އަލީ ހަމީދު އެމްޑީޕީ އަށް ސޮއިކުރައްވަނީ / އެމްޑީޕީ
ހަބަރު
ހޮސްޕިޓަލެއް އެޅުމަށް ދިން އެޑްވާންސް ފައިސާއާ ގުޅިގެން އާސަންދަ ކުންފުންޏަށް 40 މިލިއަން ރުފިޔާގެ ގެއްލުމެއް
Hussain Nawaf
ހުސައިން ނަވާފް
22 މޭ 2025

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދަށް ހަ ބުރީގެ ހޮސްޕިޓަލެއް އެޅުމަށް ދިން އެޑްވާންސް ފައިސާއާ ގުޅިގެން އާސަންދަ ކުންފުންޏަށް 40 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ވެއްޖެއެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން އާންމު ކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން އާސަންދަ ކުންފުނީގެ ފައިނޭންޝަލް ސްޓޭޓްމެންޓުން ވަނީ އަލީ ހަމީދުގެ ކުންފުނި ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް 2016 ވަނަ އަހަރު ދޫކުރި އެޑްވާންސް ފައިސާ އުނިކޮށްފައެވެ.

އަލީ ހަމީދުގެ ކުންފުންޏަށް އެޑްވާންސަށް ދޫކުރި ފައިސާގެ އަދަދު އާސަންދަ ކުންފުނީގެ ހިސާބުތަކުން އުނިކުރި ނަމަވެސް އެ ފައިސާ ކޯޓުތަކަށް ގޮސް ހޯދުމުގެ ފުރުސަތު އާސަންދަ އަށް އޮންނާނެއެވެ.

އެ ޕްރޮޖެކްޓުގެ އެއްވެސް މަސައްކަތެއް ނުކުުރާ އިރު އެ ހޮސްޕިޓަލްގެ އަމަލީ އެއްވެސް މަސައްކަތެއް އަލީ ހަމީދުގެ ކުންފުނިން ކޮށްފައެއް ނުވެއެވެ.

އެކަމާ ގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ވެސް މިދިޔަ އަހަރު ފެންމަތި ކުރި އިރު މި މައްސަލަ ޖިނާއީ ތަހުގީގެއް ގޮތުގައި އަވަހަށް ކުރިއަށް ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް ޕީޖީ އޮފީހުން ވަނީ މިދިޔަ ޑިސެމްބަރު މަހުގައި ފުލުހުންނަށް އަމުރު ކޮށްފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި 2016 ވަނަ އަހަރު އަލީ ހަމީދުގެ ކުންފުނި، ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް އާސަންދަ ކުންފުނިން ހަ ބުރީގެ ހޮސްޕިޓަލް އިމާރާތެއް އެޅުމަށް އެންމެ ފުރަތަމަ ހަވާލުކުރީ 61 މިލިއަން ރުފިޔާއަށް 15 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އެ ފަހުން އާސަންދައަށް ކުރިމަތިވި ބަޖެޓުގެ މައްސަލަތަކާ ގުޅިގެން އެ ޕްރޮޖެކްޓު މަޑުޖައްސާލަން އެންގިއެވެ.

އެއާއިއެކު ރައީސް ސޯލިހުގެ ސަރުކާރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އިތުރު 44 މިލިއަން އެޑްވާންސް ފައިސާގެ ގޮތުގައި އެ ކުންފުންޏަށް އާސަންދައިން ދިނެވެ.

އެހެންކަމުން ހޮސްޕިޓަލް ހިންގުމުގެ ޕްރޮޖެކްޓަށް އެ ކުންފުނިން 88 މިލިއަން ރުފިޔާ ނެގިކަން ފާހަގަ ކުރެވެއެވެ.

އަލީ ހަމީދަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެން 2023 ވަނަ އަހަރު އެމްޑީޕީއާ ގުޅިވަޑައިގަން ބޭފުޅެކެވެ.

އަދި ރައީސް ސޯލިހު އިންތިހާބުން ބަލިވުމުން އެމްޑީޕީން ވަކިވެ އަލީ ހަމީދު ޕީއެންސީއަށް ސޮއި ކުރިކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved