

ފުލުހުންގެ ފަރާތުން ގެންދަވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ދެކޮޅަށް ހެކި އުފައްދަމުންކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅުވާ ކުރީ ސަރުކާރުން އުފުލި ސިޔާސީ ދައުވާތައް ތަކުރާރުކޮށް މި ސަރުކަރުން ކުރިއަށް ގެންދާ ޝަރީއަތުގެ މިއަދުގެ އަޑު އެހުން ނިންމަވާލެއްވުމަށް ފަހު ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައެވެ.
ދައުލަތުން މިއަދު ރައީސް ޔާމީނާއި މެދު އަމަލު ކުރަމުންދަނީ ވަކި އުސޫލަކަށްކަމާއި އެ މައްސަލައިގައި ހިމެނޭ އެހެނިހެން ފަރާތްތަކަށް އެކި ވަރުގެ ލުއިތައް ދީފައިވާކަމަށް އެމަނިކުފާނު ފާހަގަ ކުރައްވާ އެ ކަމާއި ގުޅިގެން އިންސާފު ލިބުމަށް އެތައް ހުރަސްތަކެއް ކުރިމަތިވާކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.
ޝަރީއަތެއްގެ އަދުލުވެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭނުން ކުރާ އެއް ރުކުނަކީ އަދުލުވެރި ތަހުގީގެއް ހިންގުންކަމާއި މި މައްސަލައިގެ ތަހުގީގު ތެރޭގައި ކޭސް ތަހުގީގު ކުރިއިރު ހުރި އިންޗާޖް އޭސީޕީ މުހައްމަދު ރިޔާޒު މި މައްސަލައިގައި ހިމެނޭ ކުރިކް ރިޒާއަށް ގުޅުއްވާ ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސް ދެއްވުމަށް ހުށަހެޅުންތަކެއް ހުށަހެޅިކަން ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ. އަދި ރައީސް ޔާމީނަށް ކުރާ ހުރިހާ ދައުވާއެއްގައި ދައުލަތުން އިސްވެ އޮވެ ހެކި އުފައްދަމުން ގެންދާކަމަށް ޑރ ޖަމީލް ތުހުމަތުކުރެއްވިއެވެ.
މިއަދު ޖިނާއީ އަދުލުގެ ނިޒާމުގެ ފުރަތަމަ މަރުހަލާ އޮތީ ގޯސްވެފައިކަމާއި އެއީ އިންސާފުވެރި ތަހުގީގެއް ހިންގުންކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.
އަދި އިންސާފުވެރި ތަހުގީގެއް ނުހިންގިއްޖެނަމަ އިންސާފުވެރި ޝަރީއަތަކާއި ދައުވާއެއް ވެސް ކުރިއަށް ނުގެންދެވޭނެކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ރައްޔިތުން ހޮއްވެވީ މި މައްސަލަ ހައްލު ކުރުމަށްޓަކައި ކަމާއި އެފަދަ ނުފޫޒުތައް ޝަރީއަތަށް ވަނުން ހުއްޓުވަށް ކަމަށް ވިދާޅުވެ މިއަދު ރައީސް މުއިއްޒުގެ ޕީޖީން ދަނީ ހަމަ އެފަދަ ދައުވާތަކެއް ކުރަމުންކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. އަދި މިއަދު ކުރިއަށް ދާ ދައުވާތައް ހިންގަނީ ރައީސް މުއިއްޒުގެ ސީދާ އިރުޝާދުގެ މަތީންކަމަށް ޑރ ޖަމީލް ތުހުމަތު ކުރެއްވިއެވެ.
ދިފާއީ ހެކީންނަށް ނުފޫޒު ފޯރުވުމަށް ދައުލަތުން މަސައްކަތް ކުރި ކަމާއި މިއަދު ހެކި ދިން ފަރާތްތަކުގެ ތެރޭގައިވެސް ނުފޫޒު ފޯރުވަން މަަސައްކަތް ކުރި ހެކި ދިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިންސާފުވެރި ޝަރީއަތެއް ރައީސް ޔާމީނާއި މެދު ހިންގައިފިނަމަ އެ މައްސަލަ ސާބިތު ނުވާނެކަމާއި އެމަނިކުފާނުގެ މައުސޫމްކަން ސާބިތުވާނެކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.
މައްސަލައިގައި ދެން ކުރިއަށް އޮތީ 2 އަޑު އެހުމެއް ކަމާއި އެއީ މައްސަލައިގައި ހެއްކާ ބެހޭ ގޮތުން ހުލާސާކޮށް ވާހަކަ ދެއްކުމުގެ އިތުރުން ހުލާސާ ބަޔާން އިއްވުންކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.