އިންޑިއާ ސިފައިން ކަޝްމީރު ސަރަހައްދުގައި ހަރަކާތްތެރވަނީ / ހިންދުސްތާނީ ޓައިމްސް
ދުނިޔެ
ކަޝްމީރު ބޯޑަރުގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިން ފަހަތަށް ޖެހެން ފަށައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
22 މޭ 2025
މާލެ ސިޓީ

އިންޑިއާ، ޕާކިސްތާން ހަނގުރާމަ ހުއްޓާލައި، "ހަނގުރާމައިގެ ކުރިން ސިފައިން ތިބި ހިސާބަށް" ކަޝްމީރުގެ ޑިފެކްޓޯ ބޯޑަރުގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިން ފަހަތަށް ޖެހެން ފަށައިފި އެވެ.

އިންޑިއާ އާއި ޕާކިސްތާންއާ ދެމެދު ނުތަނަވަސްކަން އުފެދި ހަނގުރާމައިގެ ސިފަތައް ޖެހުނީ އޭޕްރީލް 22 ގައި، އިންޑިއާއިން ބަލަހައްޓާ ކަޝްމީރުގެ އަވަށެއް ކަމަށްވާ ޕަހަލްގާމްގައި ހަތިޔާރު އެޅި ބަޔަކު 26 މީހަކު މަރާލުމާ ގުޅިގެންނެވެ.

އިންޑިއާ ގަބޫލުކުރާ ގޮތުގައި ކަޝްމީރުގައި މީހުން މަރަން ޕާކިސްތާނުން ހިތްވަރުދެ އެވެ. އަދި ޕާކިސްތާން ސަރުކާރުން ޓެރަރިސްޓުންނަށް ހޭދަކުރުމާއި އެޖެންޑާ ހަވާލުކުރުމަކީ އާންމުކޮށް ކުރާ ކަމެކަމަށް އިންޑިއާ އަބަދުވެސް ތުހުމަތު ކުރެއެވެ. ނަމަވެސް މިވާހަކަ ތަކަށް ބާރު ދޭ ހެއްކެއް އިންޑިއާ އަކަށް ނުދެއްކެވެ.

އިންޑިއާގެ މި ތުހުމަތަށް ފަހު އަސްކަރީ ހަމަލާތަކެއް -- މިސައިލް ހަމަލާތަކެއް ވަނީ ޕާކިސްތާނަށް ދީފަ އެވެ. އަދި ރައްދުގައި ޕާކިސްތާނުން ދުރު ރާސްތާ މިސައިލާއި، އުދުހިފައި ދާ ގޮތަށް ގޮސް ތަނެއްގައި ޖެހިގަނެ ގޮވާ ޒާތުގެ ޑްރޯނުން ވެސް ވަނީ އިންޑިއާއަށް ހަމަލާދީފަ އެވެ.

އިންޑިއާގެ ސެކިއުރިޓީ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވީ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ގެ ނަން ދީފައިވާ ކަޝްމީރުގެ ޑިފެކްޓޯ ބޯޑަރުގައި ހަރަކާތްތެރިވާ އިތުރު ސިފައިންނާއި ހަތިޔާރުވެސް މަރުހަލާތަކަކަށް ބަހާލައިގެން މަޑުމަޑުން ފަހަތަށް ޖެއްސުމަށް އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށެވެ.

އަދި މިކަމަށް ޕާކިސްތާނުން އެއްބާރުލުން ދީ ހަނގުރާމައަށް އެލްއޯސީ ސަރަހައްދަށް ޕާކިސްތާނުން ފޮނުވި ސިފައިން ވެސް އެ ސަރަހައްދުން ބާލާނެ ޕާކިސްތާން އޮފިޝަލް ވެސް ވަނީ ބުނެ ފައި އެވެ.

އިންޑިއާއާއި ޕާކިސްތާނާ ދެމެދު މިފަހުން ފެށުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދެ ގައުމުން އާދެވުނުއިރު ޕާކިސްތާނުން އޮތީ ހަނގުރާމައިގައި ކުރި ހޯދާ މޮޅުވެފައި ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މިފަހުން ވަނީ ވިދާޅުވެފައި އެވެ.

ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުން ޒަމާނީ ޖެޓުތަކާއި ޑްރޯން ގިނަ އަދަދަކަށް ބޭނުންކޮށްގެން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދިންއިރު މަސްރަހު އިތުރަށް ގޯސް ނުކުރަން އެކި ގައުމުތަކުން ދަނީ ގޮވާލަމުންނެވެ.

ކަޝްމީރު ދެބައި ވެގެން ދިޔައީ 1947 ވަނަ އަހަރު އިނގިރޭސީންގެ އަޅުވެތިކަން ނިމުމަކަށް އައުމާ އެކުގަ އެވެ. ޕާކިސްތާނާއި އިންޑިޔާ އިން ވެސް ބުނަނީ ކަޝްމީރަކީ އެ ގައުމެއްގެ ބައެއް ކަމަށާއި ކަޝްމީރަކީ ބައި ނުކުރެވޭނެ ބިމެއް ކަމަށެވެ.

ކަޝްމީރުގެ މިލްކުވެރިކަމުގެ މައްސަލައިގައި އިންޑިޔާ އާއި ޕާކިސްތާނުން މިހާތަނަށް ތިން ހަނގުރާމަ ކޮށްފައިވެ އެވެ. އެއީ 1947 ވަނަ އަހަރު ކުރި ހަނގުރާމަ އާއި 1965 ވަނަ އަހަރުގެ ހަނގުރާމަ އާއި 1999 ވަނަ އަހަރުގެ ތެރޭގައި ކަރްގީލް ސަރަހައްދުގައި ކުރި ހަނގުރާމަ އެވެ. އޭގެ އިތުރުން ވެސް ދެ ގައުމުގެ ސިފައިންގެ މެދުގައިވަނީ ކަޝްމީރުގެ މައްސަލައިގައި ކިތަންމެ ފަހަރަކު ހަމަލާތައް ބަދަލުކޮށްފަ އެވެ.

ކަޝްމީރުގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އިރު، ޕާކިސްތާނުން ބާރުއަޅަނީ ކަޝްމީރު ރައްޔިތުން ބޭނުންވާ ގޮތެއް ބެލުމަށް ކަޝްމީރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާށެވެ. ނަމަވެސް އިންޑިޔާ އިން މި ކަމަށް ދެކޮޅުހަދަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved