ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ހަލީލު - / ރައީސް އޮފިސް
ހަބަރު
އިބްރާހިމް ހަލީލް ހޭވި ހަޑިން ޕީއެސްއެމްއަށް ލިބުނު ގެއްލުން، ހައި ކޯޓުގައި އެ މައްސަލަ ބައްލަވާ ބެންޗުގެ ދުލުން
Qudhrathullah Ameen
ގުދުރަތުﷲ އަމީން
25 މޭ 2025
މާލެ ސިޓީ

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ވެރިއަކަށް ހުންނެވި ދުވަސްވަރު ޓީވީ ބިލްޑިންގުގައި އިއުލާންކުރުމެއް ނެތި އެގްޒެކެޓިވް ބިއުރޯއެއް ހަދަން ބަޔަކާއި ހަވާލު ކުރުމުން ދައުލަތައް ލިބުނު ގެއްލުން ހައިކޯޓުގައި އެ މައްސަލަ ބަލަމުންދާ ފަނޑިޔާރުން ޕީއެސްއެމްގެ ވަކީލުގެ ސަމާލުކަމަށް ގެނެސްދީފި އެވެ.

ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި 2018 ވަނަ އަހަރުގެ މެދުތެރޭގައި ހަދާފައިވާ އެގްޒެކެޓިވް ބިއުރޯގައި ކުރި ކަމަށް ބުނާ މަސައްކަތްތަކަށް އާޓިސަންއިން ހުށަހަޅާފައިވާ އިންވޮއިސްތަކަކަށް ޕީއެސްއެސްއެމްއިން ދައްކަން ޖެހޭ 4.5 މިލިއަން ރުފިޔާ ނުދައްކާ ކަމަށް ބުނެ އެ ކުންފުނިން ޕީއެސްއެމްގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކުރީ، އެ ފައިސާ އާއި ވަކީލު ފީ އާއި ގެއްލުމުގެ ބަދަލާ އެކު ގާތްގަނޑަކަށް 11.4 މިލިއަން ރުފިޔާގެ ނަގައިދިނުމަށް އެދި އެވެ.

އެ މައްސަލައިގައި މިދިޔަ އަހަރު ސިވިލް ކޯޓުން ހުކުމްކުރީ ގެއްލުމުގެ ބަދަލު ނުހިމަނައި އަދި ގާނޫނީ ވަކީލުގެ ފީގެ ގޮތުގައި ހުށަހަޅާފައިވާ 360،000ރ. ތެރެއިން 16،000ރ. އާ އެކު 4.52 މިލިއަން ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި އާޓިސަނަށް ދެއްކުމަށެވެ.

އެ ހުކުމް ޕީއެސްއެމްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އަދި ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް ވެސް އެ ކުންފުނިން ހައި ކޯޓުގައި އެދުނެވެ.

ހައި ކޯޓުން ވަނީ 18 ޑިސެންބަރު 2022ގައި، އެ ކޯޓުން އިސްތިއުނާފު މައްސަލަ ބަލައި ނިމެންދެން ސިވިލް ކޯޓުން އެ މައްސަލައިގައި ކުރި ހުކުމް ތަންފީޒުކުރުން ފަސް ކުރުމަށް އަންގައި އަމުރެއް ނެރެފަ އެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ޕީއެސްއެމް އިން ދައްްކަން އެންގި ފައިސާ ސިވިލް ކޯޓަށް ދައްކަމުން ދިއުމަށް އެންގި ނަމަވެސް، ހައި ކޯޓުން މައްސަލަ ބަލައިނިމެންދެން ސިވިލް ކޯޓުން އެ ފައިސާ އެއްވެސް ފަރާތަކަށް ދޫނުކުރުމަށް ހައި ކޯޓުން ނެރުނު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރުގައި އަންގާފައިވެ އެވެ.

ހައިކޯޓުގައި މިހާރު ހިގަމުން އަންނަ ޝަރީއަތުގެ އެންމެ ފަހުގެ އަޑު އެހުމުގައި ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް އާޓިސަން ކުންފުނީގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލަށާއި ޕީއެސްއެމްގެ ވަކީލު ރިޒާ އަށް ވަނީ ރައްދުކުރައްވާފައި އެވެ.

ފަނޑިޔާރުންގެ ކަންބޮޑުވުމަކީ މިފަދަ މައްސަލަތަކުގައި ޝާމިލުވާ މީހުން ސަލާމަތްވެ ކުންފުނި ގޮވައިގެން ދައުވާން ކުރަން ޖެހޭ ސަބަބެވެ. އަދި މިފަދަ ފައިސާއާއި ގުޅޭ މައްސަލަތަކުގައި މިފަދަ ކަންކަން ކުރި އަދި ކުރުމަށް އެދުނު ވެރިން ޖަވާބުދާރީ ކުރެވެން ނުޖެހޭތޯ ވިދާޅުވެ ވަނީ ސުވާލުކުރައްވާފައި އެވެ.

އަދި ފަނޑިޔާރުންގެ ބެންޗުން ވަނީ ފައިސާގެ މިފަދަ ބޮޑެތި އަދަދުތަކުގެ މައްސަލަތަކުގެ ލިޔެކިޔުން ހަމަނުކޮށް ކޯޓުތަކަށް އަންނަނީ "ތައްގަނޑު" ޖައްސަވަން ތޯ ވިދާޅުވެފަ އެވެ.

