March 19, 2026
Advertisement
މާލޭގެ އުސް އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު
މާލޭގެ އުސް އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު / ފޭސްބުކް

މެލޭޝިއާގެ ފުލުހުންގެ އެހީގައި ޔުމްނުގެ ބަޔާން ނަގަނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 22, 2025, 08:54 PM
މާލެ ސިޓީ

މާލޭގެ އުސް އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ބަޔާން ނެގުމަށް އޭނާގެ އާއިލާއިން އެއްބާރުލުން ނުދޭ ކަމަށް ބުނެ، މެލޭޝިއާ ފުލުހުން މެދުވެރިކޮށް އެކަން ކުރުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފި އެވެ.

Advertisement

މިދިޔަ މަހުގެ 18 ވަނަ ދުވަހު ފުރާޅު މައްޗަށް ވެއްޓިފައި އޮށްވައި ފެނުނު, ޔުމްނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ, އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހުގައި, އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދިޔައީ އޭޕްރީމް މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.

ފުލުހުން މިއަދު ބުނީ ޔުމްނު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދިވެހި ދެ ފުލުހުން މެލޭޝިއާގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަންހެން މީހާގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާކަން ފާހަގަކުރަން. އަނިޔާ ލިބުނު އަންހެން މީހާގެ ސިއްހީ ހާލާ ގުޅޭގޮތުން ވެސް ފުލުހުންނާ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައި ނުވާއިރު، މެލޭޝިއާގައި ފަރުވާ ދެމުންދިޔަ ހޮސްޕިޓަލް ބަދަލު ކުރި އިރުވެސް ފުލުހުންނާ އެ މައުލޫމާތު ހިއްސާކޮށްފައި ނުވޭ،

ފުލުހުން

އެ ބަޔާނުގައި ބުނީ ތަހުގީގު ޓީމުން މިއަދާ ހަމައަށް ވެސް މަސައްކަތް ކުރީ އާއިލާގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ލިބޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ. އެކަމަކު، އާއިލާގެ އެއްބާރުލުން ނުލިބުމުން މެލޭޝިއާގެ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެ ގައުމުގެ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުން ބުންޏެވެ.

ފުލުހުންނާ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރި ނަމަވެސް ޔުމްނުގެ އާއިލާ އިން ވަނީ އޭނާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ވެސް މީޑިއާގައި ވާހަކަ ދައްކައިފަ އެވެ. އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ބުނެ، ޔުމްނުއާ ހަވާލާދީ ބައެއް ވާހަކަތައް ވެސް ހިއްސާކޮށްފައިވެ އެވެ.

ޔުމްނުގެ ދައްތަ ބުނީ ހ. ފެންޓެނޯއީ ގެއިން ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ވެއްޓުނު ވަގުތު، އެ މައްސަލައިގައި މިވަގުތު ހަމައެކަނި ހައްޔަރުކޮށްފައި ހުރި ރައުދު އަހުމަދުގެ އިތުރުން ތިން މީހަކު ހުރި ކަމަށް ޔުމްނުއާ ހަވާލާދީ އާއިލާއިން ބުންޏެވެ.

ނަމަވެސް މި މައްސަލައިގައި މިހާތަނަށް އަދި އިތުރު މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ހިންގާ ގޮތާ ގުޅޭ ގޮތުން ނުރުހުން ފާޅުކޮށް، އެ ތަހުގީގަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ނުފޫޒު ފޯރުވާ ކަމަށް ބުނެ ޒުވާނުން ސިލްސިލާ މުޒާހަރާތަކެއް ކޮށްފައިވެއެވެ.

ޔުމްނުއަށް މެލޭޝިއާގައި ފަރުވާ ދެމުން އަންނައިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ ވެއްޓުނު ހާދިސާ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފައެވެ. އެ ކޮމިޝަނުން މިފަހުން ރައުދާ ސުވާލު ވެސް ކޮށްފައިވެއެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved