

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާ ގުޅޭ ގޮތުން ސުލޫކީ މައްސަލައެެއް ބަލާފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުމާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރަން ފަށައިފި އެވެ.
ސުލޫކީ މައްސަލައެއްގައި އެ ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމީ މި މަހުގެ ހަތަރުވަނަ ދުވަހެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މި މަހުގެ ފަސްވަނަ ދުވަހެވެ.
އެއަށް ފަހު ކޮމިޓީން ވަނީ ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަން ނިންމީ ރަނގަޅަށް ކަމަށް މިދިޔަ އާދިއްތައިގައި ފާސްކޮށްފައެވެ. އެއީ ދެ ފަނޑިޔާރުން ވެސް ކޮމިޓީގައި ޖަވާބުދާރީވާން އެދިވަޑައިގަތް ނަމަވެސް އެ ފުރުސަތު ނުދީއެވެ.
ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެފައި އޮއްވައި މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީން ފާސްކުރީ އެ ކަންބޮޑުވުންތަކަށް ރިއާޔަތްނުކޮށް މައްސަލައިގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވާށެވެ. އެއީ ޖޭއެސްސީން މައްސަލަ ބެލީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ބުނެ އެވެ.
މަޖިލީހުގެ އިދާރާއިން އާންމު ކޮމިޓީއަށް ރޭ ނިންމާފައިވަނީ ފަނޑިޔާރުން ވަކިކުރުމާމެދު ޖުޑިޝަރީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓަށް ގިނަވަގެން ބަހުސް ކުރެވޭނީ ދެ ގަޑިއިރަށް ކަމަށެވެ.
ފަނޑިޔާރުން ވަކިކުރުމުގެ ބަހުސްގައި މިއަދު މަޖިލިސް ތަޅުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބެލީ އިޖުރާއަތުތައް ފުރިހަމަ ނުކޮށް، ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު އެކަށީގެންވާ ގޮތެއްގައި ނުދީކަން ކޮމިޓީގައި ފާހަގަ ކުރެއްވި ކަމަށެވެ.
ނަމަވެސް އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި، ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ކޮމިޓީގައި ވެސް ނުދޭން ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް އާއި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީ މެންބަރުން އަމަލު ކުރެއްވީ ވަރަށް ހުދުމުހުތާރުކޮށް ކަމަށް ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ އަޒްމިރަލްދާގެ މައްސަލަ ޖޭއެސްސީއަށް ބަލައިގަތީ ޖޭއެސްސީގެ ގާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން އެ ކޮމިޝަނަށް އެއްވެސް މައްސަލައެއް ބެލޭނީ ޖޭއެސްސީގެ ގާނޫނުގައި ބަޔާންކުރާ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނުގައި ވަރަށް ސާފުކޮށް އެހެން ބަޔާން ކޮށްފައި އޮތް ނަމަވެސް ޖޭއެސްސީން އަމަލު ކުރީ އެ އިޖުރާއަތާ ހިލާފަށް ޖޭއެސްސީގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އަށް ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ނުފޮނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ ޖޭއެސްސީގެ ރިޕޯޓާ ގުޅިގެން މަޖިލީހުގެ ކައުންސެލް ޖެނެރަލް ވެސް ކަންބޮޑުވުންތަކެއް ފާހަގަކޮށް، ޖުޑީޝަރީ ކޮމިޓީއަށް ސިޓީއެއް ފޮނުވި ކަމަށެވެ. ނަމަވެސް އެ މައްސަލަ ތަޅުމަށް ފޮނުވާފައި ވަނީ ކައުންސެލް ޖެނެރަލްގެ ކަންބޮޑުވުންތަކަށް ވެސް ބެލުމެއް ނެތިކަން އޭނާ ފާހަގަކުރެއްވި އެވެ.
އިއްޒަތްތެރި ރައީސް އަނބުރާ ކޮމިޓީއަށް މި ރިޕޯޓު ފޮނުވާލަން އަޅުގަނޑު ގޮވާލަން. މި މަޖިލީހުގައި ކުރެވެން އޮތް ކަމެއް އެއީ އަނބުރާ ފޮނުވާލުން،
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ސިއްރު ބައްދަލުވުމެއްގައި ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށް ނިންމައި، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފަ އެވެ. އެގޮތަށް ކޮމިޓީން ފާސްކުރި ރިޕޯޓަށް ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ މިއަދު ވަނީ ލަފާ ދެއްވައިފަ އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތީ ވެރިކަން ކުރާ ޕީއެންސީއަށް ކަމަށްވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ތިންބައިކުޅަ ދެބައިގެ ވޯޓުން ފާސްކުރެވޭނެ އެވެ.