މިފަދަ ބޮޑެތި ގޯސްތައް ހެއްދެވި އިންސާނުން ކޮބާ ތޯ، ކުންފުނި ކުއްވެރިވާއިރު އެ އިންސާނުން ޖަވާބުދާރީ ނުކުރެވެނީ ކީއްވެތޯ، މި ފަދަ ތަކުރާރު ގޯސްތައް ހެދުމުން ޕީއެސްއެމް އަށް އެތައް މިލިއަނުން ގެއްލުން ވެފައި އެބަހުރި

- ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ.

ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި އެގްޒެކެޓިވް ބިއުރޯގައި ހަދަން އިލއުލާން ކުރީ މިހާރު ރައީސް އޮފީހުގެ މިނިސްޓަރު ހަލީލްގެ ޕީއެސްއެމްގެ ވެރިއަކަށް ހުންނެވިއިރު އެވެ.

މި މައްސަލަ ބައްލާވާ ބެންޗުގެ ރިޔާސަތަކީ އިންނެވި ފަނޑިޔާރު މުހައްމަދު ސަލީމް ވެސް ވަނީ ޕީއެސްއެމްގެ ވެރިންގެ ފުށުން ކުންފުންނަށް ލިބިފައި ހުރި ގެއްލުމުގެ ތަފްސީލު ދެއްވާ އަދި މިފަހުން ވެސް އެފަދަ ވާހަކަތައް މީޑިއާތަކުން ރިޕޯޓް ކުރަމުން އަންނާނީ ދައުލަތުގެ މާލިއްޔަތު ގާނޫނުގެ ބޭރުން ޕީއެސްއެމްގެ ވެރިއެއްގެ ދަރީގެ އެކައުންޓަށް ފައިސާ ވަނުން ހިމެނޭހެން ޕީއެސްއެމް ރައްޔިތުންގެ ޓެކްސް ފައިސާއިން ހަދަމުންދާ ގޯސްތައް ތަކުރާރު ނުވާނެ ބަހުސެއް ކުރުމަށް އެދިލައްވާ ފައި އެވެ.

ފަނޑިޔާރު އެ ފާހަގަ ކުރެއްވީ ޕީއެސްއެމް އިން ޑޮލަރު މާރުކުރުމަށާއި އާމްދަނީން އަދި ތިޖޫރީން ނުވަ މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށާއި ގިނަ އަދަދެއްގެ ފައިސާ ކުރީގެ ފައިނޭންސް ޑިރެކްޓަރާއި އޭނާގެ ދަރިއެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވި މައްސަލަ އަށެވެ.

ހައި ކޯޓުގައި އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސެއިން މަޒީދެވެ.

ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕީއެސްއެމްގެ ވަކީލު އަލީ ރިޒާ ވަނީ އެގްޒެކްޓިވް ބިއުރޯ އިން ކޮށްފައިވާ މަސައްކަތަކީ ޕީއެސްއެމްގެ ޕްރޮކިއުމަންޓް އުސޫލުތަކާ ހިލާފަށް، އެ މަސައްކަތް ހަވާލުކުރުމާ ގުޅޭ ސައްހަ ލިޔެކިޔުމެއް ނެތި، އުސޫލާ ހިލާފަށް ބަޔަކާ ހަވާލުކޮށްގެން ކޮށްފައިވާ މަސައްކަތެއް ކަމަށް ކޯޓުގައި އެއްބަސްވެފައި އެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކުރަމުން އަންނަ ޕީއެސްއެމްއަކީ ސަރުކާރުގެ ޕްރޮޕެގަންޑާ މެޝިނަކަށްވެ އެތަނުގެ މިހާރު އަދި ކުރީގެ ވެރިން ހަދާފައިވާ ގޯސްތަކުގެ ސަބަބުން އެކުންފުނީގެ ދަރަނި ހުރީ 250 މިލިއަން ރުފިޔާގައި އިން މަތީ ގައި އެވެ. ޕީއެސްއެމްގެ ދަރަނީގެ އެއް ވާރުތަވެރި އަކީ މިހާރު ރައީސް އޮފީހުގެ މިނިސްޓަރު ހަލީލް އެވެ. އެކަން ހާމަވަނީ ޕީއެސްއެމްގެ ދަރަނީގެ ހާލަތު އެންމެ ބޮޑަށް ގޯސްވެފައިވަނީ ހަލީލް ޕީއެސްއެމްގެ ވެރިއަކަށް ހުންނެވި ދުވަސްވަރު ހެއްދެވި އެއްބަސްވުންތަކުން ކަން ކޯޓުތަކުގައި ހިގާ މައްސަލަ ތަކުން ސާފުވެ އެވެ. އެކަށީގެން ނުވާ ބޮޑު އަގަކަށް ބިއުރޯ ހެދުމުގެ އިތުރުން، އިތުރު ކަންކަމުގައި ވެސް ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެ އެކަމުގެ ތަހުގީގުތައް އޭސީސީ އަދި ބައެއް މައްސަލަތައް ކޯޓުގައި ވެސް އެބަ ހިނގައެވެ.

ބައެއް އަމިއްލަ ކުންފުނިތަކުން މިހާރު ވެސް ކޯތުތަކުގައި އަންނަނީ ޕީއެސްއެމްއާ ދެކޮޅަށް އެކި މައްސަލަތަކުގައި ދައުވާކުރަމުން ނެވެ. މީގެ ގިނަ މައްސަލަތައް ފޯލް ވަނީ ރައީސް އޮފީހުގެ މިހާރުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ވެރިއަކަށް ހުންނެވި ދުވަސްވަރާ އެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved