ބަންޑާރަ ނައިބު އަހުމަދު އުޝާމް އަށް މަގާމުގެ ލިޔުން މުއިއްޒު ހަވާލުކުރައްވަނީ / ރައީސް އޮފިސް
ހަބަރު, ސިޔާސީ
ރައީސް މުއިއްޒުގެ ސިޓީގެ ހިލަމެއް ނެތް، ޗާގޯސް މޮރިޝަސްއަށް ލިބިއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
23 މޭ 2025
މާލެ ސިޓީ

ޗާގޯސް މައްސަލައާ ދިވެހިންނަށް ގެއްލުނު ކަނޑުގެ ސަރަހއްދުގެ މައްސަލައިގައި މި ސަރުކާރުގެ ވެރިން މީގެ ކުރިން ކިޔަމުން ގެންދިޔަ ހުރިހާ ޅެމެއް ފަރިއްސަށްވެއްޖެ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން ނިންމައި އެކަމަށް އެމެރިކާ ތާއީދުކޮށް، އެކުލަވާލި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލިއަސް، އިނގިރޭސިވިލާތުގެ ސަލާމަތާއި ރައްކާތެރި ކަމަށް ކޮންމެހެން ބޭނުންތެރި، އެމެރިކާ އާއި އިނގިރޭސިވިލާތުން ބޭނުންކުރާ އަސްކަރީ މަރުކަޒެއްގެ މުސްތަގުބަލު ރައްކާތެރިކޮށްދޭނެ ކަމަށް އިނގިރޭސި ސަރުކާރުން ބުނެ އެވެ.

ރާއްޖޭގެ ދެކުނުގައި އޮންނަ ސްޓްރެޓެޖިކް ގޮތުން އެމެރިކާ އާއި އިނގިރޭސިންނަށް މުހިންމު ނޭވަލް އަދި ބޮންއަޅާ މަތިންދާބޯޓު އުދުއްސުމަށް ހާއްސަ އަސްކަރީ މަރުކަޒެއް އޮންނަނީ އެ ޖަޒީރާތަކުގެ އެންމެ ބޮޑު ރަށް، ޑިއޭގޯ ގާސިއާގަ އެވެ.

އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ މަރުކަޒު މޮރިޝަސް އިން އިނގިރޭސިވިލާތަށް ކުއްޔަށް ދޫކުރަނީ އަހަރަކު 136 މިލިއަން ޑޮލަރަށް އަދި މަދުވެގެން 99 އަހަރަށެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތުން އެއްބަސްވީ މިދިޔަ އޮކްޓޯބަރުގަ އެވެ. އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން އެއްބަސްވީ އދ. އިން އެދެމުންދާތާ އެތައް އަހަރެއް ފަހުންނެވެ. އެގޮތަށް އެކަން ކުރުމަށް އަންގާ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އެޑްވައިޒަރީ އޮޮޮޕީނިއަންއެއް ދީފަ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން ނިންމުމާއެކު، އެކަމަށް ގޮންޖަހައި ދިވެހި ސަރުކާރުން ވަނީ އިނގިރޭސި ސަރުކާރަށް "ސިއްރު ސިޓީއެއް" ފޮނުވާފަ އެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮންނަ ޗާގޯސް ރަށްތަކުގެ ކޮންޓްރޯލް މޮރިޝަސްއާ ހަވާލުކުރުމަށް ނިންމި އިރުވެސް މި ސިޓީގެ ޖަވާބެއް ރައީސް މުއިއްޒުގެ ސަރުކާރަކަށް އަދި ނުލިބެ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފައެވެ.

އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައިކޮށްފަ އެވެ.

އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމާއިއެކު ގެއްލުނު ކަނޑު ހޯދުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށްވާއިރު، ޗާގޯސް މައްސަލަ ކުރިއަށްގެންދަން ސަރުކާރުން ކޮމިޓީއެއް ވެސް މީގެ ކުރިން އެކުލަވައިލި އެވެ. ނަމަވެސް އެ ކޮމީޓީ ގެ މަސައްކަތް ވެސް އޮތީ ވާނުވާ ގައި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved