theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައުދު؛ މިއަދު ވަނީ ބަންދުން ދޫކޮށްލައިފި / ޕޮލިސް
ހަބަރު
ޔުމްނު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު ބަންދުން ދޫކޮށްލައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
22 މޭ 2025
މާލެ ސިޓީ

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލް ދޫކޮށްލައިފިއެވެ.

މިކަން ފުލުހުން އަދި ހާމަ ނުކުރި ނަމަވެސް ރައުދު މިއަދު ދޫކޮށްލިކަން ހާމަވީ، އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި އޮތް މައްސަލަ މިއަދަށް ތާވަލުކޮށްފައިވަނިކޮށް، މައްސަލަ އަނބުރާ އޭނާ ގެންދިޔުމުން ހައިކޯޓުން އާއްމު ކުރި ބާތިލު ރިޕޯޓުންނެވެ. އެ ރިޕޯޓުގައި ބުނަނީ ރައުދު ދޫކޮށްލުމުން، އޭނާ އެ މައްސަލަ އަނބުރާ ގެންދިޔައީ އެވެ.

އެހެންވެ، އިސްތިއުނާފު ބާތިލުކުރުމަށް އެދި ރައުދު ހުށަހަޅާފައިވުމުން، މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން، ވަނީ މައްސަލަ ބާތިލުކުރައްވާފައި އެވެ.

އެ މައްސަލައިގެ ރިޔާސަތުގައި ހުންނެވީ ފަނޑިޔާރު މުހައްމަދު ފައިސަލް ކަމަށްވާއިރު، އިތުރަށް ތިއްބެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާއާއި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.

ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.

ރައުދަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާ އެކު އުޅުނު ކަމަށް ބުނާ މީހާ އެވެ. ޔުމްނު އާއި ރައުދު ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން މއ. މާންދޫގެ ދެކުނުގެ އަށް އެ ރޭ ދަންވަރު ގޮސް އުޅުނެވެ. އޭގެ ފަހުން ފެންޓެނޯއީގެ އަށް ދިއުމުގެ ކުރިން ހ. ކަށިވެއްޔަށް ވެސް ވަދެ އެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މެލޭޝިއާގައި އޭނާ ފަރުވާ ހޯދަމުން އަންނައިރު، ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މިކަން ޔުމްނުގެ އާއިލާ އިން ދޮގުކުރެ އެވެ.

ޔުމްނުގެ އާއިލާއިން މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައުދުގެ އިތުރުން ހަތަރު މީހުން އެ ގޭގައި ތިބި ކަމަށް ޔުމްނުއާ ހަވާލާދީ ބުނެފައިވެ އެވެ.

ހާދިސާ ހިނގި ރޭ ޔުމްނު އެ ގެއަށް ދިޔައީ، މި މައްސަލައިގައި ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވައި ދިން ދައުވަތަކަށް ކަމަށް ވެސް އޭނާއާ ހަވާލާދީ އާއިލާއިން ބުނެފައިވެ އެވެ.

ނަމަވެސް މި މައްސަލައިގައި މިހާތަނަށް އަދި އިތުރު މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved