

ޗާގޯސް އަކީ ބަޔަކު ދިރިއުޅޭތަނަކަށް ނުވިޔަސް އެތަނަކީ ދިވެހިންގެ އަށިމަތީގައި އޮތް ތަނެއް ކަމުގައި ކުރީގެ ނައިބު ރައިސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ދިވެހީންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފޯޅަވަހީގައި ހިމެނޭ ޗާގޯސް ދީފައިވަނީ އެތަނައި އެއްވެސް ގުޅުމެއް ނެތް ބަޔަކަށް ކަމުގައި ކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ ޗާގޯސް އަކީ މޮރީޝަސްއަށް އެެއްވެސް ގޮތަކަށް ލިބެން ޖެހޭ ތަނެއް ނޫން ކަމަށާއި އެހެންނަމަވެސް މިތަނަކީ ނުފޫޒުގަދަ ބަޔަކު މޮރިޝަސްއަށް ދީފައިވާތަނެއް ކަމަށެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ޑރ ޖަމީލުވަނީ ޗާގޯސްގެ ކްލެއިމް ދުވަހަކުވެސް ދިވެހިން ދޫނުކުރާކަން ފާހަގަކުރައްވާފައެވެ.
މިތަނަކާއި އެއްވެސް ގުޅުމެއްނެތް މާދުރުގަ އޮތްބަޔަކަށް ދީގެން މިއުޅެނީ އެމީހުންނަކަށް މިތަނެއް އެއްވެސް ގޮތަކަށް، އޭގެ އެއްވެސް އާގިއުމެންޓެއް ނުވެސް ނެތް، ހަމައެކަނި އޮތް އެއްޗަކީ ބާރުގަރަ ނުފޫޒުގަދަ ބަޔަކު ނަގާފަ މިތަން އެމީހުން އަތަށް ދިނީ! ދިނީ މަ އެމީހުންނަށް އެލިބުނީ!
ދުނިޔޭގެ އުސޫލަކަށް ބަލާ ކަމުގައި ވަނީނަމަ ޗާގޯސް އަކީ ދިވެހީންގެ ތަނެއް ކަމުގައިވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.
ދިވެހިން އަތުން މިއަދު ގެއްލިފައި މިވާ އެއްޗަކީ އިހުސާސުވެސް ނުކުރެވޭހާ ބޮޑުއެއްޗެއް ކަމަށާއި، ހަމައެކަނި ދިވެހިން އަތުން ގެއްލިފައިވަނީ ބިންކޮޅެއް އެކަންޏެއް ނޫންކަމާ މިއަދު ރައްޔިތުން އަތުން ގެއްލިފައިވަނީ އެބިން ކޮޅާއި އެކީ އެސަރަހައްދަށް ނިސްބަތްވާ ކަނޑުގެ ސަރަހައްދުވެސް ކަމުގައި އެބޭފުޅާވަނީ ވިދާޅުވެފައެވެ.
ދިވެހިންނަކީ އެއް އިރެއްގައިވެސް ދިވެހިންގެ ފަސްގަނޑުން އެންމެ އިންޗިއެއްވެސް ދޫކުރަން އެއްބަސްވާނޭ ބައެއް ނޫން ކަމަށާއި މިއަދު ދިވެހިންނަށް ގެއްލިފައިވާ ބިން ހަނދާން ނުނެތޭނެ ކަމުގައިވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.