
އެޑޮލްފް ހިޓްލަރުގެ އަނިޔާ ދިފާއުކޮށް ވަކާލާތުކުރަން އަރިހުގައި ތިބީ ވެސް މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކު ފަދަ ވަކީލުންކަން ތާރީޚު ހެކިދޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވިއިރު އެމްޑީޕީގެ ވެރިކަމުގައި 19ވަނަ ރައްޔިތުންގެ މަޖިލީހުން އުއްތަމަ ފަނޑިޔާރާއެކު ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުން ވަކިކުރުން އެ ޕާޓީއަށް މައްސަލައަކަށް ނުވިކަން ފާހަގަކުރައްވައި މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް އެމްޑީޕީއަށް ރައްދު ދިންކަން ފާހަގަ ކުރެވެއެވެ.
އެކަމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވަނީ މީގެ ކުރިން އެމްޑީޕީން ވިޔަސް ސުޕްރީމް ކޯޓުން ރައީސުލްޖުމްހޫރިއްޔާއާއި ގުޅުން ހުރި ދުސްތޫރީ މައްސަލައެއް ބަލަން ފެށުމުން ފަނޑިޔާރުން ވަކިކުރީ ކޮންއިރަކު ކަމާ މެދު ސުވާލު އުފެއްދަވާފައެވެ.
އެހެންކަމުން ގައުމުގެ ޖުޑިޝަރީ އާ ގުޅުން ހުރި މުހިއްމު ކަންކަމުގައި ރައްޔިތުންނަށް އޮޅުވާލަން ނުއުޅުއްވުމަށް ގޮވާލާ ޑރ ޖަމީލް ވަނީ އަދުގެ ސަރުކާރުން ވެރިކަން ހޯދީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ހުއްޓަވަން ނޫންތޯވެސް އައްސަވާ ސުވާލެއް އަމާޒުކުރައްވާފައެވެ.
މީގެ އިތުރުން ހިޓްލަރުގެ އަނިޔާ ދިފާޢުކޮށް ވަކާލާތުކުރަން އަރިހުގައި ތިބީވެސް ހުސްނީމެންފަދަ ވަކީލުންކަން ތާރީޚު ހެކިދޭ ކަމާއި އެމީހުންވެސް ގަބޫލު ކޮށްގެން ތިބީ ހިޓްލަރުގެ ވެރިކަން ދުވަހަކުވެސް ނުނިމޭނެކަންކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން ގާނޫނު އަސާސީއަށާ 3 ބާރު ވަކިވެފައި އޮތް ނިޒާމަށް ކިތައްމެ ބޮޑު ގެއްލުމެއް ދީގެންވިޔަސް ކޮންމެ ގޮތެއް ހަދައިގެން ރައީސް ޑރ މުހައްމަދު މުއިއްޒު ދިފާޢުކުރުމަކީ ދުސްތޫރީ ކޮން އުސޫލެއްގައި އޮތް ވާހަކައެއްތޯވެސް ޑރ ޖަމީލްވަނީ އައްސަވާފައެވެ.










