ހުޅުމާލޭގައި ހިނގި އެކްސިޑެންޓް: ވީޑިއޯއިން ފެންނަ ގޮތުގައި، ކުޑަކުއްޖަކު އުރައިގެން ދާ އަންހެން މީހެއްގެ ގައިގައި ސައިކަލަކުން ޖެހި، ބިންމަތީގައި ކުއްޖާގެ ބޯ ޖެހޭ / އެމްވީކްރައިސިސް
ހަބަރު
ސައިކަލުން ޖެހި ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
15 މޭ 2025
މާލެ ސިޓީ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި، ކުޑަކުއްޖަކު އުރައިގެން ނިރޮޅުމަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފި އެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން އެ އެކްސިޑެންޓު ރިޕޯޓުކުރީ ހެނދުނު 9:23ހާއިރެވެ.

ފުލުހުން ބުނީ، އަންހެން މީހާގެ އުރުގައި އިނީ އެއް އަހަރާއި އަށް މަހުގެ ކުއްޖެއް ކަމަށާއި އެ ކުއްޖާގެ ބޯ ދުޅަވެފައިވާ ކަމަށެވެ. އަދި އަންހެން މީހާގެ ވާއަތު އުޅަނބޮށި މަށައިގެން ގޮސްފައިވާއިރު، ސައިކަލު ދުއްވި މީހާގެ ވާއަތު ކޮނޑުހުޅުން ބިނދި، ކަނާތު ފައިތިލަ މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އެންމެންނަށް ވެސް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ އިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި، ކުއްޖާ އުރައިގެން އަންހެން މީހާ މަގު ހުރަސް ކުރަނިކޮށް، މަގުން ދުއްވާފައި ދިޔަ ސައިކަލެއް އޭނާގެ ގައިގައި ޖެހެ އެވެ. ސައިކަލުގެ ކުރީ ފުރޮޅު ޖެހެނީ އަންހެން މީހާގެ ފައިގަ އެވެ.

އެއާ އެކު، އަންހެން މީހާ ވެއްޓި، އޭނާ އުރައިގެން ހުރި ކުއްޖާގެ ބޯ ބިންމަތީގައި ޖެހެ އެވެ. އަދި ސައިކަލު ދުއްވަން އިން ފިރިހެން މީހާ ވިއްސައިގެން ދާތަން ވެސް ފެނެ އެވެ.

ފަހަކަށް އައިސް ހުޅުމާލޭގައި ހިނގާ މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved