March 10, 2026
Advertisement
ރައީސް މުއިއްޒު ރިޔާސީ ކެމްޕެއިންގެ ތެރެއިން
ރައީސް މުއިއްޒު ރިޔާސީ ކެމްޕެއިންގެ ތެރެއިން / ސޯޝަލް މީޑިއާ

މުއިއްޒު އަށް ރައްޔިތުންގެ ތާއީދު ނެތުމުން ބައި-އިލެކްޝަން ނުބާއްވަން ގާނޫނު އިސްލާހު ކުރަނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 13, 2025, 06:47 PM
މާލެ ސިޓީ

ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް (ޑަބްލިއުޑީސީ)ގެ މެންބަރުންގެ ހުސްވާ މަގާމުތަކަށް ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވައިފި އެވެ.

Advertisement

ލޯކަލް ކައުންސިލްތަކުގެ އުމުރު ހަމަވާން ގާތްވެފައި ވަނިކޮށް ބައި-އިލެކްޝަންތައް ގިނަގިނައިން ބާއްވަންނުޖެހޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ އެވެ.

މި އިސްލާހުގައި ބުނެފައިވަނީ އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމާއި، ރަށު ކައުންސިލުގެ މެންބަރުންނާއި، ސިޓީ ކައުންސިލުގެ މެންބަރުންގެ ގޮނޑި ހުސްވިއިރު އެ ކައުންސިލްގެ އުމުރުގެ ބާކީ އޮތީ 548 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ އެ ހުސްވި މަގާމަށް މެންބަރަކު އިންތިހާބުކުރުމަށް އިންތިހާބު ނުބޭއްވޭނެ ކަމަށެވެ. ނަމަވެސް ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ކޯރަމް ހަމަވާ މިންވަރަށް މެންބަރުން ނެތްނަމަ އިންތިހާބު ބޭއްވޭނެ ކަމަށް އިސްލާހުގައިވެ އެވެ.

އެ ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ތާއީދާއެކު އެވެ. އެ ބިލާ ދެކޮޅަށް ނުވަ މެންބަރުން ވޯޓު ދެއްވި އެވެ.

މިހާރު އޮތް ކައުންސިލްގެ ދައުރު ހަމަވާނީ އަންނަ އަހަރު 17 މޭގަ އެވެ. އެ މުއްދަތަށް ބާކީ މިހާރު އޮތީ 370 ދުވަހެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލުގެ ގޮނޑިއެއް ހުސްވާއިރު، ކައުންސިލް އުމުރުގެ ބާކީ 365 ދުވަހަށްވުރެ ކުރު ނޫން ނަމަ ބައި-އިލެކްޝަން ބާއްވަން ޖެހެ އެވެ.

މި އިސްލާހާ އެކު މާލޭ ޑެޕިއުޓީ މޭޔަރުކަމުގައި ހުންނެވި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް މިދިޔަ 12 މާޗުގައި އިސްތިއުފާ ދެއްވުމުން ހުސްވި އެ މަގާމަށް މީހަކު އިންތިހާބު ކުރާކަށް ނުޖެހޭނެ އެވެ.

ސަރުކާރުން ބައެއް އިންތިހާބުތައް މި ވަގުތު ނުބާއްވަން ގާނޫނަށް ބަދަލު މިގެންނަނީ ރައީސް މުއިއްޒު އަށާއި އެމަނިކުފާނުގެ ސަރުކާރަށް ރައްޔިތުންގެ ތާއީދު ވަރަށް ބޮޑަށް ގެއްލިފާ ވާ ދަނޑިވަޅެއްގައި އެވެ.

ސަރުކާރުން އިންތިހާބު ނުބާއްވަން ބަހަނާ ދައްކާ ގާނޫނު އިސްލާހު ކުރާތީ އެ ބިލަށް ބަހުސް ކުރައްވަމުން ކަނޑިތީމު ދާއިރާގެ މެންބަރު، އަމީން ފައިސަލް ވިދާޅުވީ މި ވީހައި ދުވަހު އިންތިހާބުތައް ނުބާއްވަން ކުރާ މަސައްކަތް ފިޔަވައި އިތުރު ކަމެއް ހަރަދު ކުޑަ ކުރުމުގެ ގޮތުން ސަރުކާރުން ކުރާ ތަން ނުފެންނަ ކަމަށެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެންބަރުން ވަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުން ކުރަންޖެހޭ ހަމައެކަނި ކަމަކީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުންތޯ ސުވާލު އުފައްދަވައިފަ އެވެ.

ބިލްގެ ބަހުސްގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ ހަރަދު ކުޑަކުރެވޭނެ އެހެން ގޮތްތައް ހޯދަން ޖެހޭ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved