

ތަފާތު އޮޕަރޭޝަންތައް ކުރުމަށް ހޭނެއްތުމަށް ބޭނުން ކުރާ މުހިންމު ދެ ބޭހެއް ރާއްޖެއިން ހުސްވެއްޖެ އެވެ.
އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް "އެކްސް" ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭސްނުލިބި ހޭނައްތާ ޑޮކްޓަރުން ތިބެގެން ކުރާނެ ކަމެއް ނެތް ކަމަށެވެ.
ލަތީފްގެ ޓްވީޓްގައި ހެލްތް މިނިސްޓްރީއާއި ރާއްޖެ އަށް ބޭސް އެތެރެކުރާ ސަރުކާރު މައި ކުންފުނި އެސްޓީއޯ ވެސް ވަނީ ޓެގްކޮށްފަ އެވެ.
ޑޮކްޓަރީ ބޭސް ނުލިބޭ މައްސަލަ މިފަހުން ވަނީ ވަރަށް ބޮޑުވެފަ އެވެ. ހޮސްޕިޓަލްތަކުން ކުރާ އޮޕަރޭޝަނަށް ބޭނުންވާ މުހިންމު ދެ ބޭސް ނުލިބޭ މައްސަލައިގައި މިހާތަނަށް ފޯނު ނުނެގުމުގެ ސަބަބުން 13 އޮންލައިނަށް ވަނީ އެސްޓީއޯގެ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.
އައިޖީއެމްއެޗް އަށް ބޭނުންވާ ބޭސް ނުލިބި ޑޮކްޓަރުންނާއި ނަރުހުން ބޭނުން ކުރާ ސިއްހީ އާލާތްތައް ނުލިބުމުގެ ކަންބޮޑުވުން ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ކުރަމުން ނެވެ.
މީގެ އިތުރުން އައިޖީއެމްއެޗްގެ އަލަށް އުފަންވާ ކުދިންގެ އަވަސް ފަރުވާދޭ ޔުނިޓު، އެންއައިސީޔޫގެ ތެރެއިން ނުރައްކާތެރި ޖަރާސީމެއް ކަމަށްވާ، މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ) ޖަރާސީމު ފެނި ގިނަ ތުއްތު ކުދިން ތަކަކަށް ވަނީ އަވަސް ފަރުވާދީ އަދި ބައެއް ކުދިންގެ ހާލު ދެރަވެ އިތުރު ފަރުވާއަށް ބޭރަށް ވެސް ފޮނުވަން ޖެހުނެވެ.
މި މައްސަލާގައި ވެސް އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ހިދުމަތް ހޯދާ ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ގިނަބަޔަކު ދިޔައީ ގޮވާލަމުން ނެވެ.
ސަރުކާރު މައި ހޮސްޕިޓަލްގެ ހިދުމަތުގެ ފެންވަރު ދައްވެ ރައްޔިތުންނަށް ބޭނުންވާ ބޭސްތައް ލިބުމުގައި ގިނަ ދަތިކަމެއް ހުރި އިރު ސަރުކާރުން މަސައްކަތް ކުރަނީ ހަނގުރާމައަށް ތައްޔާރުވުމުގެ ގޮތުން މިސައިލާއި ސްޕެޝަލް އޮޕަރޭޝަން ވެހިކަލްފަދަ ތަކެތި ގަތުމަށް ބޮޑެތި ހަރަދުތަކެއް ކުރަމުންކަން ފާހަގަ ކުރެވެ އެވެ.