ކަށަވަރުކުރުމެވެ.
ނަމަވެސް ޖުޑިޝަރީ ކޮމިޓީއިން އިއްޔެ ނިންމީ، ޖަވާބުދާރީވުމުގެ ފުރުސަތު ފަނޑިޔާރު އަޒްމިރާލްދާއަށް ނުދިނުމަށެވެ. ފަނޑިޔާރު މަހާޒް ހުށަހަޅުއްވާފައިވާ ހުށަހެޅުމަށް އަދި ކޮމިޓީއިން ގޮތެއް ނުނިންމަ އެވެ.
ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވިދާޅުވީ، ޖޭއެސްސީން އޭނާގެ ތަހުގީގު ކުރިއަށް ގެންގޮސްފައި ވަނީ އަދުލު އިންސާފު އެއްފަރާތް ކުރުމަށްފަހު ކަމަށެވެ.
މި މައްސަލާގައި ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން، ޝަފައީ 11 ހެކި (ހެކިވެރިން) އަދި 17 ކިތާބީ ހެކި ހުށަހެޅުއްވި އެވެ. ހެކިވެރިންގެ ހެކިބަސް ނެގުމަށް ވެސް އެދިވަޑައިގަތް ނަމަވެސް އެކަން ޖޭއެސްސީން ކޮށްފައެއް ނުވެ އެވެ.
ޖޭއެސްސީން ތަހުގީގު ހިންގަން އެކުލަވާލި ތަހުގީގު ކޮމިޓީގެ ފައިނަލް ރިޕޯޓްގައި ވެސް އަޒްމިރަލްދާ ހުށަހެޅުއްވި ހެކިންނަށް ވަކިން ރިއާޔަތްކޮށްފައެއް ނެތެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށުމާއެކު، ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ އެކަަމާ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރުންނާއި ވަކީލުންނާއި ގާނޫނީ މާހިރުން ހިމެނެ އެވެ. އަދި އދ. ގެ ކަމާ ބެހޭ އެކްސްޕާޓު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލައިގައި އދ. އިން ވަނީ ރައީސް އޮފީހަށް ސިޓީއެއް ވެސް ފޯރުވައިފަ އެވެ.