ހައިކޯޓު ފަނޑިޔާރު ނިޔާޒާއި ސިވިލް ކޯޓު ގާޒީ ފަރުހާދު / ތޭރަ އޮންލައިން
ހަބަރު
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރެއްވުމަށް ދެކޮޅު ހެއްދެވި ޖޭއެސްސީގެ މެމްބަރުންގެ މައްސަލައެއް ތަހުގީގު ކުރަން ފަށައިފި
Hussain Nawaf
ހުސައިން ނަވާފް
19 މޭ 2025

ސަސްޕެންޑް ކުރި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރެއްވުމަށް ދެކޮޅު ހެއްދެވި ޖުޑީޝަލް ސަރވިސް ކޮމިޝަން ޖޭއެސްސީގެ ދެ މެމްބަރުން ހައިކޯޓު ފަނޑިޔާރު މުހައްމަދު ނިޔާޒާއި ސިވިލް ކޯޓު ގާޒީ ފަރުހާދު ރަޝީދުގެ މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.

ފަނޑިޔާރު ނިޔާޒާއި ގާޒީ ފަރުހާދުގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރަން ފަށާފައިވާ ކަމަށާއި ޖޭއެސްސީގެ ކޮމެޓީން އެކަމާ ގުޅުންހުރި މައުލޫމާތުތައް ނަގަމުންދާ ކަމަށްވަނީ ރާއްޖެއެމްވީން ރިޕޯޓުކޮށްފައެވެ.

ފަނޑިޔާރު ނިޔާޒާއި ގާޒީ ފަރުހާދުގެ މައްސަލައެއް ތަހުގީގު ކުރަން ފަށާފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރުގެ މައްސަލަ ޖޭއެސްސީން ތަހުގީގު ކުރިއިރު އެކޮމެޓީގައި، މިމައްސަލައާ ދެކޮޅަށް ދެބޭފުޅުން ވާހަކަދައްވައި، ވަކި ކުރެއްވުމާ ދެކޮޅަށް ވޯޓު ދެއްވުމާ ގުޅިގެން ކަމަށް އެ ނޫހުންވަނީ ރިޕޯޓުކޮށްފައެވެ.

ޖޭއެސްސީގެ ޕޮލިސީ އޮންނަ ގޮތުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ މައުލޫމާތު ހާމައެއް ނުކުރެއެވެ. އަދި ސުލޫކީ މައްސަލައެއް ސާބިތުވެއްޖެނަމަ އެކަން ހާމަކުރާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.

ޖޭއެސްސީގެ މެންބަރުކަމަށް ފަނޑިޔާރު ނިޔާޒް އައްޔަން ކުރައްވާފައިވަނީ 11 މެއި 2022 ގައެވެ. އަދި ސިވިލް ކޯޓު ގާޒީ ފަރުހާދު އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރައްވާފައިވަނީ 8 ސެޕްޓެންބަރު 2024 ގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފައިވަނީ 14 މެއި 2025 ގައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved