ގައުމުގެ އިގްތިސޯދީ ހާލަތު ކުރިއަށް އޮތް ދެތިން މަހެއްގައި ދަތިވާނެކަމަށް ވިދާޅުވަމުން، ރަށް ރަށަށް ވަޑައިގެން ތަރައްގީގެ މަޝްރޫއުތައް ހަމަ އެ ދުވަސްވަރު ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ދާތީ ރައީސް އަބްދުﷲ ޔާމީންގެ ފާޑުވިދާޅުވުން އަމާޒުކުރައްވައިފިއެވެ.
ދަ ފްރަންޓް އޮފީސްގައި ކުރިއަށް ގެންދާ ސިލްސިލާ ޖަލްސާތަކުގައި ރައީސް ޔާމީން ގެންދަވަނީ ބައިވެރިވެވަޑައިގެން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމަނިކުފާނުގެ ތާއީދުގައި ވާދަކުރާ ކެންޑިޓުންނާ ބައްދަލު ކުރައްވަމުންނެވެ. މި ޖަލްސާތަކުގައި ރައީސް ޔާމީން ކެންޑިޑޭޓުންނާ ސިޔާސަތުތަކާ ގުޅޭގޮތުން ސުވާލު ކުރެއްވުމުގެ ކުރިއަށް، އެމަނިކުފާނުގެ ވިސްނުމެއް އެކަމަކާ މެދު ހުންނަ ގޮތެއް ހާމަކުރައްވައެވެ.
އެގޮތުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކެޔޮދޫ ދާއިރާއަށް ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރި ކެންޑިޑޭޓަށް އަމާޒުކުރި ސުވާލުތަކުގެ ތެރެއިން އެމަނިކުފާނު ވަނީ ރައީސް މުއިއްޒު ދައްކަވަމުން ގެންދަވާ ބައެއް ވާހަކަފުޅުތައް ދެކޮޅު ނުޖެހޭކަން ހާމަކުރައްވާފައެވެ.
އޭގެ ތެރޭގައި ޑޮލަރުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށް ވިދާޅުވެފައިވާ މުއްދަތަކީ އެ މުއްދަތުގެ ތެރޭގައި އެކަން ނުކުރެވޭނެ މުއްދަތެއް ކަމަށާ އަދި ދަތި އުނދަގޫ ދުވަސްތަކެއް ކުރިމަތީގައި އޮތްއިރު ތަރައްގީގެ މަޝްރޫއުތައް ފަށަ އެ މުއްދަތުގެ ތެރޭގައ ި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ވަރަށް ދެކޮޅު ނުޖެހޭކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
އެއްކޮޅުން މި ބުނަނީ ކުރިއަށް އޮތް ދެތިން މަސް ވަރަށް ދައްޗޭ. އިގްތިސޯދު އޮތީ ނޭވާ ހޮޅިއަށް އެލީފައޭ. އަނެއްކޮޅުން ރަށް ރަށަށް ވަޑައިގެން މި ވިދާޅުވަނީ ތަރައްގީގެ މަޥްރޫއުތައް ބާރު ދުވެލީގައި ކުރިއަށް ދާނެ އޭ. މިއީ ދެކޮޅު ނުޖެހޭ ކަންކަން. ބަހާ އަމަލާ ދިމާވާން ވާނެ. ނޫނީ ރައްޔިތުންގެ އިތުބާރު ގެއްލޭނެ.
ރައީސް ޔާމީން ވިދާޅުވީ، ޕޮލިޓީޝަނުންނަކީ ގައުމު ހިންގާ އިންޖީނު ކަމަށާ އެހެންކަމުން އެމީހުން ރައްޔިތުންނަށް ވާ ވައުދުތަކަކީ އެ މުއްދަތަކަށް ފުއްދާ ނިމޭނެ ފަދަ ވައުދުތަކަކަށް ވާން ޖެހޭނެ ކަމަށެވެ.