

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތަކުގެ ފަހުން އާންމު ކުރި ލިސްޓަށް ލިބުނު ޝަކުވާތައް މިމަހުގެ ނިޔަލަށް ބަލައި ނިންމަށް މަސައްކަތް ކުރަމުންދާކަމަށް އިމާރާތްކުރުމާ ގެދޮރިވެރިކަމާ ބިނާރާއި ބެހޭ ވުޒާރާއިން ބުނެފިއެެވެ.
ވުޒާރާގެ ފަރާތުން ބުނީ ޝަކުވާތައް ބެލުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ.
ފްލެޓަށް ޝަކުވާއަށް ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުގަ އެވެ. ރޭ ދަންވަރު 12:00 އަށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަމަވެފައި ވާއިރު އެ މުއްދަތުގައި 8،602 ޝަކުވާ ވަނީ ހުށަހަޅައިފަ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، އެ 4،000 އިން ޝަރުތު ހަމަވާ ކަމަށް މި ސަރުކާރުން ނެރުނު ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހެކެވެ.
ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވެގެން ލިސްޓުގައި ހިމެނެނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.
މިނިސްޓްރީން ބުނި ގޮތުގައި ޕޯޓަލް މެދުވެރިކޮށް 5،236 ޝަކުވާ ހުށަހަޅާފައިވެ އެވެ. އީމެއިލް މެދުވެރިކޮށް 2،840 ޝަކުވާ އަދި މިނިސްޓްރީގެ ކައުންޓަރަށް 526 ސިޓީ ހުށަހަޅާފައިވެ އެވެ.
މި މައްސަލައިގައި ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ފްލެޓު ހަވާލު ކުރައްވާނީ އެންމެ އިންސާފުވެރި ގޮތަށް ބަލައިކަމަށެވެ. އަދި ކުރީ ސަރުކާރުން ގެޒެޓު ކުރި ލިސްޓާއި ގުޅޭގޮތުން ވިދާޅުވެފައި ވަނީ އިންސާފުވެރިކޮށް އޮންނަ އުސޫލުގެ ތެރެއިން ފްލެޓު ލިބުނު އެއްވެސް ފަރާތެއްގެ ނަން ލިސްޓު އުނި ނުވާނެކަމަށެވެ.
ނަމަވެސް ފްލެޓް ލިސްޓަށް ޝަކުވާއަށް ހުޅުވާލި މުއްދަތުގައި 8،602 ޝަކުވާ ވަނީ ހުށަހަޅައިފަ އެވެ.