މި އަދު ތަހައްމަލު ކުރަން މިޖެހޭ ހާލަތަކީ ގައުމުގެ ސަލަމާތަށް އިހުމާލު ވުމުގެ ސަބަބުން ދިމާވާ ކަންކަން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީއެންއެފްގެ ފަރާތުން ރައްޔިތުން މަޖިލިސް އިންތިހާބަށް ވާދަކުރައްވާ ކެނޑިޑޭޓުން ތައާރަފް ކުރުމަށް ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ކެނޑިޑޭޓަކާ ސުވާލު ކުރައްވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ މި އަދު ގައުމުގެ ސަލާމަތަށް އިހުމާލު ވުމުން އުޅެންޖެހޭ ހާލު ތަހައްމަލު ކުރަންޖެހޭ ކަމަށެވެ. އަދި ހަމައެހެންމެ ރައީސް ޔާމީން ވިދާޅުވީ ކުރީ ސަރުކާރުގަ ތިއްބެވި ބޭފުޅުން ގައުމުގެ ސަލާމަތަށް އެއްވެސް ކަމެއް ނުކުރާ ކަމަށާއި ހުރިހާ ކަމެއް ވެސް ކޮށްފައިވަނީ ދަައުލަތާ ދެކޮޅަށް ރައްޔިތުންނަށް ގެއްލުން ވާ ގޮތަށް ކަމަށެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުވެސް ގެއްލިގެން ދިޔައީ ކަމަށާއި އެކަމަށްވެސް އޭރު އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.
ސެކިއުރިޓީގެ އެންމެ މުހިންމު ކަމަކީ ގައުމުގެ ސަލާމަތް. މިއަދު އެ ސެކިއުރިޓީ އަށް އިހުމާލު ކޮށްލެވުނީމަ އަޅުގަނޑުމެން މި އުޅޭ ހާލު އަޅުގަނޑުމެން އެބަ ތަހައްމަލު ކުރަންޖެހޭ މަޖުބޫރު ވެގެން. ސެކިއުރިޓީގަ ކުރީގަ ތިބި މީހުން މިދިޔައީ ހަމަ ސީދާ ދައުލަތާ ދެކޮޅަށް. ރައްޔިތުންނަށް ގެއްލުން ވާގޮތަށް ކަންތައް ކޮށްފަ އެހުރީ. ކަނޑުގެ ސަރަހައްދު ގެއްލިގެން ދިޔައީ އަދި އަޅުގަނޑުމެން އެކަމަށް އެއްވެސް ކަމެއް ނުކޮށް އޭރު ދިޔައީ. ހަމަ އެގޮތަށް އިންޑިއާ ސިފައިން މިތަނަށް ގެނަސް މިތާ ބައިތިއްބައިގެން މި އުޅެނީ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ކުރީގެ ބޭފުޅުން އިގްތިސޯދު ވަރުގަދަ ކުރާ ވާހަކަވެސް ދެއްކި ކަމަށާއި އެެހެންނަމަވެސް ނިމިގެން ދިޔައިރު މި ވާހަކަތައް ތަނަކުން ދާޖެހޭ ވާހަކަތަކަކަށް ވެސް ނުވި ކަމަށާ އިގްތިސޯދުވެސް އެކަހެރިވެގެން ދިޔައީ ކަމަށެވެ. އަދި ހަމައެހެންމެ އިގްތިސޯދު މިއަދު މިއޮތީ ދުވަހަކު ނުދާވަރަށް އަޑިއަށް ގޮއްސަ ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.