theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު -- / ސަން
ހަބަރު
ދެ ފަނޑިޔާރުން ވަކިކުރަންޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މުއިއްޒު
Qudhrathullah Ameen
ގުދުރަތުﷲ އަމީން
14 މޭ 2025
މާލެ ސިޓީ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރަކީ އަދުލުވެރި، ނަޒާހަތްތެރި ބޭފުޅުން ކަމަށާއި އެ ބޭފުޅުން މަގާމުން ވަކިކުރުމާ މެދު މިއަދު ރައްޔިތުންގެ މަޖިލީހުން ވޯޓު ނަގާއިރު ކޮންމެ މީހަކަށް ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި މަޖިލީހުގެ ދައުރެއް ވެސް އޮންނަކަން ހަނދާން ކުރުމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ދެ ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަރީ ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފެށީ އެ ކޮމިޝަންގެ ގާނޫނުގައި ބަޔާން ކުރާ އިޖުރާއަތުތައް ފުރިހަމަ ނުކޮށް، ގާނޫނާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާ ވިދާޅުވެފައި އޮތްވައި، ފަނޑިޔާރުން ވަކިކުރުމާމެދު ގޮތެއް ނިންމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ މުއިއްޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒަކީ އޭނާ ރަނގަޅަށް ދަންނަ ދެ ބޭފުޅުން ކަމަށާއި އެއީ "އަދުލުވެރި، އިންސާފުވެރި، ނަޒާހަތްތެރި ދެ ފަނޑިޔާރުން" ކަމަށެވެ.

ފަނޑިޔާރުކަމުގެ މަގާމުން އެ ދެ ބޭފުޅުން ވަކިކުރަން ޖާއިޒުވާ ފަދަ އަމަލެއް އެ ދެބޭފުޅުން ކުރެއްވި ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. އެފަދަ ގާނޫނީ އަސާސެއްގެ މައްޗަށް ހުއްޖަތެއް މިހާތަނަށް ދެއްކިފައެއް ވެސް ނުވެ އެވެ،

- ބާކައުންސިލްގެ މެންބަރެއްގެ ގޮތުގައި ވެސް ހުންނެވި މުއިއްޒު ވިދާޅުވި އެވެ.

ފިލްޒާގެ ލަފައާމެދު ގޮތެއް ނިންމުމަށް އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ނިންމީ ކައުންސެލް ޖެނެރަލްގެ ލަފާ އެހެން އޮތް ނަމަވެސް، ކޮމިޓީގެ ނިންމުމަށް ބަދަލު ނުގެނެސް އޭނާގެ ލަފާ ރިޕޯޓުގައި ހިމެނުމަށް ފަހު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށް ރިޕޯޓު ތަޅުމަށް ފޮނުވުމަށެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާއި ގުޅޭ ގޮތުން ސުލޫކީ މައްސަލައެެއް ބަލާފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުމާ މެދު މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި އެކަމަށް ޖުމްލަ ދެ ގަޑިއިރު ބަހުސްކުރަން މިހާރު ވަނީ ފަށާފައި އެވެ.

ޖޭއެސްސީން އެ ފިޔަވަޅު އެޅީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުން ފަށަން ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ. އަޒްމިރާލްދާ އާއި މަހާޒް ވެސް ވިދާޅުވެފައިވަނީ މިއީ އެ މައްސަލައަށް ނުފޫޒު ފޯރުވުމަށް ޖޭއެސްސީން އަޅާ ފިޔަވަޅުތަކެއް ކަމަށެވެ.

ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ހުއްޓިފައި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.

އެ މައްސަލައިގައި ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދިނުމުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އާއި އިންޑިއާގެ ބާ އެސޯސިއޭޝަނާއި ދަ ލޯ އެސޯސިއޭޝަން ފޯ އޭޝިއާ އެންޑް ދި ޕެސިފިކް (ލޯ އޭޝިއާ)އާއި ނޭޕާލުގެ ބާ އެސޯސިއޭޝަނުން އަދި އދ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ. ބޭރުގެ އެސޯސިއޭޝަންތަކުން ވަނީ، ރާއްޖޭގެ ބާ ކައުންސިލުން ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރެވެންދެން ފަނޑިޔާރުން ވަކިނުކުރަން ގޮވާލައިފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved