ރައީސް މުއިއްޒެވެ. ރުޅިވީ ދުންފަތް ވިއްކާ މީހުން އެކަންޏެއް ނޫނެވެ! / ތޭރަގްރެފިކްސް
ރިޕޯޓު
ރައީސް މުއިއްޒެވެ. ރުޅިވީ ދުންފަތް ވިއްކާ މީހުން އެކަންޏެއް ނޫނެވެ!
Mariyam Isaadha
މަރިޔަމް އިސާދާ
25 މޭ 2025
މާލެ ސިޓީ

ދުންފަތް ކޮންޓްރޯލުކުރަން ތިމަން މަނިކުފާނު ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން ދުންފަތުގެ ވިޔަފާރި ކުރާ ވިޔަފާރިވެރިން އެމަނިކުފާނުގެ ދެކެ ނުހަނު ރުޅި އައިސްފައި ތިބޭ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ދާދި ފަހުން ވިދާޅުވެފައިވެއެވެ.

މިއާ އެކު ހިތަށް އެރީ އެންމެ ސުވާލެކެވެ. ރައީސްއާ ރުޅިވީ ދުންފަތް ވިއްކާ މީހުން އެކަނި ހެއްޔެވެ. މިހެން މި ސުވާލު އުފެދުނީ ގައުމުގެ އެކި ދިމަ ދިމާއަށް ނަޒަރު ހިންގާލުމުން ރައީސް މުއިއްޒުއާ އަދި މި ސަރުކާރާ މެދުވެސް ރުހިފައި ތިބި ބަޔަކަށް ފެންނަނީ ހަމައެކަނި މުސާރައިގެ އަޅުން ކަމަށް ވުމެވެ.

ގައުމުގެ ހާލަތާ ވެރިކަމަށް މިވީ ދޮޅު އަހަރު ތެރޭ ރައްޔިތުން އުފުލަން ޖެހިފައިވާ ތަކުލީފާ ތުރާލުގެ ސަބަބުން ރައީސްއާ މެދު ރުހޭ ބަޔަކަށް ތިބީ މަގާމުގެ ދަހިވެތިކަމުގައި ނަފްސު ވިއްކާލައިގެން ތިބި ޕާޓީ ކުދިންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އޭގެ ތެރޭގައި ވެސް ގިނައީ ނުރުހޭ، ނަމަވެސް ވަޒީފާއަށް ޓަކައި އަނގަ ބަންދުކޮށްގެން ތިބި މީހުން ކަމަށް ބުނެ ކިޔާތި އަޑު އިވެއެވެ.

ކޮންމެ އަކަސް ރައީސް މުއިއްޒުއާ މިއަދު ރުހެވޭނެ އެއް ގޮތެއް ވެސް ގައުމުގެ އުޑު ހިޔާ ދަށުން ފެންނަން ވެސް ނެތީއެވެ. ބޭސް ފަރުވާއަށް ސަލާން ޖަހަން ޖެހިފައެވެ. އާސަންދަ އެންސްޕާއަކީ ވަކި ބައެއްގެ ތަރިކަ މުދަލަކަށްވެ ބޭސް ސިޓީގައި ހުންނަ ބޭސްވެސް ރައްޔިތުންނަށް ހިލޭ ލިބޭ ގޮތެއް މިހާރު ނެތެވެ.

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުންގެ އަނގަޔާ އަތާ ދިމާނުވެފައެވެ. މީގެ ކުރިން 1000 ރުފިޔާ އަރަމުން އައި ކަރަންޓު ބިލުތައް ތިން ގުނަ ހަތަރު ގުނަ ބޮޑުވެއްޖެއެވެ.

ބޭރު ފައިސާ ގަންނަން ލިބޭ އަގަށް ބަދަލެއް ނައިސް އަތު ފަތު ނުޖެހި މައްޗަށް އަރައިގެން ދަނީއެވެ. ރައީސް މީހާ ވިދާޅުވި ފަދައިން ނުހިފެހެއްޓުނެވެ.

ވިޔަފާރިތައް ނުހިންގި ތަންތަނުގެ ކުލި ނުދެއްކި އެތައް ވިޔަފާރިއެއް ބަންދުކޮށް ވިޔަފާރިވެރިން ގޭގައި އިނދަ ޖެހި ލޯން ދައްކާނެ ގޮތް ހުސްވެފައެވެ.

ބޭރުގައި ތިބޭ ކިޔަވާ ކުދިންނަށް ލިބެންވާ ފައިސާކޮޅު ނުލިބި އެކުދިން ގައުމުން ބޭރުގައި ހާލުޖެހި މައިންބަފައިން ގޮތް ހުސްވެފައެވެ. ސިޔާސީ ބޭނުމަށް ވަޒީފާތައް ކަމަށް ގާބިލު ނޫން މީހުންނަށް ބަހާ ތައުލީމީ ޒުވާނުން ބާކީވެ ގޮތް ހުސްވެފައެވެ.

ރައްޔިތުންގެ ވަކީލުން އެމީހުންގެ އަމިއްލަ ފަޔަށް ބަޑި ޖަހާ ޒަޚަމްކޮށްލައިގެން ރައީސް މީހާގެ އޮޅު ހިޔަލުގައި ބެންޑޭޖު އަޅައިގެންނެވެ.

އިގްތިސޯދު ކުރިއަރުވާނެ ގޮތެއް މުރަނގަ ގަސްދޮށު މާލިީންނަށް ނޭނގި ގައުމު ޑިފޯލްޓްއަކާ ދިމާއަށް މިސްރާބު ޖަހަނީއެވެ. ގައުމުގެ މަސްވެރިންނާ ދަނޑުވެރިން ސިނާއަތް އިނދަ ޖެހޭތި ރުޅި ހަދާފައެވެ.

ޕާކިން ނުދައްކާ ވެހިކަލް ޓޯ ކުރާތީ ޑްރައިވަރުންނާ ދުއްވާ ތަކެތީގެ ވެރިން ރުޅި ގަދަވެފައެވެ. ޓެކްސީ ލައިނެއް ތައާރަފްކޮށް ޓެކްސީގެ ވިޔަފާރިއަށް ސަރުކާރުން ވަންނާތީ ޓެކްސީ ޑްރައިވަރުން ރުޅި ގަދަވެފައެވެ.

ރައްޔިތުންނަށާ ގައުމަށް ކަމެއް ކޮށް ނުދީ ގައުމުގެ ބައިތުލް މާލު ތަޅާ ބުރުއްސާތީ ރައްޔިތުން ރުޅި ގަދަވެފައެވެ.

މިހެން ގޮސް ކިޔާފައި ނުކިޔާނެ ކަމެއް ނެތެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ މަނިކުފާނާ މަނިކުފާނުގެ ސަރުކާރާ މެދު ހިތްހަމަ ނުޖެހި ރުޅި ަހދާފައި ތިބި ރައްޔިތުންނެވެ. އެހެންކަމުން މަނިކުފާނާ ރުޅި ހެދީ ދުންފަތުގެ ވިޔަފާރި ކުރާ މީހުން އެކަނި ކަމަށް ހީފުޅުވެފައިވާނަމަ އެއީ ވަރަށް ބޮޑު ކުށް ހީއެކެވެ. އެހެނީ މަނިކުފާނާ ރުޅި ދުންފަތުގެ ވިޔަފާރިކުރާ މީހުން އެކަނި ނޫންވީމައެވެ. ގައުމުގެ މެޖޯރިޓީ މިއަދު ތިބީ ރައީސް މުއިއްޒުއާ ރުޅިންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved