
ކުދި ސޯބުތައް އެނބުރޭނީ ބޮޑު ސޯބު އެނބުރޭ ފަދައިންކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ސަރުކާރުންގެ ބޮޑުން ރައްޔިތުންނަށް ގިނަ ކަންކަން އޮޅުވާލަމުންދާކަން ފާހަގަކުރައްވާ ޑރ ޖަމީލު ވަނީ އެންމެ ފަހުން ބޭއްވި އަހާ ފޯރަމްގައި ބައިވެރިވެަޑައިގެންނެވި ވަޒީރުން އެ ފޯރަމުގައި ރައްޔިތުން ކުރި ސުވާލުތަކަށް ދިން ޖަވާބުތަކުގައި ބޮޑެތި އޮޅޔވާލުމާ މަކާރާ ހީލަތް އަދި ދޮގު ވެސް ވާކަން ފާހަގަކުރައްވާފައެވެ. އަދި ވަނީ އެއީ ސަރުކާރުގެ މައި ސޯބުވެސް އަމަލުކުރަމުން ގެންދާ ގޮތްކަމަށްވުމުން ދަށުން ތިބި ކުދި ސޯބުތައް އެނބުރޭނީ އެ މިސާލުގެ ދަށުން ކަމަށް ވިދާޅުވެފައެވެ.
ގައުމުގެ ކަންކަން ހިނގާ އުސޫލާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ މިގައުމަށް މިވަރުގެ ސިޔާސީ ވަބާއެއް ދިމާ ނުވާކަމާއި ހަމަ ކޮންމެ ކަމެއްގައި ސަރުކާރުން ހަދަނީ ދޮގުކަމަށެވެ.
މިއަދު ހުރިހާ ތަނެއްގައި ހަދަނީ ދޮގުކަމަށް ވިދާޅުވެ، ވަޒީރުންނާއި ކުދި ބޮޑު އެންމެން އުޅެނީ ދޮގު ހެދުމުގައިކަމަށް ޑރ ޖަމީލް ތުހުމަތު ކުރެއްވިއެވެ.
އެގޮތުން އެ ލިސްޓް ވަރަށް ދިގުކަމާއި މިހާރު ފުލުހުންނާ، ކަމިޝަންތަކާ ސަރުކާރު އޮފީސްތަކަށްވެސް ދޮގު ހެދުމުގެ ޖަރާސީމް ފެތުރި ނިމިއްޖެކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެއްވެސް ކަމެއް ކުރަން ނޭނގޭ ބަޔަކު ހަދާނީ ހުސް ދޮގުކަމާއި ދޮގު ހަދަން ދިމާކޮށްގެން ވަޒީރުންތައްވެސް އޮރިޔާންވެ ނިމިއްޖެކަމަށް ޑރ ޖަމީލު ފާހަގަ ކުރެއްވިއެވެ.
الله ގެ ލަޢުނަތް ދޮގު ހަދާ މީހުންގެ މަައްޗަށް އޮންނަ ކަމާއި އެކަމާއި ބިރު ގަންނަންޖެހޭ ސަބަބަ އެއީ ކަމަށް ޑރ ޖަމީލްގެ ޕޯސްޓު ނިންމަވާލައްވަމުންވަނީ ފާހަގަ ކުރައްވާފައެވެ.










