

މިނިވަން މުއައްސަސާއެއްގެ ގޮތުގައި އުފައްދާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ), ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތު ކުރިއަރުވަން އިގުރާރުވެ، ޕީއެންސީ އަށް ސޮއިކޮށްފި އެވެ.
ކުރީގެ ކޮމޭޑިއަން އަދި މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި މުހައްމަދު އަބްދުﷲ ޕީއެންސީއަށް ސޮއި ކުރައްވައި ރައީސް މުއިއްޒުއާ ހަވާލުކުރި ލިޔުމުގައި އޭނާ އިގުރާރުވެފައި ވަނީ، "ކޮންގްރެސް ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުން ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ އަސާސްތައް ދަމަހައްޓައި ނެގެހެއްޓުމުގައި އަޅުގަނޑުގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ ފުޅާމިނެއްގައި މަސައްކަތް" ކުރުމަށެވެ.
ބްރޮޑްކޮމްގެ މެންބަރަކު ޕީއެންސީ އަށް ސޮއިކުރެއްވި އިރު، އެ ކޮމިޝަނަކީ މިނިވަން މުވައްސަސާއެކެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންގެ ޝަރުތުގެ ތެރޭގައި ސިޔާސީ ޕާޓީއެއް މެމްބަރަކަށް ނުވުން ގާނޫނީ ގޮތުން ލާޒިމުކޮށްފައި ނެތަސް، މިހާތަނަށް އެ ކޮމިޝަންގެ މެމްބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކޮށްފައެއް ނުވެ އެވެ. އަދި އެ ކޮމިޝަންގެ މެމްބަރަކު ސިޔާސީ ޕާޓީއެއްގައި ވެސް ހަރަކާތްތެރި ވެފައެއް ނެތެވެ.
ގާނޫނީ ގޮތުން މިނިވަން މުއައްސަސާއެއްގެ ހައިސިއްޔަތު ދީފައިވާ ކޮމިޝަނެއްގެ މެމްބަރަކު ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމަކީ އެ މެމްބަރާއި ކޮމިޝަންގެ ނަޒާހަތްތެރިކަމާއެކު ސުވާލު އުފެދޭނެ ކަމެކެވެ.
އަދި މެމްބަރެއްގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ކޮމިޝަންގެ ބައްދަލުވުންތަކުގައި ބައިވެރިވެ، ނިންމުންތަކުގެ ބައިވެރިވެގެން ނުވާނެ ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް މުހައްމާ އައްޔަންކުރީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އޭގެ ކުރިން އޭނާއަކީ ޕީޕީއެމްގެ ސެނެޓަރެކެވެ.
ސަރުކާރުގެ މިނިވަން މުއައްސަސަތަކުގެ ތެރެއަށް ސަރުކާރުގެ ނުފޫޒު ފޯރުވުމުގެ ހުރިހާ އަމަލެއް މިހާރުން މިހާރަށް މުއިއްޒު ސަރުކާރުން ހުއްޓާލުމަށް ބޭރުގެ ޖަމިއްޔާތަކާއި ރާއްޖޭގެ ޖަމިއްޔާތަކުން އަންނަނީ ގޮވާލަމުން ނެވެ.