ނަމަ އަކީ ވަރަށް ބާރު ގަދަ ލަފުޒެކެވެ. ހަގީގަތާއި ހަސީލަތާއި ދެމެދުގައި ލެވޭނެ އެންމެ ހަނި ފާހަރަކީ "ނަމަ" މި ލަފުޒެވެ. ތިމާ އަނެކާގެ ފަރާތުން ހާސިލްކުރަން ބޭނުންވާ ކަންތައްތަށް އެންމެ ފަސޭހައިން ހާސިލްކުރުމަށް ދޫކޮށްލެވޭ ތީރަކީވެސް، "ނަމަ" އެވެ. ނަމައިގެ ނިވާފަތްގަނޑުގެ ދަށުގައި ހުރެގެން ނިކަން ފަސޭހަމަކަމާއެކު ކަންކަމުން ބޯދަމައިގަނެވެއެވެ. ނަމައިގެ ހިމާޔަތްތެރިކަން ލިބިފައިހުރި މީހަކަށް، ނުވާނެ ހަމައެއްކަމެއްވެސް ނޯންނާނެއެވެ.
ނަމައަކުން ވާނެނަމަ، އިންސާނުން ދުނިޔޭގައި ތާއަބަދަށް އުފާވެރިކަންމަތީގައި އުޅޭނެއެވެ. ނަމައިން ކަމެއް ވާނެނަމަ މުސްކުޅިނުވެ ނޫކަށި ޅަ ޒުވާނެއްގެ ގޮތުގައި އެންމެންވެސް ތިބެނެއެވެ. ޖަނަވާރުން ވާހަކަ ދައްކާ އިންސާނުން ތަހަރު މުއްގަޑުގައި އުޅެންފަށައިފާނެއެވެ. ވަގުތުގެ ތެރެއިން ރެއާ ދުވާލާއި މެންދުރާ ހެނދުނާ ލުހާ ވަކިނުވެ، އޮންނާނީ އެއްވެފައެވެ. ފާއިތުވި ވަގުތެއް ބޭނުންވިއިރެއްގައި އަނބުރާ ގެނެވި، ފާގަތިވި އެތައް ގަރުނެއްގެ ފަހަތަށް ދަތުރުކުރެވުނީސް، އެހެން ނޫންތޯ؟ ނަމައަކީ ހަގީގަތެއްކަމުގައި ވާނަމަ، ހަނދުގަ ދެފައި ޖައްސާލަމީހުން އިރުގަވެސް ދެފައި ޖައްސާލަންވީ ނޫންތޯ؟
އެހެންކަމުން، ނަމަ އަކީ އޭގައި ހަގީގަތުގައިވެސް އެއްވެސް ވަރެއްގެ އަސްލެއް ނެތް ލަފުޒެއްކަން އެބަ އިނގޭ! އެހެން ނޫންތޯ؟ ކަންމިހެން ހުރި ނަމަވެސް "ނަމަ" މި ލަފުޒަކީ މިއަދު ސިޔާސީ ލީޑަރުން ރައްޔިތުންނަށް އޮޅުވާލުމަށް ބޭނުންކުރާ އެންމެ ބާރުގަދަ ހަތިޔާރަށް ހައްދަވައިފިއެވެ. "ނަމަ" އަކީ މިއަދު ރައްޔިތުން ކުރިމަތީގައި އެބޭފުޅުން ހައްދަވަމުން ގެންދަވާ ވައުދުތައް ގިރިޓީ ކުރުމަށް ގެންގުޅޭ ކަންވާރަކަށް ވަނީ ހައްދަވާފައެވެ. ހިތާމައަކީ "ނަމަ" އޭ ވިދާޅުވެ އެބޭފުޅުން އެކިއުއްވާ އަންބާގަ ޖެހި ދިވެހިން ގެނބެމުން ދާތީއެވެ. "ނަމަ" އަކީ ހަގީގަތަކަށް ވާނެ އެއްޗަކަށް ނުވާއިރު، އޭގެ ޖަޒުބާތުގައި ޖެހި ބެހިގެން އޮޔާދާތީއެވެ.
