މާލޭގެ އުސް އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު / ފޭސްބުކް
ހަބަރު
ތަހުގީގަށް ޔުމްން އާއި ސުވާލު ކުރުމަށް ރަސްމީކޮށް ފުލުހުން އެދިފައި ނުވޭ: އާއިލާ
Hussain Nawaf
ހުސައިން ނަވާފް
24 މޭ 2025

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްން ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް އޭނާއާ ސުވާލު ކުރުމަށް ރަސްމީކޮށް ފުލުހުން އެދިފައި ނުވާ ކަމަށް ޔުމްނުގެ އާއިލާ އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ފުލުހުން ނެރުނު ބަޔާނާއި ގުޅިގެން ޔުމްނުގެ އާއިލާގެ ފަރާތުން އެކްޓިން ޕޮލިސް ކޮމިޝަނަރު ޑެޕިޔުޓީ ޕޮލިސް ކޮމިޝަނާ އިސްމާއިލް ނަވީންއަށް ވަނީ ސިޓީ އެއް ފޮނުވައިފައެވެ.

އެ ބަޔާނުގައި ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް އޭނާއާ ސުވާލު ކުރުމުގެ ފުރުސަތު ފުލުހުންނަށް އާއިލާގެ ފަރާތުން ފަހިކޮށްދީފައި ނުވާތީ، މެލޭޝިއާގެ ފުލުހުން މެދުވެރިކޮށް ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބުނެފައެވެ. އަދި ޔުމްނުގެ ސިއްހީ ހާލަތާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ހިއްސާކޮށްފަައި ނުވާ ކަމާއި މެޑިކަލް އޮފިސަރެއް ހިމެނޭހެން ފުލުހުންގެ 2 އޮފިސަރުންގެ ޓީމެއް މެލޭޝިއާގައި ހަރަކާތްތެރިވާކަމަށް ފާހަގަކޮށްފައިވެއެވެ.

އެ ކަމާއި ގުޅިގެން ފޮނުވި ސިޓީގައި އެ މައްސަލާގައި ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވަނީ ކަންހިނގި ގޮތާ ކަނޑައެޅިގެން ހިލާފަށްކަމާއި މައްސަލައިގެ ތަހުގީގެއް ނުހިންގާ، ޔުމްނު ވެއްޓުނީ އަމިއްލަ އަށް ކަމަށް ފުލުހުން ބުނީ ވަކި މަގުސަދެއްގައި ކަމަށް އާއިލާ އިން ދެކޭ ކަމުގެ އިތުރުން ތަހުގީގުގެ އެންމެ ނާޒުކު ދަނޑިވަޅުގައި ފުލުހުން އަމަލުކޮށްފައިވާގޮތުން އިންސާފުވެރިކަމާއެކު ތަހުގީގު ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން އާއިލާ އަށް ނެތް ކަމަށް ބަޔާންކޮށް ރާއްޖޭގެ ގާނޫނާއި ގަވައިދަށް ތަބާވުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ އެއްވެސް ތަހުގީގަކަށް އާއިލާގެ ފަރާތުން ހުރަސްނާޅާނެ ކަމަށާއި މިހާތަނަށް ވެސް އެފަދަ ހުރަހެއް ކުރިމަތިކޮށްފައި ނުވާނެކަމަށްވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޔުމްނުގެ ސިއްހީ ހާލަތާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންގެ ފަރާތުން އެދިފައި ނުވާކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

މި މައްސަލަ އާއި ގުޅިގެން އެންމެ ފަހުން ދިމާވިކަމަށް ބެލެވޭ ރައުދު އަހްމަދު ޒިލާލުވަނީ ހައްޔަރު ކޮށްފައެވެ.

މި މައްސަލައިގައި ޔުމްނު ވެއްޓުމުގެ ކުރިން އެ ރޭ އޭނާއާ އެކު އުޅުނު މީހުންގެ ޕާސްޕޯޓް ހިފަހައްޓައި ފުލުހުން ގެންދަނީ ތަހުގީގު ހިންގަމުންކަން ފާހަގަކޮށްލެވެއެވެ.

އެއީ ރައުދު އަހުމަދު ޒިލާލް، އައިޝަތު ލަޔާލީ އިގުބާލް، އިޒްދިޔާން މުހައްމަދު މައުމޫން، ޔޫސުފް އަހްމަދު އަކްރަމް، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، އާމިނަތު ޖުނައިނާ ޖަމްޝީދު، ހުސައިން ހަމީސް އަލީގެ އިތުރުން އިޖާޒު ޖާއިޒެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved