

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްލީ އެ ބޭފުޅުން އިންސާފާހަމަ ހިފަހައްޓާނެ ކަން ސަރުކާރަށް ކަށަވަރު ވުމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން އިއްޔެ ދެ ފަނޑިޔާރުން ވަކިކުރީ ރާއްޖޭގެ ޝަރުއީ ދާއިރާއިން ބޭރުގެ އިދާރާތަކުން ވެސް އެ މައްސަލައާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. އެގޮތުން އެ މައްސަލައިގައި ދިވެހި ބާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ ކަންކަމަށް ރިއާޔަތްނުކޮށް މަހާޒާއި އަޒްމިރަލްދާ ވަކިނުކުރުމަށް ބޭރުގެ ދެ ޝަރުއީ އިދާރާއަކުން އެިދިފައިވެއެވެ.
އެހެންނަމަވެސް، އެ ކަންބޮޑުވުންތައް އޮއްވައި މަޖިލީހުގެ 68 މެންބަރުންގެ ވޯޓުން ދެ ފަނޑިޔާރުން ވެސް ވަކިކުރީ އެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ތިން ބޭފުޅުންނަކީ ރާއްޖޭގައި ތިއްބެވި އެންމެ ގާބިލް، އެންމެ އިންސާފުވެރި އަދި ތަޖުރިބާ ހުރި ފަނޑިޔާރުންގެ ތެރޭ ހިމެނިވަޑައިގަންނަވާ ބޭފުޅުން ކޮޅެއް ކަމަށެވެ.
މިއަދު މި ބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރެވުނީ ސަރުކާރާ އެކު ޑީލް ނުހަދާ، އިންސާފާހަމަ ހިފަހައްޓާނެ ކަން ސަރުކާރަށް ކަށަވަރު ވުމުން،
އަމިއްލަ ފަރާތަކުން ހުށަހެޅި ކަމަށް ބުނާ އެ މައްސަލައަށް މަހާޒް އާއި އަޒްމިރަލްދާ ވަނީ ޖޭއެސްސީގެ ތަހުގީގުގައި އިންކާރުކުރައްވާފަ އެވެ. އަދި ޖޭއެސްސީ އާއި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މައްސަލަ ނިންމި ގޮތުގެ ރިޕޯޓަށް ޖަވާބުދާރީވުމަށް ފުރުސަތަކަށް ދެ ފަނޑިޔާރުންވެސް އެދިވަޑައިގެންނެވި އެވެ.
ނަމަވެސް މަޖިލީހުގެ ކޮމިޓީގައި ތިއްބެވި ޕީއެންސީގެ މެންބަރުން ބޭނުން ނުވެގެން ކޮމިޓީއަށް ހާޒިރުވާން ދެ ފަނޑިޔާރުންނަށް ފުރުސަތެއް ނުދެ އެވެ.