

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ވަގުންގެ ފަޅީގައި ކަމަށް ވިދާޅުވެ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) މުއިއްޒު އަށް ވަރަށް ބޮޑަށް ފާނޑުވިދާޅުވެއްޖެ އެވެ.
ސަލީމް ރައީސް އަށް ފާނޑުވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނެވެ.
ވެރިކަން ކުރައްވަމުން ގެންދަވަނީ، ބައްޕާފުޅު ޝައިހް ހުސެއިން އަބްދުއްރަހްމާން ލިއުއްވާފައިވާ ފޮތުގައި ދެއްކެވި މަގު, އަދުލާއި އިންސާފާއި ހަމަހަމަކަމާ އެކު ރައްޔިތުން އިސްކުރައްވައި، ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ކަމަށް ރައީސް ޑރ. މުއިއްޒު މިފަހުން ވަނީ ވިދާޅުވެފަ އެވެ.
ގައުމުގެ ވެރިޔާއަކީ ވަކި މުއްދަތަކަށް ރައްޔިތުންގެ ކަންކަން ބަލަހައްޓަން ހަވާލުކުރާ ފަރާތެއް ކަމަށާއި ވެރިޔާގެ އަމަލާއި މުއާމަލާތްތަކުން އެކަން ފެންނަން ޖެހޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައި އެވެ.
ރައީސްގެ މިފަދަ ވާހަކަތަކަށް ރައްދު ދެއްވަމުން މާޒް ސަލީމް ވިދާޅުވީ މިވެރިކަން ފެނިގެންދަނީ ރައްޔިތުންނަށް ވަރަށް އަނިޔާވެރި ވެރިކަމެއްގެ ގޮތުގައި ކަމަށެވެ. ވެރިކަން ލިބުމާއެކު ރައްޔިތުން ހަދާފައިވާ ޤާނޫނުއަސާސީ ބަދަލުކޮށް ރައްޔިތުންނަށް ދޭންވާ އެއްޗެއްވެސް ނުދޭ ކަމަށެވެ.
ދެންމިބުނަނީ ތިމަންނަ މިހުރީ ރައްޔިތުންގެ ފަޅީގައޭ، ނޫން ރައްޔިތުން ފަޅިއަކު ނޫން ވަގުންގެ ފަޅިގާ ހުރީ، ސީދާ ރަތްލާޖެހި ވަގުންގެ ފަޅީގާ ހުރީ
މީގެ އިތުރުން ސަލީމް ވިދާޅުވީ، ގައުމުގެ ރައީސް އުޅޭނީ ވެރިން އުޅެހެން ނޫންކަމަށާއި މުޅިންވެސް ފެންނަނީ ޚިޔާލީ ދުނިޔެއެއްގައި އުޅޭ މަންޒަރު ކަމަށެވެ.
ރައީސް މުއިއްޒު ހުންނެވީ ވަގުންގެ ފަޅީގައި ކަމަށް މާޒް ސަލީމް ވިދާޅުވިއިރު މިފަހުން މުއިއްޒުގެ ސަރުކާރުން ވައްކަމާއި ކޮރަޕްޝަނުގެ ތުހުމަތު ކުރެވި އެމީހުންގެ މައްސަލަތައް އޭސީސީ އަދި ދިވެހި ފުލުންގެ ހިދުމަތުން ބަލަމުން އަންނަ ބައެއް މީހުން ހުދު ގަމީސް ލައްވާ ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތް ޖަލްސާއަކުން ފެނުމުން ގިނަ ބައެއްގެ ފާނޑުކިޔުން ވެސް ރައީސް މުއިއްޒު އަށް އަމާޒުވި އެވެ.
މުއިއްޒުގެ ސަރުކާރުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގާފައިވާ ގިނަ ފަރާތްތަކަކީ އެފަރާތްތަކުގެ މައްޗަށް މަނީ ލޯންޑްރިންގއާ ގުޅޭ ދަޢުވާއެއް ކުރެވިދާނެ ފަރާތްތަކެވެ. އެހެންނަމަވެސް މިހާލަތުގައިވެސް މި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް ތަހުގީގު މުއައްސަސާއަކަށް ހާޒިރުވެސް ކޮށްފައެއް ނުވެއެވެ. އަދި ޕީޖީ އައްބާސް ޝަރީފުވެސް މި މައްސަލަތައް ތަޙުޤީޤުކުރުމަށް އެއްވެސް މަސައްކަތެއް ކުރައްވަމުން ނުގެންދަވަ އެވެ.
މުއިއްޒުގެ ސަރުކާރަށް ފާޑުކިޔަމުންދާ ބައެއް މީހުން ބުނަމުން ދަނީ މުއިއްޒު ރައީސް ކަން ކުރައްވާ ޕީއެންސީގެ އެ އަމަލުން ސާފު ވަނީ ރައީސް މުހައްމަދު މުއިއްޒު ކޮރަޕްޝަންގެ އަމަލުތަކަށް ހިތްވަރު ދެއްވާކަން ކަމަށެވެ.