އަޅުގަނޑުގެ ވާހަކައިގެ އަމާޒު މާ ދުރުނޫން މާޒީއަކަށް ބަދަލުކޮށްލާނަމެވެ. ވެރިކަމުގެ ބާރުތައް އަނބުރާ ހޯއްދެވުމަށް ބަޔަކު އުޅުނު ގޮތުގެ ހަނދާންތައް އާކޮށްލާނަމަވެ. ވެރިކަމުގެ ބާރުތައް ރައްޔިތުން ނުދީފާނެއޭ ހީވިއިރު ރައްޔިތުންގެ ފަސްފަހަތުން އުޅެންފެށީ އާޝިގަކު އޭނާގެ މައުޝޫގާގެ ފަހަތުންވެސް ނޫޅޭނެހާ ވަރަށް ބޯދީގެންނެވެ. ވޯޓު ދީފިނަމަ ރައްޔިތުން ގެންގުޅޭނީ ނަގައި ބޮލަށް ލައިގެންކަމަށް ދިޔައީ ބުނަމުންނެވެ. އަގުލަބިއްޔަތު ދީފިނަމަ، ޕޮލިމަރު ނޫޓުން ރައްޔިތުންގެ ހިތް ފުރާލަ ދޭނެކަމަށް ދިޔައީ ބުނަމުންނެވެ. ހޮވައި ދީފިނަމަ، ރައްޔިތުންގެ ގުލާމުންނަށް ވެގެން ގުލާނުކޮށްދޭނެކަމަށް ބުނެ ދިއައީ ވައުދުތައްވަމުންނެވެ. ވެރިކަމަށް އާދެވިއްޖެނަމަ ސާދާ ދިވެހީންގެ ރާއްޖެއެއް ގެނެސްދީ ތަރައްގީއިން ރާއްޖެ ޖަރީކުރާނެކަމަށް ދިޔައީ ބުނަމުންނެވެ. އިންސާފު ގާއިމްކޮށްދީ، އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި މޭ އައްޑަނައަކަށް ހަދާނެކަމަށް ބުނެ ދިޔައީ އަހުދުތައް ވަމުންނެވެ. މި ބޭފުޅުންގެ ދުލުން ދިވެހިންނަށް ކޮށްދީފައި ނުކޮށްދޭނެ ހަމަ އެއްކަމެއްވެސް އޭރަކު ނެތެވެ.
ރާއްޖޭގެ އިގްތިސޯދު ކުރިޔަށް ގެންދިއުމަށް ވަޒީފާއަދާ ކުރާ މީހުންގެ ނިސްބަތް އިތުރުކުރުމަކީ ގައުމުގެ ކުރިމަގަށް ވަރަށް ވެސް މުހިއްމުކަމެކަށާ. އަދި ގައުމު ހިނގައިގަތުމަށް ޒުވާނުންގެ ބޭނުން ވީހާ ވެސް ބޮޑަށް ހިފުން ވަރަށް މުހިއްމުކަމަށްވެސް ބުންޏެެވެ. ވާރތަވަމުން އަންނަ މުދަލުގެ އުސޫލުން ސަރުކާރުނތަކުން ވާރުތަވަމުން އަންނަނީ ދަރަނި ކަމަށް ވުމުން އެ ދަރަނީގެ ސަބަބުން އައު ސަރުކާރަށް ނުހަނު ތުރާލާ އުނދަގޫ ކުރިމަތި ވާ ވާހަކަ އަޑު އިވެއެވެ. މިފަހަރުގެ ވެރިންވެސް ކިޔަން ފެށީ ހަަމަ އެލަވައެވެ. ނަމަވެސް ނަމައިގެ ބުޅީގައި ދޮގު ވައުދުތައް އެޅުވުމަށްފަހު އަޅަންފެށި ދޮށީގައި ދިވެހިންގެ މައުސޫމު ހިތްތައް ޖެހެންފެށީ ތަރައްގީއަކީ ވެރިއަކު ކޮށްދެއްވަން ހުރިނަމަ ހަމަޔަގީނުންވެސް ގެނެސްދެވޭނެ އެއްޗެއްކަން ރައީސް ޔާމިންގެ ވެރިކަމުގައި ދިވެހިންނަށް ފެނި އަތުން ހިފާފައިވާތީއެވެ.
ކޮންމެ އަކަަސް ރިޔާސީ ވައުދުގެ ތެރޭގައި ދެއްކިހާ އަވާމެންދުރު ބިނދުނު ފެންނެތް ބޮޑެތި ކާށިތަކުގެ ވާހަކަ އެއް މިހާރު ނެތެވެ. މިހާރު އިވެނީ ހިކި ތިން ކުރާގަނޑެއްގެ ވާހަކައެވެ. ކުރިއަށް އޮތީ ދަތި ތިން މަސް ދުވަހެއްގެ ވާހަކައެވެ. ތަރައްގީގެ މަޝްރޫއުތައް މަޑު ޖައްސާ ރޭވުންތެރިކަމާ އެކު ހިންގަން ޖެހުނު ވާހަކައެވެ.
މިވަނީ ކިހިނެއް ހެއްޔެވެ. ކުރިން ބުނީ އިސާހިތަކު އިގްތިސޯދު ވެންޓިލޭޓަރުން ނަގާ ހަމަ ނޭވާ ލައްވާނެ ވާހަކައެވެ. ނަމަވެސް ވެރިކަމުގެ ހަނީ މޫން ނުނިމެނީސް މި އިވެން ފެށީ އިގްތިސޯދުގެ އުއްމީދު، މަލީ ޑޮކްޓަރުން ކަނޑާލި ވާހަކައެވެ. ޑޮލަރު ދަނީ ފަތު އަޑު ކިޔާފައި މައްޗަށެވެ. ކުރިއަށް ރޯދަ މަސް އޮތްއިރު ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައެވެ.
މަސްވެރިން މަސައްކަތް ހުއްޓާލާ ކުރިން ކޮށްފައި ހުރި މަސައްކަްތުގެ އުޖޫރު ހޯދަން އިހުތިޖާޖުކުރުމުގައެވެ. މިއި މިއަދު މިގައުމުގެ ހާލަތެވެ.
ނަމަވެސް ހިކި ތިން ކުރާ ގަނޑަކާ ދަތި ތިން މަސް ދުވަހުގެ އެލާޓުގެ ރަނގަބީލު ޖެއްސެވުމަށްފަހު ރައީސް މީހާ ފަރސްޓު ކްލާހުގައި މެނުވީ ދަތުރު ނުކުރައްވައެވެ. ސަރުކާރު ވެރިން ދަތުުރކުރާނީ އިކޮނޮމީ ކިލާހުގައޭ ކިޔާ ރައްޔިތުންނަށް އޮޅުވާލުމަށްފަހު ފަރސްޓު ކިލާހުގައި ދަތުރު ކުރަނީ ޕްރޮޓޮކޯލުއާ މަތިކުރަމުންނެވެ. އެހެންވިއްޔާ ސަޅި ބައިސާ ނުކަނޑާނާތީއެވެ.
ބޫމް ބޫމް އަޅާފައި ކުރައްވާ ދަތުރުފުޅުގައި ގެންދަވާ ވަފުދުގެ އަދަދުވެސް ތަންފުކެއްވެސް މަދު ނުވެއެވެ. ހިތްޕުޅާ ވާ މީޑިޔާތކުން ފެށީގެންގިސް ދައުލަތުގެ އެންމެ ކަމުދާ ވުޒާރާތަކުގެ ވަޒީރުންނާ ނައިބުން ފެންވަރުގެ ބޭފުޅުންނެވެ. ހިތަކަށް ގައުމުނ ލިބިފައި އޮތް ނަމަވެސް މަނިކުފާނު ހަނދާން ކުރަންވީ ކަމަކީ ިއީ ބައެއްގެ އަމާނާތް ކަމެެވެ. ތިކަމާ މެދު ސުވާލުވެވޭނެ ދުވަހެއް އަންނާނެކަން ޔަގީނެވެ. މަނިކުފާނުގެ "އިން ލޯސް" އަކީ މިކަމުގެ އިލްމު ނުހަނު ރަގަޅަށް ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށްވުމުން ނިކަން އައްސަވަ ބައްލަވާށެވެ.
ހިކި ތިން ކުރާ ގަނޑުގެ އިންޒާރު ރައްޔިތުންނަށް ދީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދެވުމަށް ފަހު މަނިކުފާނު ދުނިޔެ ވަށާ ބުރާސްޕަރީއެއްހެން ތިޔަ ދަތުރުކުރައްވަނީ އޭގެ އެންމެ މަތީ މަންތީ ފަންތީގައެވެ. އެހެންކަމުން ތިޔަ ވިދާޅުވަމުން ގެންދާ ބަހުގެ މާނައެއް ދޭހައެއް ނުވެއެވެ.