ރައްޔިތުންގެ މަޖިލީހުގެ އިނތިހާބު ގާތްވަމުން ދާވަރަަކށް ރައްޔިތުންގެ ތާއީދު ހޯދުމަށް، ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ބޭނުންކުރަން ރައީސް މުހައްމަދު މުއިއްޒު ފައްޓަވައިފިއެވެ.
އެގޮތުން މިހާރު ރައީސް މުއިއްޒު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޭދޫ ދާއިރާގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތްތައް ލަސްވެ ދިގުލައިގެންދާތީ ކަންބޮޑުވާ ކަމަށާއި އިންސާފު ލަސްވެގެން ދިއުމަށް ނޭދޭ ކަމަށެވެ. އަދި އެއީ ގައުމަށް ހަމަޖެހުން އޮތް ގޮތެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިހާ ދުވަސް ވެގެން ދިޔައިރު، ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވުމަކީ ގައުމަށް ހަމަޖެހުން ލިބޭނެ ކަމެއް ނޫން. އެމަނިކުފާނަށް ވެސް އިންސާފު ލިބެން ޖެހޭނެ. އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން. ޖަސްޓިސް ޑިލޭޑް އިޒް ޖަސްޓިސް ޑިނައިޑް.
ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕޭންގައި އެންމެ ގަދައަށް ދެއްކެވި އެއް ވާހަކަފުޅަކީ އަދި ވެވަޑައިގަތް އެންމެ މުހިންމު އެއް ވައުދުފުޅަކީ ވެރިކަން ލިބިވަޑައިގަތުމާ އެކު އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައެއްގައި ނުހައްގުން ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން މިނިވަން ކުރެއްވުމެވެ.
ނަމަވެސް ވެރިކަން ލިބި އެ ވާހަކަތައް މަޑޫ މަޑުން ފޭދެމުންގޮސް އެއްކޮށް އެ އަޑު ކެނޑިފައިވަނިކޮށް އަނެއްކާވެސް މުހިއްމު އިންތިހާބަކާ ދިމާކޮށް ރައީސް މުއިއްޒަށް ރައީސް ޔާމީން މަތިން ހަނދުމަފުޅޫ ވުމުން އެނގިގެން ދަނީ ރައީސް ޔާމީންއާ ނުލާ ގައުމު މިހާރުގެ ސަރުކާރުގެ ވެރިންނަށް ނުހިންގޭނެކަން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް މި ވަގުތު ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭ ބަންދުގައި ހުންނަވައިގެން ނަމަވެސް، އެ ގޮތަށް ބަދަލުކުރީ ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ކުރިން، ރިޔާސީ އިންތިހާބު ނިމުނުތަނާހެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.
ރައީސް ޔާމީން މިނިވަންކުރުން ލަސްވެ، ޕާޓީގެ ލީޑަޝިޕް އާއި އާންމު މެމްބަރުންގެ މެދުގައި ބައިބައިވުން އުފެދި، ރައީސް ޔާމީން އިސްވެ ހުންނަވައި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.