

ސަރުކާރުން ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގި ގެދޮރުވެރިޔާ ސްކީމުން ވަކި ބަޔަކަށް މަންފާ ވާގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ ހަތަރު މީހެއްގެ މައްޒަށް ދައުވާ ކުރުމަށް ފޮނުވައިފިއެވެ.
ކުރީ ސަރުކާރުން 4،000 ފްލެޓް ދޫކުރުމުގެ ލިސްޓަށް ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި، އޭރުގެ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއާ ހައުސިން މިނިސްޓްރީގެ ކުރީގެ ސިނީއާ އެގްޒެކެޓިވް - މުހައްމަދު އާރިފް، ނެދުންގެ، ހއ. އިހަވަންދޫ، ސީނިއާ އެގްޒެކެޓިވް - ލިރުގާމް ވަހީދު، މއ. ވިރާހުގެ އިތުރުން ޑިރެކްޓަރު ޖެނެރަލް - އަހުމަދު ވިޝާން ނަސީމް، މއ. އިހާދޫ އަށް ދައުވާކުރުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
މި ހަތަރު މީހުންގެ މައްޗަށް އުފުލަން އެދިފައިވަނީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
އޭގެ އިތުރުން ވެސް އިތުރު ކުށްތައް އެ މީހުން ޝާމިލުވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެ ކަންކަން ބަލަމުންދާ ކަމަށް އޭސީސީން ބުނެފައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމާއި "ގެދޮރުވެރިޔާ" ސްކީމްގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލައިގައި މީގެ ކުރިން އަކުރަމްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފަ އެވެ. އެގޮތުން އެންމެ ފުރަތަމަ އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓީ 20 ޑިސެމްބަރުން ފެށިގެން 1 މަސްދުވަހުގެ މުއްދަތަކަށެވެ. އޭގެ ފަހުން މިއަހަރު ޖެނުއަރީ މަހު 19 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެއްމަސް ދުވަހުގެ ނިޔަލަށް އޭނާ ފުރުން މަނާކޮށް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެފައިއެވެ.
މައްސަލައިގެ ތަހުގީގަށް އެއް އަހަރު ވެގެންދާއިރު، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް ބާރުދޭ އެކަށީގެންވާ ހެކި ނެތް ކަމަށް އަދި ޕާސްޕޯޓް ހިފަހައްޓަން އެދުނު އިރު ވެސް އިތުރު އާ ހެކި ގަރީނާ ޝަރީއަތަށް ހުށަނާޅާ ކަމަށް އަކްރަމްގެ ފަރާތުން ޕާސްޕޯޓް ހިފެހެއްޓި މައްސަލައިގައި ކޯޓުގައި ފާހަގަކޮށްފައިވެއެވެ.