

ރައީސް މުއިއްޒުގެ ވެރިކަމުގައި މިހާރު ފެންނަނީ ސަރުކާރުން ފަނޑިޔާރުގެއަށް އަތް ބާނައި، ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ މަންޒަރު ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރު އަހުމަދު އަޒާން މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު ވަކިކުރަން ނިންމައި، ތަޅުމަށް ހުށަހަޅައިފައެވެ.
އެ މައްސަލަ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން މެންބަރު އަޒާން ވިދާޅުވީ، ފަނޑިޔާރުގެއަކީ ވެރިކަމުގައި އެ ވަގުތަކު ތިބޭ ފަރާތްތަކުން ނުފޫޒު ފޯރުވައި އަތްބާނާ ތަނަކަށް ހަދާފައިވާ ކަމަށެވެ. މިއަދު ވެސް ތަކުރާރުވަމުން އަންނަނީ އެ މަންޒަރުކަން ފާހަގަކުރައްވައި، ބަޔަކު ގޯސްކޮށް އަމަލުކުރުމަކީ އެކަން އެގޮތަށް ތަކުރާރުކުރަންޖެހޭ ސަބަބެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
[ފެހި] ގާނޫނުއަސާސީ ވުޖޫދި ފަހުން ކޮންމެ ވެރިކަމެއްގައި ވެސް އަޅުގަނޑުމެންނަށް ފެނުނީ ފަނޑިޔާރުގެއަށް އަތް ބާނާ ތަން، ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ތަން. އެއިރު ވެސް މިހާރު ވެސް ފެންނަމުން މި ދަނީ ހަމަ އެ މަންޒަރު،
ސުޕްރީމް ކޯޓަކީ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ބާރުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ކޯޓުގައި ތިބެން ޖެހޭނީ ނަޒާހާތްތެރި ފަނޑިޔާރުން ކަމަށެވެ. އެ ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ އެ މައްސަލައެއް ބަލަން ޖެހޭނެ ކަމަށާއި އެކަމަކު އެކަން ކުރަން ވާނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ، ދިވެހިރާއްޖޭގައި އަދުލް އިންސާފު ލިބެނީ، ވެރިކަމުގައި ތިބޭ ބޭފުޅުން ދެއްވުމުން ކަމަށެވެ.
ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމުމުގައި އެ ކޮމިޝަނުން އަމަލު ކޮށްފައި ވަނީ ގާނޫނު ގައި ބަޔާންކުރާ 'މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ' ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަ ނުކޮށްކަން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާ ވަނީ ވިދާޅުވެފަ އެވެ.
ޖޭއެސްސީން ފަނޑިޔާރުންނަށް ފިޔަވަޅު އެޅީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުން ފަށަން ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ. އަޒްމިރާލްދާ އާއި މަހާޒް ވެސް ވިދާޅުވެފައިވަނީ މިއީ އެ މައްސަލައަށް ނުފޫޒު ފޯރުވުމަށް ޖޭއެސްސީން އަޅާ ފިޔަވަޅުތަކެއް ކަމަށެވެ.
ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ހުއްޓިފައި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
ފަނޑިޔާރުކަމުގެ މަގާމުން އަޒްމިރާލްދާ އާއި މަހާޒް ވަކިކުރުމާ މެދު މިއަދު މަޖިލީހުގެ ތަޅުމުގައި ވޯޓު ނެގުމަށް އެޖެންޑާ ކޮށްފައިވާއިރު، ގާނޫނަށް ގެނައި އިސްލާހެއްގެ މައްސަލަ ސުޕްރީމްކޯޓުން ބަލަމުން ދަނިކޮށް ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ނިންމުމާ ގުޅިގެން ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ މުއައްސަސާތަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.