ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް ދީފިނަމަ ރައްޔިތުންގެ ކަރުބުޑުގައި ހިތި ރަހަ އަނެއްކާވެސް ލައްވާލާނެކަމަށް ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު މަޖިލިސް އިންތިހާބުގައި ގއ.ވިލިގިލީ ދާއިރާއަށް ކުރިމަރިލައްވާ ކެންޑިޑޭޓު އަލްއުސްތާޛު ޢަލީ ޝާހު ވިދާޅުވެއްޖެއެވެ.
ޝާހު މިފަދައިން ވިދާޅުވީ، ޗެނަލް13އިން ގެނެސްދޭ ޕީއެންއެފް އަދާހަމަ ޕްރޮގްރާމުގެ ތެރެއިން ދެއްކެވި ވާހަކައިގައެވެ.
ޝާހު ވިދާޅުވީ، ފެނިގެން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނުގެ ވެރިކަން ދިފާއު ކުރެއްވުމަށް ކަނޑަ ޖައްސަވަމުންދާ މަންޒަރު ކަމަށާ އެގޮތުން އެމަނިކުފާނުގެ ދިފާއުގައި ވާހަކަ ދައްކާ ވަކާލާތުކުރާނެ ވަރަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރެވމުން މިހާރު އިގްތިސޯދާ މަތިކޮށް އެކަން ހުއްޓާލިއިރު އަތޮޅު ތެރޭގައި ހުރި ސިޔާސީ މަގާމުތައް ހުރީ ހަމަ ހުރި ގޮތަށް ކަމަށެވެ.
ޝާހު ވިދާޅުވީ، ދެން މިހާރު ބުނަމުން ގެންދަނީ ހިކު ތިން ކުރާ ގަނޑެއްގެ ވާހަކަ ނަމަވެސް ފެނިގެން ދަނީ ފަރސްޓު ކްލާހުގައި ދަތުރުކޮށް ހިތު ހުރި ގޮތަކަށް ބައިތުލް މާލު ބޭނުންކުރަމުންދާ މަންޒަރުކަމަށް ވުމުން މަޖިލިސް މެޖޯރިޓީ ދީފިނަމަ ކޮރަޕްޝަން އިންތިހާއަށް އިތުރުވެގެން ދާނެ ކަމަށެވެ.
މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވޭން އޮތްތޯ؟ ކުރެވޭން އެބައޮތް. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިކަން ކުރުމަށް އޮތް ހަމަ އެކަނި މަގަކީ ސަރުކާރަށް މެޖޯރިޓީ ނުދިނުން. ސަރުކާރަށް މެޖޯރިޓީ ދީފި ނަމަ، ނިމިދިޔަ އިބްރާހިމު މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދިވެހި ދައުލަތުގެ އެއްބާރު، ރައްޔިތުންގެ މަޖިލީހަށް ވެގެން ދިޔަ ގޮތަށް ވެގެން ދާނެ. ސަރުކާރަށް ފާރަވެރިވުމުގައި އެއްވެސް ކަމެއް ނުކުރެވޭނެ. ނިކަން ބައްލަވާލައްވާ ވެންޓިލޭޓަރު މައްސަލަަ ދިޔައީ. ބޮޑެތި ބިޔަ ކޮރަޕްޝަންގެ މައްސަލަތައް ދިޔައީ. ވީކަމެއް ހަރާން. ހަމަ އެގޮތަށް މި ސަރުކާރަށް ވެސް މެޖޯރިޓީ ލިބިއްޖެ ކަމަށްވާނަމަ ރައްޔިތުންގެ ކަރަށް ޒަހަރު އަޅާނެ.
ޝާހު އިތުރަށް ވިދާޅުވީ މަޖިލިސް މެޖޯރިޓީ ސަރުކާރަށް ދީފިނަމަ ސަރުކާރު ޒިންމާދާރު ކުރުވުމަކީ ނާދިރުކަމެއްކަމަށާ އެކަމަށް އެންމެ ބޮޑަށް ނިމި ދިޔަ ފަސް އަހަރު ވަކާލާތުކުރެއްވީ އަދުގެ ސަރުކާގައި ތިބި ވެރިން ކަމަށެވެ.