theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މަހާޒު އަދި އަޒްމިރަލްދާ ފަނޑިޔާރު / ސޯޝަލް މީޑިއާ
ހަބަރު
މަހާޒު އާ އަޒްމިރަލްދާ ވަކިކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއިން ނިންމައިފި
Mariyam Isaadha
މަރިޔަމް އިސާދާ
11 މޭ 2025
މާލެ ސިޓީ

ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބަވަނިކޮށް ސުލޫކީ މައްސަލައެއް ފެންމަތިކޮށް ސަސްޕެންޑްކުރި ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރު އާ ޑރ އަޒްމިރަލްދާ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.

އެ މައްސަލައިގައި މިއަދު ސިއްރުކޮށްގެން ބޭއްވި ކޮމިޓީއިން ވަނީ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ ރަނގަޅަށް ކަމަށް ފާސްކޮށްފައެވެ. ކޮމިޓީ އިން މިފަދައިން ފާސްކުރި ނަމަވެސް އެ މައްސަލަ އަދި މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ވޯޓުން ފާސްކުރަން ޖެހޭނެއެވެ.

ޖުޑީޝަރީ ކޮމިޓިގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވަނީ ކޮމިޓީ ސިއްރުކުރަން ނިންމެވުމުން އެކަމާ ނުރުހުން ފާޅުކުރައްވައި ނުކުމެވަޑައިގެންފައެވެ.

ކުއްލި ގޮތަކަށް ޖޭއެސްސީން ފަނޑިޔާރުން ސަސްޕެންޑުކުރީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް އެ މެންބަރެއްގެ ގޮނޑިގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން އަންނަނިކޮށެވެ. ޚާއްސަކޮށް، އެ ދުވަހު އެ މައްސަލައިގައި ހިމެނޭ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން ތާވަލުކޮށް، ޝަރީއަތް ފަށަން 15 މިނެޓަށްވެފައި އޮއްވައި ސަސްޕެންޑުކުރުމުން ފާޑުކިޔުން އަމާޒުވިއެވެ.

މި މައްސަލަ ޖޭއެސްސީން ނިންމިއިރު އެކަށިގެންވާ ގޮތެއްގައި ޖަވާބުދާރީވުމުގެ ފުރުސަތު ފަނޑިޔާރުންނަށް ނުލިބޭކަމުގެ ކަންބޮޑުވުން އެ ފަނޑިޔާރުންގެ ވަކީލުންގެ ފަރާތުން ފާހަގަކުރިއެވެ. އަދި، ޖުޑީޝަރީ ކޮމިޓީގައި އެ މައްސަލަ ކުރިއަށްދާއިރު ޖަވާބުދާރީވުމުގެ ފުރުސަތު ދޭން އަޒްމިރަލްދާގެ ފަރާތުން ވެސް ކޮމިޓީގައި އެދިވަޑައިގަތެވެ.

އެކަމަކު، ކޮމިޓީން ނިންމީ ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ މައްސަލަ ނިންމާށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved