ރައީސް ޔާމީން ޕީއެންއެފްގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން
ސިޔާސީ
ކަނޑުގެ ސަރަހައްދަށް ބަލައިފިނަމަ އިންޑިއަން އޯޝަންއަށް ކިޔާނީ މޯލްޑިވިއަން އޯޝަން: ރައީސް ޔާމީން
Hussain Nawaf
ހުސައިން ނަވާފް
26 މޭ 2025

ކަނޑުގެ ސަރަހައްދަށް ބަލައިފިނަމަ އިންޑިއަން އޯޝަންއަށް ކިޔާނީ މޯލްޑިވިއަން އޯޝަން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީހުގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސް އާއި ދާދި ފަހުންވަނީ އިނގިރޭސި ވިލާތުން ހަވާލުކޮށްފައެވެ.

އެކަމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެ ޖަޒީރާއަކީ ޖިއޮގްރިފިކަލީ ވަރަށް ސާފުކޮށް ރާއްޖެއަށް ނިސްބަތްވާ ރާއްޖެއިން އެ ތަނުން މަންފާ ހޯދަމުން އައި ތަނެއް ކަމަށެވެ. އަދި ދިވެހިރާއްޖެއިން އެ މައްސަލަ އާއި ގުޅިގެން އެކަށޭނެ އެއްވެސް މަސައްކަތެއް ނުކުރުމުން ރައީސް ޔާމީންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިއަދު އެތަން ބަލަހައްޓާނީ އިންޑިއާގެ ނޭވީ ކަމާއި ރާއްޖޭގައި އޮތީ މަނަވަރަކާއި ޑްރޯނެއްކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑަށްވެސް ގަބޫލު ކުރެވޭ ޓްރަމްޕް. ހައުއެވަރ އަންރީޒަނަބަލް އިޓް މޭ ސައުންޑް. އޭނަ ކުރާ ރަނގަޅު ކަންކަންވެސް ހުރޭ. ގަލްފް އޮފް މެކްސިކޯ އޭނައަށް ކަމަކު ނުދިޔަ. އޭނަ ބުނީ އެއީ ގަލްފް އޮފް އެމެރިކާ އޭ. އެއީ މިތާ ބޮޑު ކަނޑުގެ ސަރަހައްދު އޮންނާތީ. އިންޑިއާ އަކީ އެންމެ ގަދީމީ ޒަމާނުއްސުރެއް އޮންނަ ތަނަކަށް ވާތީ މިތަނަށް އިންޑިއަން އޯޝަން ކިޔަނީ. އެކަމު ކަނޑުގެ ސަރަހައްދަށް ބަލައިކަމުގައި މިއީ މޯލްޑިވިއަން އޯޝަން. އިންޑިއަން އޯޝަނެއް ނޫން. މިތަނުގައި ކަނޑުގެ ސަރަހައްދު ބޮޑީ އަޅުގަނޑުމެންގެ. އަޅުގަނޑުމެންގެ މަސްކަނޑުތައް ހުރަސްކޮށް ނޫނީ އިރުން ހުޅަނގަށް ދާ ނުވަތަ ހުޅަނގުން އިރަށް ދާ އެއްވެސް އެއްޗަކަށް ނުދެވޭނެ.

- ރައީސް ޔާމީން.

އެހެންކަމުން މިއީ މޯލްޑިވިއަން އޯޝަން ކަމާއި އެފަދަ ކަންކަމަކީ ސްޓްރެޓީޖިކް ކަންކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ އިކޮނޮމިކް ޒޯނުގެ ތެރޭގައި އޮތް މިފަދަ ބޮޑު ހިސާބެއް ގެއްލުމަކީ އިހުމާލެއް ކަމާއި މިއަދު ސަރުކާރުން އެތަން ދޫކޮށްލި ފަރާތްތަކާއި މެދު ތަހުގީގެއްވެސް ހިންގަން ބޭނުން ނުވާ ކަމަށް ވިދާޅުވެ ރައީސް ޔާމީންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި މައްސަލައިގައި ދިވެހިންގެ ކްލެއިމް ދޫކޮށްލުމުގެ ބަދަލުގައި ކުރީގެ ސަރުކާރާއި މި ސަރުކާރުގެ ބޭފުޅުންނަށް މާއްދީ މަންފާތަކެއް ލިބުނުކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved