April 6, 2026
Advertisement
ރައުދު އަހުމަދު ޒިލާލް
ރައުދު އަހުމަދު ޒިލާލް / ޓްވިޓަރ

ކޯޓު އަމުރެއްގެ ދަށުން އަލުން ރައުދު ހައްޔަރުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 22, 2025, 09:52 PM
މާލެ ސިޓީ

ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރުކުރި ރައުދު މިއަދު ދޫކޮށްލި ތަނުން ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރުކޮށްފި އެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އަނެއްކާ ވެސް ރައުދު ހައްޔަރުކުރީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށެވެ.

އޭނާ މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ ކްރިމިނަލް ކޯޓުން މިއަދު ނެރުނު އާ އަމުރެއްގެ ދަށުންނެވެ.

ބަންދުގައި ގިނަ ދުވަސްތަކެއްގައި ބެހެއްޓުމަށް ފަހު ރައުދު މިއަދު ހެނދުނު ބަންދުން ދޫކޮށްލީ އޭނާގެ ބަންދަށް އެންމެ ފަހުން ކްރިމިނަލް ކޯޓުން ޖަހާފައިވާ 20 ދުވަސް ހަމަނުވަނީހެވެ.

ފުލުހުން ބުނީ ރައުދު ބަންދުން ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިޖުރާއީ ލަފާގެ މަތިން ކަމަށެވެ.

ރައުދު ހައްޔަރު ކުރީ ޔުމްނުގެ މައްސަލައިގައި ފުލުހުން ހިންގަމުން އަންނަ ތަހުގީގަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވާން ފެށުމުންނެވެ. އެ މައްސަލައިގައި ފުލުހުން ހަދާފައި ހުރި ވަރަށް ބޮޑެތި ގޯސްތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ކުރިން މާލޭގެ ދެ ގެއެއްގައި މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ޔުމްނު އާއި ރައުދު ހިމެނޭހެން ޖުމްލަ ނުވަ މީހަކު މަސްތުވާތަކެއްޗާ އެކު ޕާޓީ ކުރުމުގެ ކަންތައްތަކެއް ހިންގާފައިވާ ކަން ފުލުހުން ކުރިން ދިން މައުލޫމާތުން އެނގެ އެވެ.

ޔުމްނުގެ ހަށިގަނޑުންވެސް ފުލުހުން ނެގި ސާމްޕަލް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފަ އެވެ. ދެން ތިބި މީހުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުމަށް އެދުމުން އެމީހުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އެހެންވެ ފުލުހުން އޭރު ވަނީ އެ މީހުންގެ ސާމްޕަލް ނުނަގާ ދޫކޮށްލާފަ އެވެ.

ނަމަވެސް ފުލުހުން ފަހުން ބުނީ މި މައްސަލައިގައި ހިމެނޭ އެންމެން އަލުން ދެނެގަނެ އެ އެންމެންގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ މީހުން ފުރުން މަނާކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުންނާ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރި ނަމަވެސް ޔުމްނުގެ އާއިލާ އިން ވަނީ އޭނާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ވެސް މީޑިއާގައި ވާހަކަ ދައްކައިފަ އެވެ. އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ބުނެ، ޔުމްނުއާ ހަވާލާދީ ބައެއް ވާހަކަތައް ވެސް ހިއްސާކޮށްފައިވެ އެވެ.

ޔުމްނުގެ ދައްތަ ބުނީ ހ. ފެންޓެނޯއީ ގެއިން ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ވެއްޓުނު ވަގުތު، އެ މައްސަލައިގައި މިވަގުތު ހަމައެކަނި ހައްޔަރުކޮށްފައި ހުރި ރައުދު އަހުމަދުގެ އިތުރުން ތިން މީހަކު ހުރި ކަމަށް ޔުމްނުއާ ހަވާލާދީ އާއިލާއިން ބުންޏެވެ.

ޔުމްނުއަށް މެލޭޝިއާގައި ފަރުވާ ދެމުން އަންނައިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ ވެއްޓުނު ހާދިސާ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފައެވެ. އެ ކޮމިޝަނުން މިފަހުން ރައުދާ ސުވާލު ވެސް ކޮށްފައިވެއެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved