

ސަރުކާރުގެ އިސް އެކި މަގާމުތަކުގައި ތިއްބަވައިގެން ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގިކަމުގެ ތުހުމަތު ކޮށް މަގާމުން ވަކި ކުރެވުނު ގިނަ ބަޔަކު ޕީއެންސީ ޖަލްސާއިން ފާހަގަވެއްޖެއެވެ.
އެ ޕާޓީގެ މެންބަރުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި މީގެ ކުރިން ކޮރަޕްޝަންގެ ތުހުމަތު ކުރެވިގެން މަގާމުން އިސްތިއުފާ ދެއްވި ފަޒުލް ރަޝީދު އާއި މުއާޒް މުހައްމަދު ރަޝީދު އާއި އިސްމާއިލް ސުހައިލްގެ އިތުރުން ތުހުމަތުތަކާ ގުޅިގެން މަގާމުން ވަކިކުރި މުހައްމަދު ވަޖީހު އިބްރާހިމް އަދި ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ އަބްދުﷲ މުހައްމަދު ވަނީ ޕީއެންސީއާ ރަސްމީކޮށް ގުޅިވަޑައިގެން ރައީސް މުއިއްޒުއަށް ބޯލަނބައި ކިޔަމަން ވާން އެއްބަސްވެވެ އިގުރާރުވެ ވަޑައިގެންފަ އެވެ.
ފަޒުލް ރަޝީދުއަށް ކުރެވެނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިރު ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިިތަކެއް ވިއްކާލި ކަމުގެ ތުހުމަތާއި ހިޔާ ފްލެޓުތަކުގައި ލިފްޓުތަކެއް ހަރުކުރުމުގެ މަސައްކަތުގެ ތެރެއިން ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތެވެ.
މުއާޒު މުހައްމަދު ރަޝީދަށް ކުރެވެނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިރު ފެނަކައަށް ބޭނުންވާ ކޭބަލް އާއި އެ ނޫން ވެސް ބައެއް ސާމާނުތައް ގަތުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ މައްސަލައެވެ.
މުހައްމަދު ވަޖީހު އިބްރާހިމަށް ކުރެވެނީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކި ކުރީ ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައި އޮއްވައެވެ. ނަމަވެސް ވަކި ކުރި ސަބަބެއް ސަރުކާރުން ހާމައެއް ނުުކުރެއެވެ.
މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދުވެސް ޖަލްސާގައި ބައިވެރިވި އިރު އަދި އޭނާ މަގާމުން ވަކި ނުކުރެއެވެ. ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެ އެސްޓީއޯއިން އޭނާ އާއި ދެކޮޅަށް ގޭހުގެ ޝިޕްމަންޓެއްގެ އެޑްވާންސަށް ދެއްކި ފައިސާ ވީނުވީއެއް ނޭނގި ގެއްލުނު މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.
މިފަދަ ބޭފުޅުން ޕީއެންސީގެ އިސް ސަފުގައި ހަރަކާތްތެރިވާ މަންޒަރު ފެނުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ކޮރަޕްޝަންގެ އަމަލުތަކަށް ހިތްވަރު ދެއްވާކަން ސާބިތުވާކަމެއްކަމަށް ބުނެ ރައްޔިތުންދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރަމުންނެވެ.