

މި ސަރުކާރުގެ ހާރިޖީ ސިޔާސަތުތަކާއި އެ ދާއިރާ ލީޑު ކުރައްވަން ތިއްބެވި ފަރާތްތަކަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބުގެ މަގާމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު އައްޔަން ކުރައްވައިފި އެވެ.
ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒުއާ ދެކޮޅަށް ކެމްޕެއިން ކުރެއްވި ވަހީދު އެ މަނިކުފާނުގެ ސްޕެޝަލް އެންވޯއީގެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މިއަދުގެ ރަސްމިއްޔާތަށްފަހު ދެ ރައީސުން ބައްދަލުކުރައްވާ މަޝްވަރާކުރެއްވި އެވެ. މި ބައްދަލުވުމުގައި ވަހީދަކީ ވަރަށް ގާބިލު ބޭފުޅެއް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު އެމަނިކުފާނުގެ އަރިހުން ސަރުކާރުގެ ޖާރިޖީ ގުޅުންތައް ވަރުގަދަ ކުރުމަށް އެދިވަޑައިގެންނެވި ކަމަށް މިކަމާ ގުޅިގެން ރައީސް އޮފީހުން އާންމުކުރި ހަބަރުގައި ބުނެފައިވެ އެވެ.
އެގޮތުން އިގުތިސޯދީގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ގައުމުތަކާއެކު މަޝްވަރާކުރެއްވުމަށް އިރުޝާދު ދެއްވާ އަލަށް އައްޔަންކުރެއްވި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރައީސް މުއިއްޒުގެ ފަރާތުން ވަހީދަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަގާމުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ކަމަށް ވިދާޅުވެ ސަރުކާރަށް ހިދުމަތް ކުރަން ފުރުސަތު ދެއްވީތީ ވަހީދު ރައީސް މުއިއްޒު އަށް ޝުކުރު ދެންނެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުން އެންމެ 5 ޕަސެންޓު ވޯޓް ލިބިވަޑައިގެންނެވީ ވަހީދަކީ ސިޔާސީ ގޮތުންނާއި ތައުލީމީ ގޮތުން ވެސް ވަރަށް ގިނަ ތަޖުރިބާ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެގޮތުން އެ މަނިކުފާން ވަނީ, ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމު ވެސް އަދާކުރައްވާފައެވެ.
އަދި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ތައުލީމީ ދާއިރާގެ އިސް މަގާމުތަކެއް ވެސް ފުރުއްވައިފަ އެވެ. އެ މަނިކުފާނަކީ ޔުނިސެފުގައި ވެސް އިސް މަގާމުތަކެއްގައި ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއިގެ މަގާމަށް ވަހީދު އައްޔަން ކުރެއްވިއިރު، 2023 ގެ ރިޔާސީ އިންތިހާބަށް އޭރުގެ ޕީޕީއެމްގެ ޓިކެޓާ މެދު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ވަހީދު ވަނީ އެ ހިތްހަމަނުޖެހުމުގެ ތެރޭގައި އެ އަހަރުގެ ސެޕްޓެމްބަރު މަހު އެ ޕާޓީން ވެސް ވަކިވެވަޑައިގެންފަ އެވެ.
ވަހީދު އެ ދުވަސްވަރު ވިދާޅުވެފައި ވަނީ ކޯޓު ހުކުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ޓިކެޓު ލިބިވަޑައިނުގަތުމުން އެ ފުރުސަތު އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރެއްވި ކަމަށެވެ.
މި ވެރިކަމުގައި މިހާތަނަށް ވަކި މަގާމެއްގައި ނުހުންނެވި ނަމަވެސް އެކި ހަފުލާތަކުގެ ކުރީ ސަފުން ރައީސް މުއިއްޒު އާއެކު ވަހީދު ފެނިގެން ގޮސްފައިވެ އެވެ.
ޕީޕީއެމްގެ ޓިކެޓުގައި ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތިނުލެއްވޭނެކަން ޔަގީންވުމާ އެކު ޕީޕީއެމް-ޕީއެންސީގެ ސެނެޓުގައި ނެގި ވޯޓު ބައްލަވައިގަނެގެން، އެމްޑީޕީގެ އެޖެންޓެއްގެ ގޮތުގައި މުއިއްޒު ނިކުންނެވި ކަމަށް ވެސް ވަހީދު ވަނީ ކުރިން ސިފަކޮށްފައި އެވެ.