

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރާ ސިޔާސީ ދައުވާގެ ޝަރީއަތެއް މާދަމާއަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.
އެގޮތުން މައްސަލައިގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި 26 މޭ ވާ ހޯމަ ދުވަހު މެންދުރު 1 ޖަހާއިރު ފެށުމަށް ނިންމާފައިވާކަން ތޭރަ އޮންލައިނަށް ވަނީ ކަށަވަރުވެފަ އެވެ.
މާދަމާ އޮތީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައިގެ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ.
ރައީސް ޔާމީން ފްރޭމުކޮށް މީގެ ކުރިން ވ. އަރަށުގެ މައްސަލައިގައި އިއްވި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ހައި ކޯޓުން ވަނީ މައްސަލަ އަލުންބެލުމަށް އަންގާފަ އެވެ. އެފަދައިން ހުކުމް ކުރިއިރު ހައިކޯޓުން ވަނީ ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިނުގަނެވޭނެ ކަން ވެސް ނިންމާ ހުކުމްކޮށްފަ އެވެ.
އާ ހެއްކާ ބެހޭ ބައި ދައުލަތުން ވަނީ ސުޕްރީމު ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލައިގެ އަޑު އެހުންތައް ނިންމާ ހުކުމު ކުރުމާ ހަމައަށް ވާސިލުވެފައިވަނިކޮށް ރައީސް ޑރ މުހައްމަދު މުއިއްޒު ސުޕްރީމު ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން، ތިން ފަނޑިޔާރަކު ސަސްޕެންޑުކުރި ކުރުމާއެކު ސުޕްރީމު ކޯޓުގެ ބެންޗު ހަމަނުވާތީ ވަނީ މަޑުޖެހިފައެވެ. އަދި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު މިހާރު ވަނީ ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އިސްތިއުފާ ދެއްވާފަ އެވެ. އޭގެ ފަހުން އައި ފަނޑިޔާރަކު ވަނީ އެ ކޯޓަށް އައްޔަންވެސް ކޮށްފަ އެވެ.
ރައީސް ޔާމީން ފްރޭމްކޮށް ނިމިދިޔަ ސަރުކާރުން އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފުގައި ހައިކޯޓުން ކުރި ހުކުމުގައިވާ ހެކި އެއް ފަރާތްކުރުމުގެ ބައި ދައުލަތުން ސުޕްރީމު ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
މި ސަރުކާރުގައި ރައީސް ޔާމީންގެ މައްސަލަތައް ބަލަން ފަށާފައިވާއިރު، ރިޔާސީ ބަހުސްގައިވެސް އަދި އިންތިހާބުގެ ތެރޭގައިވެސް އަދުގެ ރައީސުލްޖުމްހޫރިއްޔާ ވަކާލާތުކުރައްވާފައިވަނީ ރައީސް ޔާމީންގެ މައްޗަށް ކުރަނީ "ސިޔާސީ" ދައުވާތަކެއް ކަމަށެވެ.
މީގެ އިތުރުން ޖޫން މަހުގެ 17 ވަނަ ދުވަހަށް ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އަޑު އެހުމެއް ތާވަލްކުރުމަށް ގާޒީ ވަނީ ނިންމަވާފަ އެވެ. އަދި ހުލާސާ ބަޔާން އިއްވަން ޖޫން 23ގައި ބާއްވަން ގާޒީ ނިންމެވި ނަމަވެސް ރައީސް ޔާމީންގެ އިސް ވަކީލު ޑރ ޖަމީލު ވަނީ ޖުލައި މަހަށް ހުލާސާ ބަޔާން އިއްވަން ތާވަލްކުރުމަށް އެދިވަޑައިގެންފައިވެ އެވެ.
އެހެންކަމުން ޖުލައި މަހުގެ 20 ވަނަ ދުވަހުގެ 09:00 އަށް ހުލާސާ ބަޔާން އިއްވުންވަނީ ތާވަލްކޮށްފަ އެވެ.
ރައީސް ޔާމީންގެ މައްޗައް ސޯލިހު ސަރުކާރުން ފެށި ސިޔާސީ ދައުވާ ތަކަކީ "ސިޔާސީ ބޭނުމެއްގައި ރައީސް ޔާމީންނަށް ޓާގެޓްކޮށްގެން ކުރައްވާ ކަމެއް ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވި ނަމަވެސް އެމަނިކުފާނުގެ ވެރިކަން ވެސް މިފެންނަނީ ސޯލިހު ސަރުކާރު ފަދައިން ދައުލަތުގެ ބާރުތައް ބޭނުންކޮށް ރައީސް ޔާމީން ކޯޓަށް ދައްމަވާ މަންޒަރެވެ.